(އައްްޑޫ ސިޓީ ހުޅުމީދޫ) އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމް/ޕީއެންސީ ބައިބައި ކުރުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫނަ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީންގެ ބައެއް މެމްބަރުން އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްްވައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ވާދަވެރިންގެ މަޅީގައި ޖެހޭ ބަޔަކަށް އެޕާޓީގެ މެންބަރުން ވެގެން ނުވާނެ ކަމަށާއި، ޕީޕީއެމް/ޕީއެންސީ މެންބަރުން އެފުރުސަތު އެއްވެސް ބަޔަކަށް ދީގެންނުވާނެ ކަމަށެވެ.

މަޖިލިސް އިންތިހާބާއި ދިމާކޮށް އެކި ފާޑުފާޑުގެ ވާހަކަ އިވޭނެ ކަމަށާއި، އެހެން ނަމަަވެސް އެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވުމަށް އަދުރޭ ވަނީ ގޮވާލާފައެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ، މިދަތުރަކީ އައްޑޫ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރައްވާ ދަތުރެއް ކަމަށާއި، އިންތިޚާބީ ރައީސް ވިދާޅުވި ގޮތަށް އެންމެ ފުރަތަމަ ވަޑައިގަތީ އައްޑޫ ސިޓީއަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރާއްޖެ އޮތީ އަނިޔާވެރިކަމަށް އިންތިހާއަށް ގޮސްފައި ކަމަށާއި، ރާއްޖޭގައި އަދުލު އިންސާފެއް ވެސް ނެތް ކަމަށެވެ.

"ރާއްޖޭގައި އަދުލު އިންސާފެއް ނެތް. ޝަރުއީ ނިޒާމު އޮތީ ނިމިގެން މިދާ ސަރުކާރު މުށުތެރޭގައި. ރައްޔިތުން ތިބީ ބަނޑަށް ޖެހިފަ. ޒުވާނުން ތިބީ ބަނޑަށް ޖެހިފަ. މިހާލަތުގަ އޮތް ރާއްޖެއެއް އަލުން އަނބުރާ އަޅުގަނޑު މިދެންނެވި ކަންތައްތަކާ އެކީގަ ކުރިއަށްދާން ބަލާއިރު، ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މިކަންކަމުން އަރައިގަތުމަށްޓަކައި، ރައްޔިތުންގެ އިތުރު އެހީ ޑރ މުއިއްޒަށް ބޭނުންވާ ކަމަށާއި، ގައުމު އޮތް ހާލަތުން ރަނގަޅު ކުރެވޭނީ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބިގެން ކަމަށެވެ. އެގޮތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދަން ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރެއްވި ގޮތަށް މަސައްކަތް ކޮށްދެއްވުމަށް ޑރ މުއިއްޒު އެދިވަޑައިގަންނަވާކަމަށް ވެސް އަދުރޭ ވިދާޅުވިއެެވެ.

ޑރ. މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ، އެމަނިކުފާނު ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހުޅުމީދޫ ބްރިޖްގެ މަސައްކަތް ފައްޓަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަންކޮޅުޖެހި ހުސްގޮނޑި

    ބަލަ އޭރު ހޮވުނީ ނަންކޮޅުޖެހި ހުސްގޮނޑީގެ ބާރުންކަން މަނިކުފާނަށް ހަނދާންނެތަސް ދެންވެސް އެއީ ހަގީގަތަކީ. އެގޮނޑި ނެތި މަނިކުފާނަކީވެސް، އަދި ދެންތިބި މީގުހުންނަކީވެސް ހަމަސުމެއް.

  2. އާދަން

    ތިހެން ބުނި އެން ޑީ ޕީ އިންވެސް. އަންގައެރުވުމަކީ ވަރައް ވިހައެއްޗެއް. ބޮޑާކޮން ވާހަކަ ނުދައްކާ ހަމަބިމައް ތިރިވޭ. ޝުކުރުކުރޭ އަލުން ވެރިކަން ލިބުނީތީ.

  3. މެކުނު

    މީހަކު ބައިބައި ކުރާކައްނުޖެހޭނެ އަމިއްލަޔައް ތިކަންތައްވެނިމޭނެ

  4. ހެޔޮކޮށް ތިބުނީ އެކަން ކުރެވޭނީ އަދުރޭއަށް

    މިހާރު ވެސް ތިއުޅެނީ، މުޢިއްޒު އާއި ސެމްބެ ވެސް ޕޕމ އިން ކަނޑާލައިގެން އަދުރޭގެ ޕނސ އަށް ވައްދައިގެން ވިއްޔަ!

  5. ސަލާމް

    މުއުމިނެއް ގަޔަކަށް އެއްހަރަކުން ދެފަހަރަށް ކައްޓެއް ނުޖެހޭނެ. މަޖިލިސް އިންތިހާބު ކުތިމަތީގައި އޮތީމަ ތިއުޅެނީ ނުދޭނަން ޕީއެންސީ އަކަށް ވޯޓެއް. ރައީސް ޔާމީނާއި ދޭތެރެ ކަންތައް ތިކުރަނީ ވަރަށް ނިކަމެތިކޮށް. މިފަހަރު ގޮވާނީ ޕީއެންސީ ނޫންގޮތެއް.

  6. އަހަރެންގެ ހިޔާލު

    މިހާރުވެސް ވެ ނިމިފަ އޮއްކަމެއްހެން ހާދަހީވޭ