ފަނޑިޔާރުންނަށް ފްލެޓް ދޭ ސްކީމެއް ސަރުކާރުން ތައާރަފްކޮށްފައި ނެތުމުން، އެ މައްސަލައިގައި އިހްތިޖާޖަށް ނިކުމެ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ "ކަރުބުޑުގައި ރަހަލާ ވަރު" ކުރަންޖެހޭ ކަމަށް ވިދާޅުވި ޑްރަގް ކޯޓުގެ ގާޟީ މުހައްމަދު ނައީމް އަށް ނަސޭހަތްދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބަރ ގްރޫޕެއްގައި، ފޮނުއްވި މެސެޖްތަކަކީ ފަނޑިޔާރު ލިޔެ އެ ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްކަމަށް ޤާޟީ ނަޢީމް އެއްބަސްވެފައިވާކަމާއި، ޤާޟީ ނަޢީމް ފޮނުއްވި މި މެސެޖުތަކުގެ ބަސްމަގު ހުރިގޮތުން، ވެރިންނަށް ކުރަން ޖެހޭ އަދަބު އިޚުތިރާމު ކަނޑުވައިލެވި ގަދަރު ކުޑަކުރެވިފައިވާކަމަށެވެ.

ޑްރަގް ކޯޓުގެ ގާޟީ ނަޢީމްގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ޑްރަގް ކޯޓުގެ ގާޟީ ނަޢީމަށް ނަޞޭޙަތްދިނުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.

ފަނޑިޔާރުންނަށް ފްލެޓް ލިބެންޖެހޭ ކަމަށާއި އެ މައްސަލައިގައި އިހްތިޖާޖު ކުރުމަށް ގާޟީ ނައީމް ގޮވާލެއްވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދައުލަތުން ފްލެޓް ދިނުމަށް ނިންމި ހަބަރު "ދިވެހި ފަނޑިޔާރުންގެ ގްރޫޕް" ގައި އެހެން ފަނޑިޔާރަކު ހިއްސާ ކުރެއްވުމުން މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

"ފާޑުފާޑުގެ އެއްޗެހި ލާނެ ކަމެއް ނެތް، ހިތްވަރެއް ހުރިއްޔާ ހައްގުތައް ހޯދުމަށް އިހްތިޖާޖް ކުރަން ނުކުތުމަށް (ދިވެހި ފަނޑިޔާރުންގެ) ޖަމިއްޔާއިން ނިންމަންވީ،" ގާތްގަނޑަކަށް 163 ފަނޑިޔާރުން ތިއްބަވާ އެ ވައިބާ ގްރޫޕުގައި ގާޟީ ނައީމް ލިޔުއްވާފައިވެ އެވެ.

އޭގެ އިތުރުން އެ ގްރޫޕުގައި ނައީމް ވިދާޅުވެފައި ވަނީ "އަނގަ ތެޅުމުގެ ޒަމާން މާޒީވެ ހިނގައްޖެ، މިހާރު ބޭނުމީ ހަރަކާތް" ކަމަށެވެ.

ސިވިލް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ޖޭއެސްސީން ބެލި މައްސަލައެއްގައި އަދަބެއްގެ ގޮތުގައި ގާޟީ ނައީމް ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ. ޑްރަގް ކޯޓަށް ބަދަލު ކުރީ އޭގެ ފަހުންނެވެ. އެ މައްސަލަ ޖެހުނީ ކުރީގެ ބަންޑާރަ ނައިބު ޑރ.މުހައްމަދު އަލީ ސަވާދަށް ރުހުން ނުލިބެނީސް ދައުލަތް ހިމެނޭ މައްސަލަތައް ނުބެއްލެވުމަށް ގާޟީ ނައީމް ނިންމެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    ތިޔަފަނޑިޔާރު ތިޔަސަލާމަތްވީ ހިސާނަށް ޑީލެއްހެދުމުންކަންޔަގީނެވެ.

  2. Anonymous

    ތިތާނގަ ނެތް އަދަބު އިހުތިރާމް ކުރަން ޖެހޭ ވަރުގެ އެކަކުވެސް . ހުސް ލާދީނީ ކާޅުން އުޅެނީ

  3. Anonymous

    2018 ގެ ފަހުން އެކުލަވާލި ޖުޑިޝަރީ އިސްލާހު ކޮމިޝަނަށް ކުރެވުނުހާވެސް ކަމަކީ !
    1/ ފަޑިޔާރުން ނާއި ފަޑިޔާރުންގެ އާއިލާތަށް ބަދުނާމުކޮށް ޖެއްސުންކޮށް މާލީގޮތުންވެސް އާއިލާތަކަށް ދަތިކުރުން !
    2/ ބޮޑު ކުލިދީފައި މެމްބަރުންނަށް ފައިދާ ލިބޭގޮތަށް ޖޭއެސްސީ ހިންގަން އަމިއްލަ މީހެއްގެ އިމާރާތެއް ހިފައިގެން މުވައްޒަމުންނަށް ލިބެންވާ އިނާޔަތާއި ކުރިއެރުމުން މުވައްޒަފުން މަހުރޫމްކޮށް ޖެއްސުން ކުރުން !