ރަޖިސްޓްރީނުކޮށް ހިންގާ ސްކީމްތަކުން މާލީ ގެއްލުމެއް ލިބިފައިވާނަމަ ރިޕޯޓްކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އަންގައިފިއެވެ.

ސީއެމްޑީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، މާލީ ސެކިއުރިޓީޒްގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ އެއްވެސް ބާވަތެއްގެ މުއާމަލާތެއް، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް އެކަމަށް ނަގަންޖެހޭ ހުއްދަ ނުނަގައި ނުވަތަ ލައިސެންސް ނުނަގައި، ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާފަދަ ގޮތަކަށް އިޝްތިހާރުކޮށް އަމަލުކުރުމަކީ މަނާ ކަމެއް ކަމަށެެވެ.

އަދި ރަޖިސްޓްރީ ނުކޮށް ހިންގާ ސްކީމެއްގައި ބައިވެރިވެގެން އިންވެސްޓަރަކަށް ގެއްލުން ލިބިފައިވާނަމަ ލިބޭ ޝަކުވާތަކަށް ބަލައި އެފަދަ މައްސަލަތައް ތަހުގީގުކުރާނެ ކަމަށް ވެސް ސީއެމްޑީއޭ އިން ވަނީ ބުނެފައެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އެއް ފަރާތައްވުރެ ގިނަ ފަރާތުން ފޯރުވައިދޭ ފައިސާއިން ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަށް އިންވެސްޓްކޮށް، ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން، ނުވަތަ އެފަދަ އެހެން ގޮތަކުންނަމަވެސް، ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލި ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަގްސަދުގައި އަދި އެފަދައިން ބަޔާންކޮށް އެ ފޯރުކޮށްދޭ ކޮންމެ ފަރާތަކާ އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓްކުރުމުގެ އެންމެހާ ކޮންޓްރެކްޓަކީ ނުވަތަ މުއާމަލާތަކީ "ސެކިއުރިޓީޒް" މާނައިގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

ސީއެމްޑީއޭއިން ވަނީ މިފަދަ ސްކީމްތަކުގައި އިންވެސްޓްކޮށްގެން އެއްވެސް އިންވެސްޓަރަކަށް މާލީ ގެއްލުމެއް ލިބިފައިވާނަމަ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ އޮތޯރިޓީގެ އީމެއިލް [email protected] އަށް މެދުވެރުކޮށް ޝަކުވާ ހުށައެޅުމަށް އަންގާފައެވެ.

ފައިސާގެ އެކި ސްކީމުތައް ހަދައިގެން އޮޅުވާލައިގެން އާންމުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަނީ ވަރަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މިޗޯރު އިބޫ ވެރިކަމަށް އައިފަހުން ރާއްޖޭގައި މިފަދަ ކަން ކަން އާއްމުވީ ، ގޮތްނޭގޭ މަރުތަށް ބަލާނަމޭ ކިޔާފައި މިކަލޭގެ ވެރިކަމުގައި މިފަދަ މަރުތަށް އިންތިހާޔަށް އިތުރުވީ ވެއްޓިގެންނާ ގެބިގެންނާ ވަޅި ޖަހައިގެން މަރާލި މީހުން މިވެރިކަމުގައި ގުނާ އަދަދު ނުކުރެވޭހާ ގިނަވީ މުސީބާތުގެ ވެރިކަމެއް އިބޫ އިސްތިއުފާ

  2. ޝާން

    މުނީރު ބެންކޮކް މީ ޕޮންޒީ ސްކީމް ހިންގާ އެތައްބަޔަކުގެ ރުފިޔާ ތައް ނަގައިގެން އުޅޭ މީހެއް..މީނަ އިންވެސްޓް ކުރި މީހުންނަށް އެއްމެ ލާރިއެއްވެސް ނުދޭތާ 7 މަސް ވެއްޖެ...ހުސް ވަގުން މިއުޅެނީ

  3. ޒާ

    ޗި. މިއުޅެނީ މުޅި މަޖިލީހާއި ކުންފުނިތަކާ ސަރުކާރުގާ ޚިޔާނާތްބޮޑުވެގެން ލާރިދަވާލާވަރުން. އެމްއެމްޕީއާރުސީން ކާލިފައިސާގަޖެހިގެން ހުރިހާ ބޮޑުންތިބީ. ދެންކޮން ވާހަކައެއް ތިދައްކަނީ.