ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ކުރިއަށް އޮތް ފަސް އަހަރުގެ ފަތުރުވެރިކަމުގެ މާސްޓާ ޕްލޭން އިފްތިތާހުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަސް ވަނަ ޓޫރިޒަމް މާސްޓާޕްލޭނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި 2023-2027 އަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އެކުލަވާލާފައިވާ ސްޓްރެޓްޖިކް ޕްލޭން ކަމަށެވެ.

އެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީ ގެ ހިލޭ އެހީގެ ދަށުންނެވެ.

އެ މާސްޓާ ޕްލޭން އިފްތިތާހު ކޮށްދެއްވާފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ.

ފަސްވަނަ ޓޫރިޒަމް މާސްޓާ ޕްލޭންގައި ހާސިލްކުރަން ބޭނުންވާ 15 މުހިންމު އަމާޒެއް ވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކުގެ ރަށްރަށިގެ މީހުންނަށް ފަތުރުވެރިކަމުގެ ސަބަބުން ލިބޭ މަންފާ އިތުރުކުރުމާއި ރާއްޖޭގައި ފަތުރުވެރިކަން އިޝްތިހާރުކުރުގައި ހިއްސާކުރެވޭ މައުލޫމާތުތަކަކީ ރާއްޖެއަށް ޝައުގުވެރިވަނިވި ސިފަތައް އެންމެ ފުރިހަމައަށް ސާފުކޮށް ދޭހަވާނެފަދައިން ހިއްސާކުރެވޭ މައުލޫމާތުތަކެއްކަމުގައި ހެދުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު އަދި އައު އުފެއްދުންތަކާއި ތަޖުރިބާތައް ފަތުރުވެރިކަމުގެ ދާއިރާއަށް ތައާރަފްކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޝާމިލުވާ އެންމެހާ ފަރާތްތަކުގެ މޫސުމަށް އަންނަ ބަދަލުތައް ރައްކާތެރިވެ ރާއްޖޭގެ ގުދުރަތީ ހަޒާނާތްތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުން ވެސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އިއާދަކުރުވަނިވި ހަކަތައިގެ ނިޒާމްތައް ގާއިމްކޮށް ހަކަތަ ރައްކާތެރިކުރުމަށް އިސްކަންދީ ހަކަތައިން ތިމާވަށްޓަށް ކުރާ އަސަރު ނެޓް ރީޒޯ ހާސިލްކުރުމަށް މަސައްކަތް ކުރުމާއި އެންމެހާ ފަތުރުވެރީންގެ ޒަމާކީ ފެންވަރުގެ ދަތުރުފަތުރުގެ ހިދުމަތް ކަށްވަރުކޮށްދިނުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްތެރިން ދަމަހައްޓައި މަސައްކަތްތެރިން މި ސިނާއަތަށް ޝައުގުވެރިކުރުވުން ވެސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އޭޑީބީގެ އެހީއާއެކު އެ މާސްޓާޕްލޭންގައި ޖުމްލަ 10 ކޮންސަލްޓަންޓުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން އަށް ކޮންސަލްޓަންޓުން އައްޔަންކުރެވިފައިވަނީ ލޯކަލް ކޮންސަލްޓެންސީގެ އުސޫލުން ކަމަށެވެ. އަދި ލީޑް އާއި މާކެޓިން އެންމެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް އައްޔަންކުރެވިފައިވަނީ އިންޓަނޭޝަނަލް ކޮންސަލްޓެންސީގެ އުސޫލުން ކަމަށް ބުނެފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަސަނު

    ސާބަހޭ..ނުކުރާނެ ހަމައެއްކަމެއްވެސް ނޯންނާނެ..އަނގަބަހުން..އަމަލުން ނުކުރެވޭތީ ދެރައީ
    ފޯރިގަދަޔޭދޯ؟؟

  2. މަންކީ

    މިއުޅޭ މައުސޫމު ކައިރި އަހާބަލަ ހޯމްސްޓޭގަ ކިތައް ފަތުރުވެރިން އެއެބަތިބިތޯ ޕަކާސް

  3. އަބްދޫ

    އެމްޑީޕީ 2008 ގަވެރިކަމަށް އައިގޮތަށް މައުމޫނުގެ 2020 ގެ ތަސައްވުރު ތަނަފީޒު ކުރި ދުވަހެއްނަމަ ރާއްޖޭގަ އޮތީހީ މާލެ އާއ އެއްހަމައިގެ 8 ސަރަހައްދު ތަރައްގީ ކުރެވިފަ އަމިއްލަ ބާރުގަ ސައިަކް ކާރު ބުރިޖް ގަ އެމިހަކު ބޭނުންވާހިދުމަތެއް ހޯދުމަށް އެމީހެއްގެ ގެދޮރުގަ ހުރެފަ ދެވޭ ފެންވަރަށް ގައުމު އޮތީހީ ތަރައްގީވެފަ.

  4. ސީމް

    ދައުރު ނިމުނިމަ ކީއްކުރާ ޕުލޭނެއް. މި ފަސްއަހަރު ނިމިގެން މިދިޔައީ ޕުލޭނެއް ނެތި.

  5. ޑައެލޯގް

    މިސަރުކާރުން ކީއްކުރަން ކުރިއަށްއޮތް 5 އަހަރަށް ޓުވަރިޒަމް މާސްޓަރޕްލޭން އެކުލަވާލަނީ، ކަލޭމެން ނުހޮވިއްޖިއްޔާ ޓުވަރިސްޓުން ރާއްޖެނައުމަށް ގޮވާ ބޯއިކަޓްކުރާނެއެވެ. މިސަރުކާރު ނުހޮވޭނެކަމަށް ބޮޑަށްބެލެވެނީ، އެހެންވީމަ ދެންކަލޭމެންއުޅޭނީ ރާއްޖެ ފަނާކުރާށެވެ.

  6. ފުލޯޓް

    ފުލޯޓިން ގެ އެއް ނެތްތަ

  7. މޮނީޗު

    މާސްޓަޕްލޭނެއް ނެތް 5 އަހަރު ހިންގީ. މި ރަސްމިއްޔާތު ހާދަ ވަނދުކޮށް ގެންދިޔައީ. މިނިސްޓްރީގެ ސްޓާފުންކޮޅެއް އެއްކޮށްގެން ބައްޗުހޮޓަލުގަ ނެރުނު ރިޕޯޓެއް. އިންޑަސްޓްރީގެ އެއްވެސް އިސް މީހަކު ނެތް. އެމްއެމްޕީއާރުސީވެސް ހާޒިރުނުވި. މުޅި އިންޑަސްޓްރީ އޮތީ މި މައުސްއާ ދެކޮޅުވެފަ. މޮޅު ވާހަކަ ދައްކައިގެން އިންޑަސްޓްރީ މީހުން ތިބީ ރަތްވެފަ. ކަމަކީ ބޭރު ގައުމުތަކަށް ދަތުރުކުރުން. ޖޭޕީން ގެނައި ސެކެޓަރީއަށް ސަލާން ބުނައްޗޭ.