މިދިޔަ އޮގަސްޓު މަހު އަރިދަފުސް ރޯގާ ޖެހިގެން 28680 މީހުން ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 323 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ. މިދިޔަ އަހަރާއި އަޅާބަލާ އިރު، މި އަހަރު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހުގައި ރޯގާގެ ރިޕޯޓްތައް ވަނީ އިތުރުވެފައެވެ. ޖުލައި މަހު 23،206 އަރިދަފުސް ރޯގާގެ ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ. އަދި އޮގަސްޓު މަހު 28،680 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ.

އިންފްލުއެންޒާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު އެ ބައްޔަށް 59 މީހަކު ވަނީ ފައްސިވެފައެވެ. ޖުލައި މަހު 50 މީހަކު އިންފްލުއެންޒާއަށް ވަނީ ފައްސިވެފައެވެ. މިއަހަރު މިހާތަނަށް 1،533 މީހަކު ވަނީ އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައެވެ. އަދި 278 މީހުން ވަނީ އެ ބައްޔަށް ފައްސިވެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހާއި އަޅާބަލާއިރު އޮގަސްޓު މަހުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ ގިނަވެފައެވެ. ޖުލައި މަހު 7،384 މީހަކު ބޭރަށް ހިންގާ ހޮޑު ލެވޭތީ ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި އޮގަސްޓު މަހު ވަނީ 10،447 މީހަކު ޑޮކްޓަރަށް ވަނީ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު