ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ރޯކުރަން ގޮވާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި އައްބާސް އާދިލް ރިޒާ އަށް ޗިޓް ރައްދު ނުކުރެވިގެން ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލް ކުރި ޝަރީއަތް ނުބޭއްވުނެވެ.

އައްބާސްގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލް ކުރީ ހެނދުނު 9 ޖަހާއިރަށެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އަޑު އެހުން ކެންސަލް ކުރީ އައްބާސް އަށް ޗިޓް ރައްދު ނުކުރެވިގެންނެވެ.

އައްބާސްގެ މައްޗަށް ދައުވާ ކުރީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު މީސްމީޑީއާ މަންސާއެއް ކަމަށްވާ "ކްލަބްހައުސް" ގައި އޭނާ ވާހަކަ ދައްކަމުން ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއެވެ.

މީގެ އިތުރުން އޭގެ ޖެހިގެން އައި ދުވަހު ޢައްބާސް ޢާދިލް ރިޒާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

ޕީޖީން ކޮށްފައިވާ ދައުވާ އައްބާސްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެއް އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އިންޑިއާ ހައިކޮމިޝަން ހުޅުޖެހުމަށް ގޮވާލި މައްސަލައިގައި އައްބާސް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހައްޔަރު ކޮށްފައެވެ. އަދި މައްސަލަ ތަހުގީގުކޮށް ނިމުމުން ވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އައްބާސު އެއީ ތަންތަން ފަނާ ކުރާން ނިއުކުލިޔާ ހަތިޔާރު އުފައްދާ މާހިރަކީތޯ ؟ އޭނަ އެފަދަ އެއްޗެއް ކިޔަވާއިގެން ހުރީތޯ ؟

  2. ރިސޯޓް ބޯއި

    މިއީ ސިޔާސީ ދައުވާ އެއް.
    މިޔަކުން އެއްވެސް ފައިދާއެއް ސަރުކާރަކަށް ނުވާނެ. ރައްޔިތުން ބޭނުންވަނީ އިންޑިޔާ ސިފައިން މިތަނުން ބާލަން.

    1
    1
  3. މަންމާފުޅު އަދުރޭ

    ޗިޓް ހަވާލުކުރުމައް ޒިންމާވާ މުއައްޒަފައް ފިޔަވަޅުއަޅުއްވާ، ފަރުވާކުޑަކރަންޖެހޭ ވަރުގެ މައްސަލައެްްނޫންމީ، ވަރަށް ސީރިޔަސް މައްސަލައެއްމީ މިސަރީޢަތް ދެއިރު ބާއްވައިގެންވެސް ވީހާވެސް އަވަހަކަށް ހުކުމްކޮށް ހައްގުއަދަބުދޭންޖެހޭ، ތިސަރީއަތަކީ މިފަދަދެންތިބި މީހުންނަށް އިބުރަތަކަށް ވާންޖެހޭ، އަނގަ އޮތޭކިޔާފަ، މީހުންގެތެރޭ ތިމާމީ މާމޮޅު މީހެކޭ، ގަޓްމީހެކޭ، ބިރުކުޑަމީހެކޭކިޔާ ފޮނިކަނޑަން ބޭނުންހާވާހަކައެއް ނުދެއްކޭނެކަމާ އަދި ހާއްސަކޮށް މީހުންނާ ތަކެއްޗައް ގެއްލުންދޭންގޮވުމަކީ އެއްވެސްވަރަކަށް ބަލައިގަނެވޭނެކަމެއްނޫން

  4. ޕިސްޕިސް

    މި ސިޔާސީ ދައުވާއަކަށް ވާނެ އެއްގޮތެއްވެސް ތި ރިސޯޓް ބޯއި ބުނެބަލަ . . އަނގައޮތެކޭ ކިޔާފަ ބޭނުންހާ އެއްޗެއް ނުކިޔޭނެ . . . ސިޔާސީ ދައުވާއެއްކުރަން އޭނަ އެއީ ކާކު . . އޭނާހގެ ހައިބަތަކީ ކޮބާހޭ . .