ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް، ވިކްޓްރީން ސްޕޯރޓްސް ކްލަބުން ޕްރެކްޓިސް ފަށައިފިއެވެ.

އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތަށް ވިކްޓްރީން ޕްރެކްޓިސް ފަށާފައިވަނީ އިއްޔެ ހަވީރުއެވެ. ކުރީގެ ކެޕްޓަން ސޮބާހު މުހައްމަދުގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ފެށީ، ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމަށްވެސް ކުޅުނު މުހިއްމު ބައެއް ކުޅުންތެރިންނާވެސް އެކުއެވެ. އޭގެތެރޭގައި ކުރިން ވިކްޓްރީއަށްވެސް ކުޅުނު މުހައްމަދު އުމެއިރުއާއި އަކްރަމް އަބުދުލްޣަނީ ހިމެނެއެވެ.

މީގެއިތުރުން ގައުމީ ޓީމުގެ އިތުރުން ނިއުރޭޑިއަންޓާއި މާޒިޔާއަށް ކުޅުނު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)އާއި، ނިއުރޭޑިއަންޓާއި މާޒިޔާއަށް ކުޅުނު މިޑްފީލްޑަރު މޫސާ ޔާމީން (ޔާމްބެ)އާއި, ޓީސީއަށް ކުޅުނު އަހުމަދު ރިލްވާން (ބެން)އާއި، ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކުން ފެނުނު މޫސާ ހަސަންއާއި، ވެލެންސިޔާއިން ފެނުނު ޑިފެންޑަރު ފައިސަލް (ފައިޓޯ) ހިމެނެއެވެ. މީގެއިތުރުން ބިދޭސީ ހަ ކުޅުންތެރިން ޓީމާ ގުޅޭނެކަމަށް ކޯޗު ސޮބާހު މުހައްމަދު ބުންޏެވެ. ސޮބާ ބުނީ އޭނާއަށް އޮތް ޓާގެޓަކީ ވިކްޓްރީ އަލުން ފުރަތަމަ ޑިވިޝަނަށް ގެންގޮސްދިނުން ކަމަށެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ވިކްޓްރީއާއެކު ދެވަނަ ޑިވިޝަނަށް ނިކުންނަ އަކްރަމް އަބުދުލްޣަނީއަކީ، އަނިޔާވުމާ ހަމައަށް ގައުމީ ޓީމުގެ ކެޕްޓަނެވެ. އަލުން އެބުރި ދަނޑަށް ނިކުތީ އޮޕަރޭޝަނަކަށްފަހު އަނިޔާއިން ރަނގަޅު ވެގެންނެވެ. ވިކްޓްރީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ނިއުރޭޑިއަންޓްވެސް މިއަހަރު ވާދަކުރާނީ ދެވަނަ ޑިވިޝަނުގައެވެ. ނިއުރޭޑިއަންޓް އިން ވެސް ދާދި އަވަހަށް ޕްރެކްޓިސް ފަށާނެ ކަމަށް ބެލެވެއެވެ.

ގިނަ ބައެއްގެ ސަޕޯޓް ހޯދާފައިވާ ވިކްޓްރީން ވަނީ ޖުމުލަ 11 ފަހަރު ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. އަދި ޖުމުލަ ތިން ފަހަރު އެފް އޭ ކަޕް ވެސް ވަނީ ކާމިޔާބުކޮށްފައެވެ.