ފަލަސްތީންގެ ރައްޔިތުންނާއި މާތް ވެގެންވާ ގުދުސްގެ ހިމާޔަތް ކުރުމަށް ވީހާވެސް ގިނައިން ދުއާ ކުރުމަށް އަދާލަތުން ގޮވާލައްވައިފިއެވެ.

އަދާލަތުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ޔަހުދީންގެ އަނިޔާވެރި ކަމުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީންގެ ރައްޔިތުންނާއި، ގުދުސް ސަލާމަތް ކުރުމަށް ވީހާވެސް ގިނަ ބޭފުޅުން މިހާރަށް ވުރެން ބޮޑަށް ދުއާ ކުރުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން އުޅޭ ސިޙްޔޫނީން ޣައްޒާއިން ފެނާއި، ކާނާއާއި، ބޭސްފަރުވާ އާއި ކަރަންޓާއި މުވާސަލާތީ ހިދުމަތް ކަނޑާލުމަށްފަހު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ގަތުލުއާންމު ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގައި ފަލަސްތީނުގެ މުސްލިމުންނާއި ގުދުސްގެ ހިމާޔަތުގައި މާތް ﷲގެ ކިބަފުޅަށް ދުއާ ދެންނެވުން އިތުރުކުރުމަށް ހުރިހާ ރައްޔިތުންނަށް އަދާލަތުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އިސްރާއީލުގެ ނިރުބަވެރިން ދަަނީ ކެނޑިނޭޅި ޣައްޒާއަށް ހަމަލާތައް ވަރުގަދަކުރަމުންނެވެ. އެގޮތުން ރޭގަ އެކަނިވެސް މިނެޓަކު އެތައް ބޮމެއް އަޅާފައި ސަތޭކައަށްވުރެ ގިނަ މީހުން ވަނީ ޣައްޒާއިން ޝަހީދުވެފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ޒަޙަމްވެ ގިނަ ރައްޔިތުން ޣައްޒާގައި ތިބީ ހާލުގައި ޖެހިފައެވެ. އެހެންކަަމުން ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމާއި އެ ރައްޔިތުންނަށް އެހީތެރިވުމަށް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ކުރެވެން ހުރި ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށްވެސް އަދާލަތުން ވަނީ އެދިފައެވެ.

ޣައްޒާ ސިޓީ އާއި ޣައްޒާގެ އުތުރުގެ އެހެން ސަރަޙައްދުތަކަށް ވަރަށް ބޮޑަށް ހަމަލާ ދޭނެ ކަމަށް އިސްރާއީލުން ދަނީ އިންޒާރު ދެމުންނެވެ. އިސްރާއީލުން ބުނީ ޣައްޒާ އަށް ތެޔޮ ވެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ތެލަކީ ހަމާސް އިން އިސްރާއީލަށް ހަމަލާ ދިނުމަށް ބޭނުން ކުރާ އެއް ވަސީލަތް ކަމަށެވެ.

އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ތެރޭގައި އިންޓަނެޓާއި ފޯނުގެ ހިދުމަތްތައް މިހާރު ވަނީ އެއްކޮށްހެން ކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސައިން803

    ދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާއެވެ. ހަމަމިއާއެކު ކުރިޔަށް ދިއުމަށް ބާރުއަޅާ ގަދަ މަސައްކަތް ކުރުމަށްޓައި މިބިންމަތީގައި ފެތުރިގަންނަން ޖެހެއެވެ. އިލްމީ ގޮތުންނާއި އިގްތިސާދީ ގޮތުން ބާރުވެރިވުމާއި ދިރާސާކުރުމުގެ ގޮތުން އެތަކެއް ކުރިއެރިންތަކެއް ހޯދަންޖެހެއެވެ. ފަލަސްތީނުގެ ރައްޔިތުން ހުރިހާގޮތަކުންވެސް ބާރުވެރި ކުރުވައި މިނިވަން ދައުލަތެއް އެބައިމީހުން ހޯދައިދޭންޖެހެއެވެ. ފަލަސްތީނުގެ ރައްޔިތުން ނިކަމެތިވާ ކޮންމެ ފަހަރަކު ހަމައެކަނި މިސްކިތްތަކަށް އަރާ ދުވާކުރުމާއި ކާއެތިކޮޅެއް ފޯރުކޮށްދިނުމާއި އެބައި މީހުން ނިދަން ގިފުޑި ފޯރުކޮށްދޭ ބަޔަކަށް އިސްލާމީ އުއްމަތް ވެގެން މިމައްސަލަ ދުވަހަކުވެސް ހައްލެއްނުކުރެވޭނެއެވެ.

  2. ކޮވިޑް

    މިހާރު މާ ރަނގަޅު މީހަކަށް ވާން ނޫޅޭ މުނާފިޤް އިމްރާން. ތީހަމަ މުނާފިޤެއް.

  3. ރަނގަޅުތަ

    މަގޭ އުމުރުން މިހާރު 45 އަހަރު މައެންމެ ކުޑައިރުވެސް ފަލަސްތީން މިނިވަންވެ އިޒްރޭލްގެ އަނިޔާވެރިކަމުން ސަލާމަތްވެ މިނިވަންކަން ލިބޭތޯ ދުއާކުރަން

  4. އިމްނާ

    ދެން ކޮންމެވެސް އެހެން ވާހަކަ ދައްކަވާ. ތިމާ މާބޮޑަށް ރެލެވެންޓް މީހަކަށްވާން ފަލަސްތީނުގެ އަނިޔާ ލިބޭ މީހުންގެ ވާހަކަ ނަގައިގެން ކިތައްމެ ވަރަކަށް ދެއްކިއަސް އިމްރާންގެ ގޮތެއް ފޮތެއް ނެތްކަން އެންމެންނަށް އެނގޭ ކަލޭގެ މުނާފިގުކަން ދިވެހިންނަށް މިހާރު އެނގޭ.

  5. ސަނާ

    މީގެކުރިން އާރާއި ބާރު އޮތްއިރު އެކަމަށް ހުރަސްއަޅާފަ ބާރުތައް ގެއްލިދިޔާމާ ފޯއްވަޅިއޭ ކިޔާބަލަ!

  6. ކޮއްޔާ

    ކަލޭ ނުބުންޏަސް ދުއާ ކުރޭ // ތިޔަ ފިލްމްނިމި ނަންތަށް އަރަނީ ،، ފަލަސްތީން ރައްޔިތުންނަށް ހިތްވަރާއި ކެތްތެރިކަމާއި ކާމިޔާބް ދެއްވާށި //
    ،،