ޖީސީއީ އޭ-ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ހާއްސަ ސްކޮލަރޝިޕެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުންނަށް މިރޭ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ދީފައެވެ. އޭގެ ތެރެއިންގެ ރައީސްގެ ސްކޮލަރޝިޕް 17 ދަރިވަރަކަށް ލިބުނުއިރު، ހައި އެޗީވަރސް ސްކޮލަރޝިޕް 138 ދަރިވަރަކަށް ލިބުނެވެ.

މިރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ، މަތީ ތައުލީމް ހާސިލުކުރުމަށް އަދިވެސް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މިހާރު އިތުރު ގޮތްތަކެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން އެ މަސައްކަތުގެ ތެރެއިން "މެރިޓް ސްކޮލަރޝިޕް"ގެ ނަމުގައި، މި އަހަރުގެ ތެރޭގައި އަލަށް ސްކޮލަރޝިޕް ސްކީމެއް ފަށާނެ ކަން ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.

"މެރިޓް ސްކޮލަރޝިޕް ލިބޭނީ، ރައީސްގެ ޚާއްޞަ އެވޯޑާއި ހައި އެޗީވަރސް ސްކޮލަރޝިޕްގައި ނުހިމެނޭ ދަރިވަރުންނަށް. މިއީ އެ ދަރިވަރަކު ޔުނިވަރސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓަރ ހޯދާ ދަރިވަރުންނަށް އަޅުގަނޑުމެން ހާއްސަ ކުރާ ސްކޮލަރޝިޕެއް". ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް، ހަޔަރ އެޑިޔުކޭޝަނުން މިނިސްޓްރީން ވަރަށް އަވަހަށް އާންމު ކުރައްވާނެކަން ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މިފަދަ ފުރުސަތުތައް ފަހިކޮށްދީގެން މަސައްކަތް ކުރަނީ، ދިވެހި ދަރިވަރުންގެ ސިކުނޑިތައް ޒަމާނީ ތައުލީމުން ތަރައްގީ ކުރަން ކަމަށެވެ.

"ސްކޮލަރޝިޕްތަކާއި، ލޯނު ސްކީމްތަކާއި، އެވޯޑްތަކުގެ ހަގީގީ މަގްސަދަކީ އެއީ".

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙދުސބ

    ވަރަށް ރަނގަޅު ނިންމުމެއް.
    ދިވެހި އިސްލާމުން ބީ ފާސްލިބޭއިރު ޑޮކްޓަރަކަށްވާން ބޭނުންވާ މާއްދާތަކުން އޭ ފާސްލިބި އެފުރުސަތު ގެއްލުނީމާަ މިހާތަނަށް ޑޮކްޓަރުންނަށް ވުމުގެ ގާބިލްކަން ތިބި އެތަކެއް ދަރިވަރުން މަގުމަތިވެއްޖެ.
    ވިސްނުނީ ތްންކޮޅެއްލަހުން. ނަމަވެސް ރަނގަޅުކަމެއް.

    9
    2
  2. ހިމް

    މިއީ ކަނޑައެޅިގެން ދިވެހި އިސްލާމް މާއްދާގެ މުހިއްމުކަން ދަށްކުރުމަށް އުފައްދާ ސްކޮލަރޝިޕެއް. ދިވެހި އިސްލާމް ނުލައި ޔުނިވާސިޓީއަށް ބޭނުންވާ 3 މާއްދާއިން ފާސްވެގެން ސްކޮލަރޝިޕް ލިބުމުން ދިވެހި އިސްލާމް ކިޔެވުމަށް ދަރިވަރުން ދޭ އަހައްމިއްޔަތު ކުޑަވާނެ.

    11
    7
    • ޅާމް

      ކަނޑައެޅިގެން އިނގޭ އަލްމާނީ ފިކުރުގެ ލާދީނީ މީހުންނަށ ވެރިކަމާއި އަދި ދައުލަތުގެ މުހިންމު މަގާމުތަކާއި ގާޒީކަން ހަވާލުކޮއްގެން ތިބެ ދެން ކޮންވާހަކައެއްތަ ތިޔާ ދައްކަނީ.

  3. الحمدلله

    ކުރަން މާބޮޑަށްވެސް ލަސްވެފައިވާ ކަމެކެވެ. 11، 12 ގައި އެޗްއެސްސީ ޓެސްޓް ދެވި ދިވެހި، އިސްލާމުން ޓެސްޓް ނަގާތާ ޒަމާންތަކެއް ވެއްޖެއެވެ. އެއީ ކުދިންނަށް ބޮޑު ބުރައަކަށްވުން ފިޔަވައި އިތުރު ކަމެއް ޙާޞިލެއް ނުވެއެވެ. 11، 12 ގައި ދިވެހި އިސްލާމުން މިހާރު ބާއްވާ އެޗްއެސްސީ އެގްޒާމް ވެސް އެއީ އުވާލަން ވެއްޖެ ކަމެކެވެ. އޭގެ ބަދަލުގައި، ހުރިހައި ކުދިން ޝާމިލް ވާގޮތަށް 11، 12 ގައި އެ ދެ މާއްދާ އިން ސެޓްފިކެޓް ދޭގޮތަށް ސްކޫލްގައި ކުދިންނަށް މަޢުލޫމާތުލިބޭ ޝައުޤުވެރި ޙަރަކާތްތަކެއް މުބާރާތެއްގެ ގޮތުގައި ރާވައި ހިންގާނަމަ ކުދިންގެ ޝައުޤްވެރިކަން އިތުރުވެ ފެންވަރު ރަނގަޅުވެ އެދެވޭ ނަތީޖާއެއް ލިބޭނެއެވެ. މިސާލަކަށް ބަހުސް، އުފެއްދުންތެރި ލިޔުންތެރިއާ، ދިވެހިބަހުގެ އަދީބު އަދި ކުޅަދާނަ ވާހަކަދެއްކުން ތެރިޔާ ގެ ނަމުގައި މުބާރާތްތައް ބާއްވާނަމަ ކުދިން ފޫހިނުވެ ދިވެހި އުނގަންނައި ދެވޭނެ އެވެ. މިހާރު ދިވެހިން އުނިކޮށްފައިވާ ރައިވަރާއި، ޅެން ވެސް ދަރިވަރުންނަށް އަލުން ދޭން ފަށަންވީ އެވެ. އިސްލާމް މާއްދާއިން ވެސް ކުއިޒް އާއި އަދި ކްލާހުގައި ކުދިން ލައްވައި ޤުރްއާން ކިޔެވުން ފަދަ ކަންކަން ބާއްވާނަމަ ކުދިންނަށް އޭގެ ފައިދާ އެކުދިންގެ މުޅި ޢުމުރަށް ކުރީހެވެ. މިހާރު ވާގޮތަކީ ދަރިވަރުންނަށް އިސްލާމް ދިޗެހި އޮންނަނީ ވަރަށް ފޫހި އަދި ސްޓްރެސް ކުރުވާ ބޮޑުބުރަ އަކަށް ވެފައެވެ.