ތޫނު އެއްޗަކުން ހަމަލާދީ މަރާލި ސ. މަރަދޫފޭދޫ، ބްލޫސްޓަރ، އަހުމަދު ޝުއައިބުގެ މަރުގެ މައްސަލައިގައި އޭނާގެ ކޮއްކޮ ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކާކު ކަމެއް ފުލުހުން ނުބުނެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ ޝުއައިބުގެ ކޮއްކޮ ހުސެއިން މަވާޒެވެ.

މަރަދޫފޭދޫ އިން ވާހަކަ ދެއްކި މީހަކު ކިޔައި ދިން ގޮތުގައި މަސްތުވާތަކެތީގެ ރިކޯޑު އޮންނަ ދެ މީހުން ދެމެދު ފެށުނު ޒުވާބު އެންމެ ފަހުން ގޮސް ނިމުނީ ބޮޑު މާރާމާރީއަކުންނެވެ. އެމީހުން ދިރިއުޅޭ ގެ ކައިރީގައި މާރާމާރީ ހިންގިއިރު، ޝުއައިބު ދުވާރު މައްޗަށް ވެއްޓިފައި އޮތް ތަން އެ ސަރަހައްދުގައި ތިބި ބަޔަކަށް ފެނިފައިވެއެވެ.

އޭރު ވެސް އޭނާގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިޔައެވެ. އެމީހުން ބުނި ގޮތުގައި ޝުއައިބުގެ ކަރަށާއި މެއަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ.

އެ ހަމަލާ ދިން ގޮތާ މެދުގައި ރަށު ތެރޭގައި ދެ ގޮތަކަށް ވާހަކަ ދެކެވެއެވެ. އެއް ބަޔަކު ބުނަމުން އަންނަނީ ޝުއައިބަށް ހަމަލާދިނީ ކަތުރެއް ބޭނުންކޮށްގެން ކަމެވެ. އަނެއް ބަޔަކު ބުނަނީ ޝުއައިބަށް ހަމަލާ ދިނީ ވަޅިން ދިން ހަމަލާއެއްގައެވެ. އެމީހުންގެ ދެމެދު ޖެހުނު މައްސަލައެއް ވެސް ސީދާ ސާފެއް ނޫނެވެ.

އެއް ބަޔަކު ބުނަނީ ދެ މީހުންގެ މެދުގައި މައްސަލަ ޖެހުނީ ފޯނެއް ވިއްކި މައްސަލައިގައެވެ. އެއީ ޝުއައިބު ފޯނު ކަމަށް އެއް ބަޔަކު ބުނާ އިރު އަނެއް ބަޔަކު ބުނީ އެއީ މަވާޒް ފޯނު ކަމަށެވެ.

ހަމަލާދިނުމާ އެކު، ޝުއައިބަށް ފަރުވާ ދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންދިޔައެވެ. އޭނާ ނިޔާވެފައި ވަނީ އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ.

ޝުޢައިބުއާއި މަވާޒަކީ މަރަދޫފޭދޫގެ ގިނަ ބަޔަކު ދަންނަ ދެބެއިންނެވެ. ރަހުމަތްތެރިންނާއި އެކީ އުޅެ، ކަމެއް ބޭނުން ވެއްޖެނަމަ، އެއީ ކޮށްދެވޭނެ ކަމެއް ނަމަ ކޮށްދޭ ދެބެއިންނެވެ. އެހެން ކަމުން މިފަދަ ކަމެއް ހިނގުމަކީ އެއީ އެދެބެއިންގެ ރަހުމަތްތެރިންނަށް ގަބޫލު ކުރަން ވެސް ދަތިވި ހާދިސާއެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަމަލު

    މަސްތުވާތަކެތީގެ ނުރައްކާ ކޮންމެ ފަދަ ނިކަމެތި ހާލަތެއްވެސް ގެނުވާނެ. ވ ހިތާމަވެރި

    23
  2. ޒަރީރު

    ޑްރަގްގެ ވަބާ ދުވަހަކު ނުފެތުރޭވަރަށް މި 5 އަހަރުތެރޭ ފެތުރިއްޖެ