އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ ޖޫން މަހުގައި ފެށިގެން ދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ވަނީ ސަރުކާރުން އައްޑޫސިޓީގައި ހިންގަމުން ގެންދާ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ދަށުން، އައްޑޫގައި މިހާރު ހިގަމުންދާ ބިން ހިއްކުމުގެ މަސައްކަތުގެ އަދާހަމަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ބިން ހިއްކާ ޒޯންތަކުގެ ބަންޑު ވޯލްތައް ޖެހުމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި ކަމަށެވެ. އަދި ބިން ހިއްކުމަށް ގެނެވޭ ޑްރެޖާގެ ޕައިޕްލައިންތައް ހަރުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ހިނގަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެގޮތުން ޖޫން މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ބިން ހިއްކުމާއި ޑްރެޖް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މި ސަރުކާރުން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއަކީ އައްޑޫގެ ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އެ ސިޓީގެ އެކި ދިމަ ދިމާލުން ބިން ހިއްކުމެވެ. މި ބޮޑު މަޝްރޫއުގައި ހިމެނެނީ ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރިސޯޓު ހަދަން މުޅިން އާ ރަށްތަކެއް ހެދުމެވެ. މި މަޝްރޫއުގެ ދަށުން 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ ނެދަލޭންޑް ވެން އޫޑް ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމަށް ހަމަޖެހިފައި ވަނީ ހިތަދޫ، މަރަދޫ އަދި މަރަދޫ/ފޭދޫ ކައިރިންނެވެ. މި މަޝްރޫއުގެ ދަށުން ރިސޯޓެއް ގޮތުގައި ތަރައްގީ ކުރަން ތިން ރަށެއް ހިއްކާނެއެވެ. ބިން ހިއްކުމުގެ މަސައްކަތުގައި ބޭން ކުރާނީ އެ ކުންފުނީގެ ޑްރެޖަރު "އެޗްއޭއެމް 318" އެވެ.

ބިން ހިއްކުމުގެ މަޝްރޫއު ހިންގުމަށް ވެލި ނަގާނީ ދެ ސަރަހައްދަކުން ކަމަށް ވެން އޫޑް އިން ބުންޏެވެ. އެކަމަކު، ވެލި ނަގާނީ ސީދާ ކޮން ސަރަހައްދަކުން ކަމެއް ބުނެފައެއް ނުވެއެވެ. މި މަޝްރޫއު 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ވެން އޫޑް ކުންފުނިން ވަނީ ބުނެފައެވެ.

ވެން އޫޑް ކުންފުނިން މީގެކުރިން ވަނީ އެކިއެކި މަޝްރޫއުތައް ވެސް ހިންގައިފައެވެ. ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ ވެސް ވެން އޫޑް ކުންފުނިންނެވެ. އެ މަޝްރޫއަށް އެކަނި ވެސް 130 މިލިއަނެއްހާ ރުފިޔާ ހަރަދުވިއެވެ.