ނިރުބަވެރި ޖަމާއަތަކަށް ތާއީދުކުރާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ދައުލަތުން މި ދައުވާ ކުރީ ގދ. މަޑަވެލީ ގަމަރީ، އިއުތިސާމް މުހައްމަދު ސައީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ގެންގުޅުނު ކަމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އިއުތިސާމް ދައުވާ އަށް ވަނީ އިންކާރުކޮށްފައެވެ.

އިއުތިސާމް ހައްޔަރު ކުރީ އައްޑޫ ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މެއި 17، 2021 ގައެވެ. އައްޑޫ ސިޓީ ހިތަދޫގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރިއިރު، ކޮތަޅެއްގެ ތެރެއިން ފެނުނު ފޯނާއި މޭޒެއްގެ މަތިން ފެނުނު ޕެން ޑްރައިވް އާއި ހަށިގަނޑު ބަލައި ފާސް ކުރިއިރު ލައިގެން ހުރި ފަޓުލޫނުގެ ޖީބަކުން ފެނުނު ފޯން ތަހުލީލް ކުރިއިރު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ފޮޓޯ އާއި ވީޑިއޯ ހުރި ކަމަށް ދައުލަތުން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އިއްވެވި ހުކުމްގައި ވަނީ ދައުލަތުން އިއުތިސާމް ދައުވާ އަށް އިންކާރު ކުރުމާ ގުޅިގެން ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާ އިން ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދަ އިން މީހަކު ކުށެއް ކޮށްފި ކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތު ކުރުމަށް ބޭނުންވާ މިންވަަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

އެހެންވެ، ދައުލަތުން އިއުތިސާމްގެ މައްޗަށް ކުރި ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ފޮޓޯތަކަކީ އައިއެސް ޖަމާއަތުގެ ލޯގޯ އާއި ދިދައިގެ ފޮޓޯއެއްކަން ސާބިތުކުރަން އެ ފޮޓޯގެ އަސްލު ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ފުލުހުންގެ ރިޕޯޓް ތައްޔާރުކުރި މީހާގެ ބަހަށް އެކަނި ބަލައިގެން އެއީ އައިއެސްގެ ދިދަ އާއި ލޯގޯ ކަމަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެއެވެ.

އެ ހުކުމްގައިވާ ގޮތުން އިއުތިސާމްގެ އަތުން ފެނުނު ތަކެތީގެ ތެރޭގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ފެނުނަސް، އެމީހުންގެ ފަރާތުން ނުރައްކާތެރި އަމަލުތަކެއް ނުފެނެއެވެ.

އެ ވީޑިއޯއިން ފެންނަނީ ކޮން ޖަމާއަތެއްގެ ބައެއްކަން ނޭނގޭ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާތީ އައިއެސް ޖަމާއަތަށް ތާއީދުކުރާ ވީޑިއޯ އާއި ފޮޓޯ ގެންގުޅުނީ ކަމަށް ނުބެލެވޭ ކަމަށް ހުކުމްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުލައި

    މިނިވަން ގައުމުތަކުގައި،އެމީހަކު ބޭނުން ބަޔަކަށް ތާއީދު ކުރެވޭ. ނާސިޒަމް،ފެސިސަމް،އަށް ވެސް އެމެރިކާގައި ސަޕޯޓް ކުރާ ބަޔަކު އުޅޭ. ކްރިމިނަލް ޢަމަލެއް ނުކުރާހާހިނދަކު،ބަޔަކަށް ސަޕޯޓް ކުރިޔަސް ކުށްވެރި ނުވޭ.

    7
    1
  2. ފޯއްވަޅި އަލީ

    ފޮޓޯ އާ ވީޑިއޯ ގޫގުލް ކުރީމަ ލިބޭ އެއްޗެއް، ދެން އެއީ ބަޔަކު ކުއްސާބިތު ކުރަން ބެނުން ކުރަން ޖެހޭ އެއްޗެއް ނޫން ދޯ؟/

    7
    1
  3. Anonymous

    ދުނިޔޭގައި އޮތް އެންމެ ބޮޑު ނިރުބަވެރި ޖަމާއަތަކީ އިސްރާއީލް އިސްރާއީލުން އެދަނީ އިންސާނުން ޤަތުލުކުރަމުން ތަންތަން ހަލާކުކުރަމުން !