ޅ. މާފިލާފުށިން ބަދަލު ކުރި މީހުންނަށް ސަރުކާރުން ދޭންޖެހޭ ބަދަލެއްގެ ގޮތުގައި މާފަރުން 3 ގޯތި ދޫކުރުމަށް ސަރުކާރުން އަންގައިފިއެވެ.

މިކަން އަންގާ ހައުސިންގ މިނިސްޓްރީން މާފަރު ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާއިރު، މާފަރަށް ވަނީ ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައެވެ.

އެތައް އަހަރެއް ފަހުން މާފަރުން ގޯތި ދޫކުރުމަށް އިއުލާންކޮށްފައިވާއިރު، ދޫކުރަން ނިންމާފައިވަނީ، 69 ގޯއްޗެވެ.

ހައުސިންގ މިނިސްޓްރީގެ ސިޓީއާ ގުޅިގެން ކައުންސިލުން ނިންމި ނިންމުމަށްބަލާއިރު، ރަށުން ބޭރު މީހުންނަށް 10 ގޯތި ދިނުމަށް އިއުލާން ކުރުމަށް ވަނީ ނިންމާފައެވެ.

ހަމައެހެންމެ، މި ކަމުގަ ރައްޔިތުންގެ ޚިޔާލު ހޯދުމަށްވެސް ވަނީ ނިންމާފައެވެ.

މާފިލާފުއްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ކެބިނެޓް ބައްދަލުވުމުން ނިންމައި، 05 އޭޕްރީލް 2011 ގައި ސަރުކާރުން އެގޮތަށް ކަނޑައަޅައި، އެ ރަށުގައި ދިރިއުޅެމުން އައި އާއިލާތައް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް 30 މެއި 2013 ގައި އެކުލަވާލިއެވެ.

މާފިލާފުށީގައި ދިރިއުޅެމުންއައި އާއިލާތައް ބަދަލުކުރުމުގައި ޢަމަލުކޮށްފައިވާ އުޞޫލަށްބަލާއިރު، މާލެއަށް ނިޞްބަތްވާ އާއިލާތަކަށް މާލެ ސަރަހައްދުން ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭނީ ޅ.މާފިލާފުށީގައި އެ ފަރާތުގެ ނަމުގައި ގެއެއް ހުރުމާއިއެކު، އެ ފަރާތް ނުވަތަ އެ ފަރާތުގެ އަނބިމީހާ/ފިރިމީހާ ނަން މަތީ ރަޖިސްޓްރީކޮށްފައިވާ 500 އަކަފޫޓަށް ވުރެ ބޮޑު ބިންކޮޅެއް ނުވަތަ ފްލޯއޭރިޔާއެއް ނުވަތަ ބޯހިޔާވަހިކަމެއް މާލެ ނުވަތަ ހުޅުމާލެ ނުވަތަ ވިލިމާލޭގައި ނުވަތަ މާފިލާފުށީގައި ފިޔަވައި ދިވެހިރާއްޖޭގެ އެހެން ރަށެއްގައި ނެތް ނަމައެވެ.

މާފިލާފުށިން ބަދަލު ކުރި މީހުންނަށް ބަދަލު ދީފައިވަނީ ހުޅުމާލެއިންނެވެ.

މާފިލާފުށިން މީހުން ބަދަލުކުރިތާ އެތައް އަހަރެއް ފަހުން 3 މީހަކަށް ބަދަލު ހަމަޖެއްސުމަށް މާފަރުން ގޯތި ދިނުމަށް އަންގާފައިވާ ސަބަބެއް ނޭނގެއެވެ.