މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) އާ ގުޅޭ މައްސަލައެއްގައި ބަދަލު ދިނުން ލަސްވި ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓަރާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލަ ބަލައި ނުގަންނަން ނިންމައިފި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ގެ މަންދު ކޮލެޖާއި އެމްއީއެސް ހިންގަން ހަވާލުކޮށްފައި އޮތް އެއްބަސްވުން އުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ މައްސަލައިގައި އެކަން ހިނގައިދިޔައީ ގޯސްކޮށް ކަމަށް ބުނެ 15 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން 2021 ވަނަ އަހަރު ހުކުމް ކުރި އެވެ.

ނަމަވެސް ކަނޑައަޅާފައި އޮތް އެއް މަސްތެރޭގައި އެ ފައިސާ ނުދެއްކުމުން ފަހުން ވަނީ އެޑިއުކޭޝަން މިނިސްޓަރުގެ އިހުމާލު އޮތް ކަމަށް ބުނެ ދައުވާ ކޮށްފަ އެވެ.

އެހެން ނަމަވެސް ސިވިލް ކޯޓުން އެ މައްސަލައިގައި ނިންމީ މިނިސްޓަރުގެ އިހުމާލެއް ނެތް ކަމަށެވެ. އޭގެ ފަހުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް ވަނީ އެ މައްސަލަ ބަލައި ނުގަންނަން ނިންމައިފަ އެވެ.

އެމްއީއެސް އެއްބަސްވުން އުވާލުމުގެ ބަދަލުގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދަން މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްލާއިލް (އިބްރާ) މަސައްކަތް ކުރެއްވި ކަމަށް ބައެއް މީޑިއާގައި މީގެ ކުރިން ރިޕޯޓް ކޮށްފައި ވެއެވެ.

ބަދަލުގެ ގޮތުގައި އެކި ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން ދެމުން ގެންދާތީ، ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.