ކޯޓު އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ޕާސްޕޯޓް ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އަލްހާންގެ ޕާސްޕޯޓް ހިފެހެއްޓީ އެ އިދާރާއިން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެންނެވެ.

އެ މައްސަލައިގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިންގް ފޮރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި މައްސަލައާ ގުޅިގެން އަލްހާންގެ މައްޗަށް ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. ޓްރޭޑިންގެ ނަމުގައި ގިނަ ބަޔަކު ފައިސާ އިންވެސްޓް ކުރި އިރު، ބީއެމްއެލުން ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓްކޮށް، ފައިސާ ހިފަހައްޓާފައެވެ. މި މައްސަލައިގައި ކިންގްސް ކެޕިޓަލުން ވަނީ އެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައެޅުމަށް ދައުވާ ކޮށްފައެވެ. މި މައްސަލައާ ގުޅިގެން އަލްހާންގެ އޮފީސް ބަލައި ފާސްކޮށް އޭނާގެ ފޯނު ވެސް ފުލުހުން ހިފަހައްޓާފައިވެއެވެ.

ފައިސާގެ މައްސަލަތަކުގައި އަލްހާނަށް އިންޒާރުތައް ލިބެމުން އަންނަ ކަމަށް މީގެކުރިން އޭނާ ވަނީ ވިދާޅުވެފައެވެ. ދާދި ފަހުންވެސް އަލްހާން މަރާލާ މީހަކަށް 2 ލައްކަ ރުފިޔާވެސް ހުށަހަޅާފައެވެ.

މީގެ ކުރިން ފުލުހުން ހާމަ ކުރި ގޮތުގައި އެކި ފަރާތްތަކުން (1684 މީހެއް އަތުން) އެ ކުންފުނިން 98 މިލިއަން ރުފިޔާ ނަގާ އެ ފައިސާ އެ ފަރާތްތަކަށް އަނބުރާ ނުދައްކައެވެ. ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި މީހަކަށް 90،000ރ. އަނބުރާ ދައްކަން ކިންގްސްގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ މެއި މަހު އަމުރު ވެސް ކޮށްފައި ވެއެވެ.

މިތުހުމަތުތަކަށް އަލްހާން ވަނީ އިންކާރުކޮށްފައެވެ. އަދި މިއީ ބަޔަކު ރާވައިގެން އޭނާގެ ވިޔަފާރި ބަދުނާމުކުރުމަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާ

    އަލްހާނަށްވެސް ދެން އޮތްގޮތަކީ ރ އިބޫއަށް ތާއީދުކޮށް ކެމްޕޭނަށް މަރްހަބާކިއުން. އޭރުން ދަތިކުރުމުގެ އެންމެހައި ފިޔަވަޅުތަށް އުވިގެންދާނެ. ބައްލަވާ އަދީބަށް. ބަސްއެހީމަ އެހުންނެވީ ދައުލަތުގެ ޚަރަދުގައި ސިންގަޕޯރގަ. މިވަރުގެ މީހަކު ވެރިއަކަށްލައިގެން ދިވެހީން މިއުޅުނީ ފަސްއަހަރު.

    2
    1