ހުޅުމާލޭގެ ބާރު ބޮޑު 8 ސަރަހައްދެއްގައި ހިނގާ މީހުންނަށް ހާއްސަ ޓްެރެފިކް ލައިޓް ހަރު ކުރަން ނިންމާފައިވާ ކަމަށް އާރބަންކޯއިން ބުނެފިއެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރުބާރު ބޮޑުވުމާއި ގުޅިގެން އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައެެވެ.

އާރބަންކޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން އަރބަންކޯ އިން މަސައްކަތް ކުރަމުން އަންނަ ކަަމަށް ބުނެފައި ވެއެވެ.

މިގޮތުން ފުލުހުންނާއި ގުޅިގެން މަގުތަކުގެ ރައްކާތެރިކަން އިތުރުކޮށް ދުއްވާ އުޅަނދުތަކުގާއި އުޅޭ ފަރާތްތަކާއި ހިނގާފައި އުޅޭ ފަރާތްތަކަށް ފަސޭހަ ވާނެ އަދި ރައްކާތެރި ގޮތްތަކެއް ހޯދައިދިނުމަށް ފުރިހަމަ ޕްލޭންއެއް އެކުލަވާލާ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށް ބުނެފައި ވެއެވެ.

އެ މަސައްކަތުގެ ތެރެއިން ވަގުތުން ގެނެވެން ހުރި ބަދަލުތައް ދެނެގަންނަން ވަނީ ފެށިފައެވެ. އެގޮތުން އެކްސިޑެންޓް ނުވަތަ ހެޑް އޮން ކޯލިޝަން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކުރަން މިހާރު ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނަގައި ފަރާތްތައް ޤަވައިދާއި އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުން ކަމަށްވެސް ބުނެފައި ވެއެވެ. އަދި މިކަން އަންގާދޭ ބޯޑުތައް ވެސް މަގުމަތީގައި ހަރުކުރުމަށް މިހާރު ހަމަޖެހިފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.

އާރބަންކޯއިން ބުނީ، މި މަސައްކަތުގެ ތެރެއިިން ހިނގާފައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓުތައްހަރުކުރުމުގެ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ލައިޓް ހަރުކުރެވި ޓެސްޓިންގެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި މި ލައިޓްތައް ހުޅުމާލޭގެ ކާރު ބާރު ބޮޑު ޖުމްލަ 8 ސަރަހައްދެއްގައި ހަރުކުރެވިގެން ދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެޗްޑީސީން ބުނީ، މަގުތަކުގެ ފްލޯއަށް ބަދަލު ގެނައުމަށް މިހާރު ފުލުހުންގެ އިދާރާއާއި އެކު މަޝްވަރާކުރެވި އެކަމުގެ މަސައްކަތްތައް ވެސް ކުރެވެމުންކަންދާ ކަަމަށެވެ. މިގޮތުން ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ ބަދަލުކޮށް ވީހާވެސް ރައްކާތެރި ގޮތްތަކެއް އަދި އާއްމުންނަށް ފަސޭހަ ވާނެ ގޮތްތަކެއް މި މަސައްކަތްތަކުގެ ތެރެއިން ބަލާ، މަގުތަކުގެ ބަދަލުތައް ގެނެވޭނެ ކަމަށް ބުނެފައި ވެއެވެ.

އަރބަންކޯ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލެ އަކީ ރައްކާތެރި މާހައުލަކަށް ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ބޮޑަށް ބާރު ބޮޑު ވާނީ އެވެ.

  2. ތްރީފާ

    ތި އަރައިގެން އުޅޭ ބާރުގަނޑު ކުޑަކުރެވޭނީ އިތުރު ވެހިކަލް އެތެރެކުރުމާ ވީހާވެސް ގިނަ މީހުން ތޮއްޖައްސައިގެން ކަމަށް ވެދާނެ.