އައްޑޫ ސިޓީ އަށް ޕީޕީއެމް/ޕީއެންސީ ލީޑަޝިިޕްގެ ބޭފުޅުން މިއަދު ފެއްޓެވި ދަތުރުގެ ބޭނުމަކީ ރައްޔިތުންނަށް ޝުކުރު އަދާކުރުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މި ދަތުރުގެ މައިގަނޑު މަގްސަދަކީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކޮށް ރައްޔިތުންނާ ގާތުން ހާލު ބެއްލެވުން ކަމަށެވެ.

ކުރިޔަށް އޮތް ފަސް އަހަރުގައި އިންތިހާބީ ރައީސަށް އެއްބާރުލުންދީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައިވެސް ކާމިޔާބީ ހޯދުމަށް އައްޑޫ ސިޓީ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަމައެއާއެކު މިދަތުރުފުޅުގައި އައްޑޫ ސިޓީ ހުރިހާ ރަށެއްގެ ރައްޔިތުންނާއި އިންތިހާބީ ރައީސް ބައްދަލުކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"އިންތިހާބީ ރައީސް ޑރ.މުއިއްޒު ބޭނުންފުޅުވަނީ ވީހާވެސް އަވަހަކަށް ރާއްޖޭގެ ރަށްރަށަށް އަޅުގަނޑުމެން ދަތުރުކޮށް ރިޔާސީ އިންތިހާބުގައި ރައްޔިތުން ކޮށްދެއްވީ ކަންތައްތަކަށް ޝުކުރު އަދާކޮށް އަދި ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ހަމަ ނިމިދިޔަ އިންތިހާބެކޭ އެއްފަދައިން ނުވަތަ އެޔަށްވުރެ ވަރުގަދައަށް ޕީޕީއެމް/ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައިދެއްވުމަށްޓަކައި މަސައްކަތްކޮށްދެއްވުމަށް ރައްޔިތުން އަރިހުން އެދިވަޑައިގަންނަވަން." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބު ޕީޕީއެމް/ޕިއެންސީއަށް ކާމިޔާބުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އިންތިހާބު ރައީސް އެދިވަޑައިގަންނަވަނީ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރާއި މަސައްކަތް މިފަހަރުވެސް ދައްކާ މަޖިލިސް އިންތިހާބުވެސް ކާމިޔާބު ކުރުމަށް ރައްޔިތުން އެެހީތެރިކަން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.