ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓް ޖަމާއަތުން ހުޅުވި ފަންޑަށް 1.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ޖަމިއްޔާތަަކާއި ސަރުކާރު ކުންފުނިތަކާއި އެނޫންވެސް އެކި ތަންތަނުން ދަނީ ހަރަކާތްތައް ހިންގާ ޣައްޒާއަށް އެހީތެރިވަމުންނެވެ.

އެގޮތުން ދިވެހި ރެޑް ކްރެސެންޓުންވެސް ފަންޑެއް ހުޅުވާފައިވާއިރު، އެ ޖަމިއްޔާއިން ވަނީ 24 އޮކްޓޯބަރުގެ ނިޔަލަށް ލިބުނު ފައިސާގެ އަދަދު ހާމަކޮށްފައެވެ. މިގޮތުން. އެ ދުވަހުގެ ނިޔަލަށް ފަންޑަށް 1.6 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިން މި ފަންޑަށް އެހީވުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ނަމަވެސް، ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާގޮތުންނާއި އެކި ފަރާތްތަކުގެ އެދުމުގެ މަތިން، މި މުއްދަތު 12 ނޮވެމްބަރާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ރެޑް ކްރެސެންޓުން ބުނާގޮތުގައި މި ފަންޑަށް ލިބޭ ފައިސާގެ އެހީގައި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، އުޅަނދުތަކަށް ބޭނުންވާ ތެލާއި ކާބޯތަކެއްޗާއި، ސާފު ބޯފެން ފަދަ ޒަރޫރީ ބޭނުންތައް ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

އެހީގެ ފައިސާ ޖަމާކުރާނެ އެކައުންޓުތައް:

ބީއެމްއެލް ރުފިޔާ އެކައުންޓް: 7701176022001
ބީއެމްއެލް ޑޮލަރު އެކައުންޓް: 7701176022002

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރުފިޔާ އެކައުންޓް: 99010155500036100

އެމްއައިބީ ޑޮލަރު އެކައުންޓް: 99010155500036200

މިި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރަން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގެ އާއްމުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ދީފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ 6،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 15،000 އަށް މީހުން ވަނީ ޒަހަމްވެފައެވެ. މި ހަމަލާތަކުގައި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. އެގޮތުން މިހާތަނަށް އައިއިރު ކުށެއް ނެތް 2،000 އަށްވުރެ ކުދިން ޝަހީދުވި ވަނީ ޝަހީދުވެފައެވެ