ޕީޕީއެމް/ޕީއެންސީން ރާއްޖޭގެ ވެރިކަމާ ދިމާލަށް އާދެވުނު ގޮތް ހަނދާނުން ފިލައިގެން ނުދާނެ ކަމަށް ޕީއެންސީގެ ޗެއާޕާރސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕްގެ ބޭފުޅުން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުގެ ތެރެއިން ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އެމްޑީޕީ ވެރިކަމެއް ގެނެސް، ގައުމު ސުންނާފަތިކޮށްލީ ކޮންބައެއްކަން ހަނދާން އެބަހުރިކަމަށާއި، ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބުނު ގޮތްވެސް ހަނދާނުން ކައްސާލައިގެން ނުދާނެ ކަމަށެވެ.

"އެވާހަކަ ދެއްކެވި ބޭފުޅުން މިއަދު އަޅުގަނޑުމެން ވެރިކަމާ ހަމައަށް އައިމާ، ވެރިކަމާ ހަމައަށް އާދެވުނު ގޮތް ހަނދާން ނެތުނަސް މިވެރިކަން ގެންނަން މަސައްކަތްކުރި އަޅުގަނޑުމެންގެ ޓީމުން އެހަނދާން ނެތިގެން ނުދާނެ" އަދުރޭ ވިދާޅުވިއެވެ.

ގައުމުގެ ހާލަތު ވަނީ ވަރަަށް ގޯސްވެފައިކަމަށް ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ މި ގައުމުގައި ރައްޔިތުން އެދޭ ގޮތަށް އެއްވެސްކަމެއް ބައްޓަންވެފައި ނެތްކަމަށެވެ. އަދި އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާއިރު، އަދުލު އިންސާފާއި، ޝަރުއީ ނިޒާމުުގައި ހަމަހަކަން ނެތްއިރު، ޒުވާނުން ތިބީ މަގުމަތިވެފައިކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ދިވެހިންގެ ރާއްޖެއަށް މިހާރު ދިވެހިންނަށް އާދެވިފައިވާކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ، ދިވެހިންގެ ރާއްޖެއަށް އާދެވުނުއިރު ރާއްޖޭގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައިގައި ކަމަށެވެ.

ނަމަވެސް ފާއިތުވި ފަސް އަހަރުގެ ގޮންޖެހުންތަކާއި އެކުވެސް ޕީޕީއެމް އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި، ކުރިއަަށް އޮތް ތަނުގައިވެސް ދެމި އޮންނާނީ އެގޮތުގައި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓިނުގުދަން

    ތިފަރާތުގެ ބަސްމަގު ހުރިގޮތުން ވެރިކަން ލިބުނުގޮތް ވަރަށް ބޮޑަށް ހަނދާންނެއް ނެތްކަން ޔަޤީން، މީހެއްގެ ފޮޓޯ ވިއްކައިގެން ނޫންތޯ އައި ކޮބާ އެމީހާ