އިސްލާމްދީނުގެ މަގްބޫލުކަން އިތުރުވަމުންދަނީ މި ދީނަކީ ހައްގުގެދީނަށް ވާތީކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޑރ. އަލީ ޒާހިރު މިހެން ވިދާޅުވީ ”އިސްލާމްދީނުގެ މަގްބޫލުކަން އިތުރުވަނީ ކީއްވެ؟” މި މައުލޫއަށްށް އިހްޔާ ފޯރަމްގައި ތަގްރީރުކުރައްވަމުންނެވެ. އިހްޔާ ފޯރަމްތަކުގެ 11 ވަނަ ފޯރަމްގައި ތަގްރީރުކުރައްވާފައިވަނީ ޑރ. އަލީ ޒާހިރާއި ޝައިޚް ނަސްރުﷲ އަލީއެވެ.

އެ ފޯރަމްގައި ތަގްރީރުކުރައްވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހާގެ ފިތުރަތު ނިޔާކުރާގޮތުން ދީނަކަށް ބޭނުންވާކަމަށެވެ. އެނޫން ގޮތަކަށް އުޅޭނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވާނެކަމަށާއި ދީނެއް ނެތި މީހާ އުޅެންފަށައިފިނަމަ ހެވާއި ނުބައި، ހައްގާއި ބާތިލް ވަކިނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

" ބައެއް މީހުން ދީން ގަބޫލު ނުކުރޭ. އެފަދަ މީހުން އެ ހަދަނީ ދޮގު. އެއީ ކޮންމެ މީހަކީވެސް ރުހުމުގައިވެސް، އަދި ނުރުހުމުގައިވެސް ކޮންމެވެސް ދީނަކަށް ތަބައާވާނެ. އަޅުގަނޑުމެންގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީން." ޑރ އަލީ ޒާހިރު ވިދާޅުވި އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ހަދާފައިވާ ދިރާސާތަކަށްވެސް މި ފޯރަމްގައި ޑރ. އަލީ ޒާހިރު ބައްލަވާލައްވާފައި ވެއެވެ. އެގޮތުން ޣައިރު މުސްލިމުންގެ ބަޔަކު، 2015 އިން 2060 ވަނަ އަހަރަށް ދުނިޔޭގެ އާބާދީއާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއަށް ބައްލަވަމުން، އެ ދިރާސާގައި ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯދާނެ ދީނަކީ އިސްލާމްދީންކަމަށް ފާހަގަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އެފަދައިން އިސްލާމްދީން ކުރިހޯދަމުންދަނީ، އިސްލާމްދީން މިހާ ބާރުމިނެއްގައި ފެތުރެމުންދަނީ، މި ދީން މީހުންނަށް މިހާ މަގްބޫލުދީނަކަށް ވެގެންދަނީ މިއީ ހައްގުގެ ދީންކަމުގައިވާތީ ކަމަށް ވިދާޅުވި އެވެ. އަދި މި ދީނުގައިވާ ލުއިފަސޭހަކަމާއި، ހަމަހަމަކަމާއި، އުންމީދު ގެނެސްދޭ ދީނަކަށްވާތީ ކަމަށް ވެސް ޑރ. އަލީ ޒާހިރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސމ

    އިސްލާމްދީނުގެ މަގްބޫލުކަން ބޭރު ގައުމުތަކުގައި އިތުރުވުމަކީ ހިންހަމަޖެހުމަކަށް ވިޔަސް އިސްލާމީ ގައުމުތަކުގެ މުޖުތަމައު އަށް އަނަންމުންދާ ނޭދެވޭ ބަދަލުތަކަކީ މާހިތާހަމަހުރިކަމެކެވެ.