ބީހައިވް ހޮޓެލްސްއަށް ނުދައްކާ އޮތް 5 ލައްކަ ރުފިޔާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ހުކުމް ކޮށްފިއެވެ.

ދައުވާ އާ ގުޅޭ ގޮތުން އެފްއޭއެމް އިން ބުނެފައިވަނީ އެ ފައިސާ އެފްއޭއެމުން ނުދެއްކިވަނީ، އެސޯސިއޭޝަން މާލީގޮތުން ދަށްވުމުގެ ސަބަބުން ކަމަށާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހާ ހަމައަށް ލިބިފައި ނުވާ ކަމަށް އެފްއޭއެމް އިން ވަނީ ޝަރީއަތުގައި ބުނެފައެވެ. ދައުވާގައި ބުނާ 32،426 އެމެރިކާ ޑޮލަރު ދޭންޖެހޭ ކަމަށް އެފްއޭއެމުން ވަނީ އެއްބަސްވެފައެވެ. އެއި ދިވެހި ރުފިޔާއިން ބަލާނަމަ ފަސް ލައްކަ ރުފިޔާއެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ބީހައިވް އިން ހުށަހަޅާފައިވާ ދެ ޕަސެންޓު ދެއްކުމަށް އެފްއޭއެމުން އިންކާރު ކުރިއެވެ. އެ އެސޯސިއޭޝަނުން ބުނީ ފަހުން ދައްކާގޮތަށް ބީހައިވް އިން ފައިސާ ދޫކޮށްފައިވީ ނަމަވެސް އެ ފައިސާ ނުދެއްކޭ ހާލަތުގައި ގެއްލުމުގެ ބަދަލު ދިނުމަށް އެފްއޭއެމުން އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.

ހަމައެއާއެކު ބީހައިވް ހޮޓްލްސްއިން ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އަކީ ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން، އެފްއޭއެމަށް މިވަގުތު ދިމާވެފައިވާ ހާލަތުން އެކީ އެއްފަހަރާ ދެއްކޭނެ ފައިސާއެއް ނޫން ކަމަށާއި އެ ދަރަނި އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް އަމުރުކޮށްދިނުމަށްވެސް އެފްއޭމުން ވަނީ އެދެފައެވެ.

ކޯޓުން މައްސަލަ ބެއްލެވި ގާޒީ، ފައިސަލް އާދަމް ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިމަނާފައިވާ ދެ ޕަސެންޓަކީ މައާފު ކޮށްފައިވާ އަދަދެއްކަމަށް ނިންމާ، ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް އެފްއޭއެމުން ދައްކަން ޖެހޭ 32،426 ޑޮލަރު އެފަރާތަށް ހޯދާ ދިނުމުގެ ގޮތުން އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެތެރޭގައި ކޮންމެ މަހަކުވެސް އެމަހެއްގެ 10 ގެ ކުރިން އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ބީހައިވް އަށް ދައްކައި ދަރަނި ހަލާސްކުރުމަށް ހުކުމްކޮއްފައެވެ.

ހަމައެއާއެކު އެފްއޭއެމްގައި ހިންގާފައިވާ ހިޔާނާތާ ގުޅުން ހުރި ޖިނާއީ މައްސަލައެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ބައިނަލްއަގުވާމީ އިދާރާތަކުން އެފްއޭއެމަށް ދޭ ފައިސާ އެ އިދާރާގެ ބައެއް ވެރިން ނަހަމަގޮތުގައި ބޭނުން ކުރާ ކަމުގެ ތުހުމަތުގައި، އެފްއޭއެމް ހައުސްވެސް ވަނީ ހުސްވި މަހު ފާސް ކޮށްފައެވެ. އެކަމާއި ގުޅިގެން އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނީ ތަރަހައިގެ ބޭރުން އެއްވެސް އަމަލެއް ވެސް މުއާމަލާތެއް ވެސް އެފްއޭއެމްގެ ފަރާތުން ކޮށްފައިނުވާނެ ކަމަށެވެ. ހަމައެއާއެކު މިކަންކަމާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކުޅެން ހަމަޖެހިފައިވާ ދިވެހި ޕްރެމިއާ ލީގްވެސް ވަނީ ނުކުޅެވި ފަސްކުރެވިފައެވެ.