ރ. ފުއްގުރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ބޭނުން ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ ހެކިތަކާ ގުޅޭ ގޮތުން ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމުން އެކަމާ ގޮތެއް ނިންމަން ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށްފިއެވެ.

އެ މައްސަލައިގެ ހުކުމް އިއްވުން ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތީ މިރޭ 8:15 ގައެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ބޭނުން ކުރެއްވި ކަމަށް ބުނެ ދައުލަތުން ކުރި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިރޭގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަން އެނގިފައިވެއެވެ.

ފުއްގިރި މައްސަލާގައި ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިއެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުގައި ފެށުމުގެ ކުރިން ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި ބައެއް ސިއްރު ހެކިތައް ހާމަ ކުރުމަށް ޔާމީންގެ ފަރާތްޕުޅުން އެދުނު ނަމަވެސް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

ދައުލަތުން ހުށަހެޅި ބައެއް ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގައި ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ދައުވާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    މިކަން ކުރަން މިއަދު އިންޑިއާ ހައިކޮމިޝަނަރ ރައީސް އޮފީސް ތެރޭ މިަދު މި ގަނޑު ގަތީ؟

    20
    2
  2. ލަބީނު

    މި މައްސަލައިގައި ގޮތެއް ނުނިމި ލަސްވީ މީގައި އަޑި ނޭންގޭ ކަންތައްގަނޑެއް އޮތީމަ. ހިއެއް ނުވޭ އަޑުތައް ހުރިގޮތުން އިންސާފުވެރިވާނެހެނެއް.