އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަސްތެރޭ އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތް ފެށޭނެ ކަަމަށް ޕީޕީއެމް/ޕީއެންސީން ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މިކަން ހާމަކުރެއްވީ މިރޭ ޕީޕީއެމް/ޕީއެންސީން ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ.

އެގޮތުން އަދުރޭ ވިދާޅުވީ، އައްޑޫ ސިޓީއަށް ޕީޕީއެމްގެ ލީޑާރޝިޕުގެ ބޭފުޅުން ކުރައްވާ ދަތުރުފުޅަކީ ޕީޕީއެމް/ޕީއެންސީއަށް ލިބުނު ކާމިޔާބީއަށް ޝުކުރު ދެންނެވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށާއި، ނިމިދިޔަ އިންތިޚާބަކީ އެޕާޓީއަށް ފަސޭހައިން ކާމިޔާބު ކުރެވުނު އިންތިޚާބެއް ކަމަށެވެ.

ޕީޕީއެމް/ ޕީއެންސީ ހުޅުމީދޫ ޖަލްސާ— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

މުއިއްޒުގެ ފަރާތްޕުޅުން ރައްޔިތުންނަށް އެމަނިކުފާނުގެ ހާއްސަ މެސެޖެއް ރައްދުކޮށްދެއްވުމަށް މުއިއްޒު އެދިވަޑައިގެންނެވި ކަމަށާއި، އެއީ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހުޅުމީދޫގެ ބްރިޖްގެ މަސައްކަތް ފަށާނެ ވާހަކަ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ތިމަންނަގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބްރިޖުގެ މަސައްކަތް ފެށިގެންދާނެއޭ،" މުއިއްޒުގެ މެސެޖް އިއުލާން ކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީން ވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ޕީޕީއެމް އަށް ތާއީދުކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުންތަކުގައި އަދުރޭ ވިދާޅުވީ، ވެރިކަމަށް އަންނަނީ ގައުމުގެ ހާލަތު ރަނގަޅު ކުރަން ކަމަށެވެ.

ޕީޕީއެމް/ ޕީއެންސީ ހުޅުމީދޫ ޖަލްސާ— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިޝާރާތް ކުރައްވާ އަދުރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ވެސް އެޕާޓީއަށް މުހިންމު އިންތިޚާބެއް ކަމަށެވެ.

ރައީސް ޔާމީން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕޭނަށް ހުޅުމީދުއަށް ވަޑައިގެން އެރަށުގައި ވާހަކަދައްކަވަމުން ވެސް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ބުރިޖު އަޅުވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީން އޭރު ވިދާޅުވީ ބުރިޖު އެޅުމަކީ އެމަނިކުފާނަށް ދާދިފަސޭހަ ކަމެއް ކަމަށާއި މާލެ އާއި ހުޅުލެއާއި ދެމެދު ބުރިޖެއް އެޅުމުން އެކަން ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިކި ކިރު

    ބުރިޖުތޯ މި ޤައުމުގާ ނޭލިގެން މި އުލެނީ! ދަރަނި މައްޗަށް ދަރަނި ތިޔަ ނަގަނީ! ތިޔަ ތަނުގެ އާބާދީ އަކީ 40000 މީހުން. މީހަކު ބުރިޖު އެލިއޭ ކިޔާފައި ރައްޔިތުން ދަރާ ވިއްކައިގެން ނުޖެހޭ ތިކަން ކުރާކަށް.

    1
    5
    • އައި

      އާނ ނިމިދާ ސަރުކާރުން ވަނީ ބުރިޖް އަޅަން އުޅެ އުޅެ ނުއެޅި މުޅިގައުމު ދަރުވާ ދަރަނިން ސަލާމަތް ވާވަރަށްވުރެ މައްޗަށް އަޅިއަށް ހަދާފައި ވިއްޔާ! އެމްޑީޕީ ސަރުކާރަށް ބުރިޖެއް ނޭޅި ގައުމު ދެރުވިނަމަވެސް ޕީޕީއެމް ގުޅިފައިވާ ސަރުކާރަކީ ކަންތައް ތައް ކުރާނެ މޮޅު ހުނަރު ލިބިފައިވާ ޕާޓީއެއްކަން ރައްޔިތުންނަށް އެގިދަސްވެފައި މިހާރުވާނީ

  2. ހަނަފީ

    ބްރިޖް އެޅިޔަސް ވޯޓް ނުލިބިދާނެ.. އަދިވެސް މީ އައްޑޫ. ކުރިން ބްރިޖް އަޅައިގެންވެސް ވޯޓް ލިބޭނެ ކަމަށް ހީކުރި ދޯ