ގިނަ އަދަދެއްގެ ފަންނާނުންނާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އާޓް ފެސްޓިވަލްއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މިނިސްޓްރީއާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ ގުޅިގެން ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް އާޓް ފެސްޓިވަލްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ފެސްޓިވަލަށް ކިޔަނީ "ފަރުމާ އިންޓަނޭޝަނަލް ޔޫތް އާޓް ފެސްޓިވަލް" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ފެސްޓުވަލްގައި 40 އަށްވުރެ ގިނަ ދިވެހި ފަންނާނުން އަދި 10 އަށްވުރެ ގިނަ ބައިނަލްއަގްވާމީ ފަންނާނުން ބައިވެރި ވާނެ ކަމަށެވެ.

އެ ފެސްޓިވަލް އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހަށް ސޯޝަލް ސެންޓަރުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ފަންނާނުން އެމީހުންގެ ހުނަރު ދައްކާލުމަށް އެކި ފެސްޓިވަލްތައް ބާއްވައެވެ. އެ ހަފްލާތަކުގެ ސަބަބުން ފަންނުވެރިކަމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ވެސް ބޮޑު ހިތްވަރެއް ލިބިގެން ދެއެވެ.