ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަނަށް ތާއީދު ނުކޮށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބައިވެރިނުވުމަކީ އޮތް ގޮންޖެހުމެއް ނޫން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމްޑީޕީއާ އެކުގައި ކޯލިޝަން ހެދުމަށް ބައެއް ސިޔާސީ ޕާޓީތަކަށް ދައުވަތު ފޮނުވައިފައެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމް ހިމެނެއެވެ. ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. އަދާލަތު ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމައިފައެވެ. އަދާލަތު ޕާޓީ އާ އެކު މި ސަރުކާރު ކޯލިޝަންގައި ނުހިމެނޭ އެމްޑީއޭ އިން ވެސް ވަނީ ކޯލިޝަން ނުހަދަން ނިންމައިފައެވެ.

އެންމެ ފަހުން ރައީސް ސޯލިހް ދެއްވި ސިޓީ އަށް ޖަވާބު ދެއްވީ އެމްއާރުއެމްއެވެ. އެ ޕާޓީން ވަނީ ފުރަތަމަ ބުރުގައި ރައީސް ސޯލިހާ އެކުގައި މަސައްކަތް ނުކުރާނެ ކަމަށް ނިންމައިފައެވެ.

މިކަމާއި ގުޅިގެން އިބްރާހިމް ވަހީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުނުކޮށް އެމްއެމްއާރު ކޯލިޝަނުން ވަކިވިޔަސް އެއީ ރައީސް ސޯލިހުއަށް އަދި އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ގޮންޖެހުމެއް ނޫން ކަމަށެވެ. އަދި މި ސިޔާސަތުތަކަކީ ރައްޔިތުން ގާތުން އަހައި އޮޅުންފިލުވައިގެން ތަންފީޒުކުރާ ސިޔާސަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ބޮޑު ޕަސެންޓޭޖަކުން މި އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެމްޑީޕީއަށް އޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރަށް ވެސް އެމްޑީޕީން ސިޔާސަތުތައް އެކުލަވާލަމުން އަންނަނީ ރައްޔިތުން ގާތުން އަހައި އޮޅުންފިލުވައިގެން ރައްޔިތުން ބޭނުންވާ ހުށަހެޅުންތަކެއްގެ މައްޗަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

އެމްއެމްއާރުންވަނީ ޖުމްހޫރީ ޕާޓީއާއެކުވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް މި ބައްދަލުވުމުގައި އެއްވެސް ގޮތެއް އެމްއެމްއާރުން ނުނިންމައެވެ.