ގާލް ގައިޑުންނާއި ސްކައުޓުން ކޭމްޕްކުރުމަށް ދާނެ ހާއްސަ ރަށެއް މި ދައުރުގެ ތެރޭގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ 25 ވަނަ ވޯލްޑް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްކައުޓް އެސޯސިއޭޝަނާއި ގާލް ގައިޑް އެސޯސިއޭޝަނުން މި ވެރިކަމުގެ ކުރީކޮޅު އެ ބޭފުޅުނަށް ދިމާވެފައިވާ ވަރަށް ގިނަ ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކޮށް އެކަންކަން ހައްލުކޮށްދިނުމަށް އެދުނު ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ބޭފުޅުން އެދުނު ކަންކަން ހަމަޖައްސައިދިނުމަށް ބޭނުންވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮވިޑް 19 ގެ އާލަމީ ވަބާޔާއި ގުޅިގެން އެކަންކަން ނުކޮށްދެވި ދިގުދެމިގެން ދިޔައީ ކަމަށެވެ.

ރައީސް ވިދާޅުވީ ސްކައުޓް އެސޯސިއޭޝަނާއި ގާލް ގައިޑް އެސޯސިއޭޝަނުން އެދުނު އެއް ކަމަކީ އެ އެސޯސިއޭޝަންތަކުގެ ކުދިން ކޭމްޕް ކުރުމަށް ދާނެ ހާއްސަ ރަށެއް ކަނޑައިދިނުން ކަމަށެވެ.

ސަރުކާރުގެ މި ދައުރުގެ ތެރޭގައި އެ އެސޯސިއޭޝަންތަކުގެ ކުދިން ކޭމްޕް ދާނެ ރަށެއް ހަމަޖައްސައި އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކުރާނެ ކަމުގެ ޔަގީންކަން މިއަދު ރައީސް ދެއްވެވިއެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ގައުމާއި ދުރުގައި އާއިލާއާއި ވަކިން އުޅެންޖެހުނަސް، އިސްލާމް ދީނުގެ ސައްހަ އަގީދާގައި ސާބިތުވެތިބެ، ދީނީ ވާޖިބުތަކަށް ފަރުވާތެރިވެ، ކޮންމެ ހާލަތެއްގައިވެސް، ދިވެހި ގައުމުގެ އަގު ހިފަހައްޓައި، އަދަބު އަހްލާގުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބުމަށް ބާރުއަޅުއްވައި އެކަމަށް ޖަމްބޮރީގެ ބައިވެރިންނަށް މަގު ދެއްކުމަށް ސްކައުޓުންނާ ، ގައިޑުންގެ ލީޑަރުންނަށް އިލްތިމާސްކުރައްވާފައެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ރައީސްގެ އަރިހުގައި ޗީފް ގައިޑް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.