އިޓަލީ ލީގުގައި އިތުރު ވަގުތުގައި ވިކްޓޯ ކޮވަލެންކޯ ޖެހި ގޯލާއެކު ނަޕޯލީ، އެމްޕޮލީގެ އަތްދަށުވެއްޖެއެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވީ 1-0 އިންނެވެ. މިދިޔަ ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބު ކުރި އިރު، ނަޕޯލީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނަމަވެސް، މި ސީޒަންގެ ލީގުގައި އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ނަޕޯލީގެ ޖިއޮވާނީ ސިމިއޯން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ބަަލައި ނުގަތުމަށެވެ. އޭގެ ފަހުން ވެސް ނަޕޯލީ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. މެޗުގައި އެމްޕޮލީން ލަނޑު ޖެހީ، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. ޓީރޯން އެބުއެހީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްޕޮލީގެ ލަނޑު ޖެހީ ވިކްޓޯ ކޮވަލެންކޯ އެވެ.

މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި ނަޕޯލީގެ ތިން ވަނަ ބައްޔެވެ. މިހާތަނަށް ލީގުގައި އެ ޓީމުން ވަނީ 12 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ހަ މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. 12 މެޗުން ލިބުނު 21 ޕޮއިންޓާއެކު ނަޕޯލީ އޮތީ ހަތަރު ވަނައިގަ އެވެ. ނަޕޯލީ އަތުން ހޯދި މޮޅާއެކު އެމްޕޮލީން ވަނީ ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު 12 މެޗުން 10 ޕޮއިންޓާއެކު އެ ޓީމު އޮތީ 17 ވަނައިގަ އެވެ.