ރާއްޖޭގައި އޮސްޓްރޭލިއާ ހައި ކޮމިޝަނުގެ އޮފީހެއް ހުޅުވައިފިއެވެ.

އެކަން އިއުލާނުކޮށްފައި ވަނީ އޮސްޓްރޭލިއާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނުގެ އޮފީހެއް ހުޅުވާފައިވަނީ ހޮޓެލް ޖެންގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ.

އެ އޮފީހުން ރާއްޖޭގައި އުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އޮސްޓްރޭލިއާ ރައްޔިތުންނަށް ކޮންސިއުލާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ގާނޫނީ ލިޔެކިއުންތަކާ ގުޅޭ ހިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ އޮފީސް ރާއްޖޭގައި ހުޅުވި ނަމަވެސް، ޕާސްޕޯޓާ ގުޅޭ ހިދުމަތްތައް މިވަގުތަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޮލޮމްބޯގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަނާ ގުޅިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނުގެ އޮފީހެއްހުޅުވުމާ ގުޅިގެން މަރުހަބާ ދަންނަވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ އޮފީސް ހުޅުވުމާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެ ކުރިއަރައިގެންދާނެ ކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އޮސްޓްރޭލިއާ އިން ރާއްޖޭގައި ހައި ކޮމިޝަނެއް ހުޅުވުމަށް ނިންމަވާފައި ވަނީ ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ދޭދޭ ގުޅުންތަކާއި ވިޔަފާރި އާއި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ދެމުންގެންދާ އެއްބާރުލުން އިތުރުކުރުމަށް ކަމަށް އޮސްޓްރޭލިއާގެ ހާރިޖީ ވުޒާރާގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެ ހައި ކޮމިޝަން ހުޅުވުމާއެކު، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސުލްހައާއި އަމަންއަމާންކަން ބެލެހެއްޓުމަށް އޮސްޓްރޭލިއާއިން ރާއްޖެއާއެކު ކުރަމުންދާ މަސައްކަތްތަކަށް ވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަން ވެސް ބަޔާނުގައި ވެއެވެ.

އޮސްޓްރޭލިއާގެ ހައި ކޮމިޝަނުގެ އޮފީހާއެކު، ރާއްޖޭގައި ހުރި ރެޒިޑެންޓް ޑިޕްލޮމެޓިކް މިޝަންތަކުގެ އަދަދު 10 އަށް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަކްނައު

    އަފްޣާނިސްތާން ރައްޔިތުން މަރާފަ ،އެމީހުން ގެ ގަޔަށް ކުޑަކަމުދިޔަ މީހުންގެ އޮފީސް ދޯ މިހުޅުވުނީ

  2. މަޓޭ

    ޗައިނާ އަށް ފާރަވެރިވާން

  3. ޑައެލޯގް

    ތިޔައީ ސިޔާސީ މަގާމް އިތުރުކޮށް އިބޫއަށް އެމީހުންގެ ވޯޓް ދައުލަތުގެ ފައިސާއިން ގަތުމަށް ކުރާކަމެކެވެ.