މިއަދު ބޭއްވި ރިޔާސީ އިންތިހާބުގަ ފަސް ސިޓީގެ މެޖޯރިޓީ ވެސް އިދިކޮޅު ޕާޓީތަކަށް ލިބިއްޖެއެވެ.

އެ ފަސް ސިޓީގެ ތެރޭގައި ހިމެނެނީ އައްޑޫސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި މަލޭ ސިޓީއެވެ.

ތިނަދޫއަށް ބަލާއިރު، އެރަށުން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ އިދިކޮޅު ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއެވެ. އެއީ 1،223 ވޯޓެވެ. އެރަށުން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 890 ވޯޓެވެ. ގދ އަތޮޅަށް ބަލާއިރު ވެސް މުއިއްޒު އަށް އެ އަތޮޅުން 3،249 ލިބިވަޑައިގެންއިރު، ރައީސް ސޯލިހަށް ލިބިވަޑައިގަތީ 2،678 ވޯޓެވެ.

އައްޑޫއަށް ބަލާއިރު، އެސިޓީން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ރައީސް ސޯލިހެއެވެ. އެއީ 5،049 ވޯޓެވެ. މުއިއްޒު އަށް އައްޑޫން ލިބިވަޑައިގަތީ 4،098 ވޯޓެވެ. އައްޑޫން އެންމެ ގިނަ ވޯޓު ރައީސް ސޯލިހަށް ލިބުނު ނަމަވެސް އެސިޓީގެ ވެސް މެޖޯރިޓީ ލިބިފައިވަނީ ސަރުކާރާއި ދެކޮޅު ޕާޓީތަކަށެވެ.

ފުވައްމުލައް ސިޓީން ރައީސް ސޯލިހަށް 1،738 ވޯޓު ލިބިވަޑައިގަތްއިރު، އިދިކޮޅު މުއިއްޒުއަށް 2،549 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. ކުޅުދުއްފުއްޓަށް ބަލާއިރު، އެސިޓީން ވެސް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ މުއިއްޒުއެވެ. އެއީ 2،044 ވޯޓެވެ. ރައީސް ސޯލިހަށް އެސިޓީން ލިބިވަޑައިގަތީ 1،443 ވޯޓެވެ. މުޅި ހދ އަތޮޅަށް ބަލާއިރު، މުއިއްޒުއަށް 4،726 ވޯޓު ލިބިފައިވާއިރު، ރައީސް ސޯލިހަށް ލިބިވަޑައިގަތީ 4،360 ވޯޓެވެ.

މާލެއަށް ބަލާއިރު، މުއިއްޒު ވަނީ މާލެއިން 2،548 ވޯޓު ހޯއްދަވާފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 1،514 ވޯޓެވެ.

މިއިންތިހާބުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަ 574 ވޯޓު ފޮށި ބެހެއްޓިއިރު މިހާތަނަށް އައިއިރު ވަނީ 572 ވޯޓު ފޮށީގެ ނަތީޖާ ވަނީ ލިބިފައެވެ.

މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ. މުއިއްޒު ވަނީ 100،646 ވޯޓު ހޯއްދަވައިފައެވެ. އެއީ ވޯޓު ދިން މީހުންގެ %46.19 ވޯޓެވެ. މުއިއްޒާ ވާދަކުރައްވަނީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް 85،004 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓު ދިން މީހުންގެ %39.01 މީހުންނެވެ. އެ ދެ ބޭފުޅުންނާ ކައިރިކޮށްލެވޭ އިތުރު ކެންޑިޑޭޓެއް ދެން ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮލަރޮދި

    ކޮބާ އައްޑޫ އިން އަސްލަމް އަށް ވޯޓް ލިބުނުބާ!!؟؟

  2. Anonymous

    މަރްޙަބާ ޑރ. މުޢިއްޒު.

    10
  3. އެއްލާލާ

    ސަރުކާރަކީ އިންޑިއާ ސަރުކާރެކޭ ދެން ދިވެހިން ދިވެހި ގައުމުގެ މިނިވަން ކަން ބޭނުންވާ ކަމޭ މިބުނެދެނީ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ އަދިވެސް އުތުރު ތިލަ ފަޅު އެއްބަސްވުން އަންބޮނޑި އަށް ޖަހައިގެން ހުރޭ ތަމެން ދެން މަހަށްދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ

    10