ނޮވެމްބަރު ނުވަ ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި ގެ ސާފް ކުރަމުން ދަނިކޮށް ފެނުނު ފައިތިލަ އަކީ ނިޔާވި މީހެއްގެ ފައިތިލަ ކަން ފުލުހުން ކަށަވަރުކޮށްދެއްވައިފިއެވެ.

އެގެ ސާފުކޮށް ކުނިތައް ނެގުމުގެ ތެރޭގައި މީހެއްގެ ފައިތިލަ ފެނިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަން ފެށިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެގޭގައި އަލިފާނުގެ ހާދިސާގެ ތަހުގީގުގައި މިހާރު ކުރަމުން ދަނީ ތަހުގީގު ފުރިހަމަ ކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ކަމަށެވެ.

އަދި އެގެ ސާފްކުރަނިކޮށް ފެނުނު އިންސާނެއްގެ ފައިތިލައަކީ، އަލިފާނުގެ ހާދިސާގައި ނިޔާވި މީހެއްގެ ފައިތިލަ ކަން ކަށަވަރު ވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އެ ފައިތިލަ މިހާރު ވަނީ ވަޅުލައިފައެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ނިރުފެހިގޭ ތިރީގައި ހުރި ގަރާޖެއްގައި އެއްޗެއް ގޮވައިގެންނެވެ.

މި ހާދިސާގައި 10 މީހަކު ނިޔާވިއެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ދެ ރައްޔިތަކާއި، އިންޑިއާގެ އަށް ރައްޔިތެކެވެ.

ނިޔާވެފައި އޮއްވައި ފެނުނު މީހުންގެ ހަށިތައް ފެނުނު އިރު، ޖިންސު ވެސް ވަކި ނުވާ ވަރަށް ބައެއް މީހުންގެ ހަށިތައް ވަނީ އަނދައިފައެވެ. މި އެންމެންގެ ހަށިތައް ވެސް ހޯދާފައި ވަނީ ގޭގެ ފުރަތަމަ ފަންގިފިލާއިންނެވެ.