ސްރީ ލަންކާގައި ކެންސަރަށް ފަރުވާ ހޯދަމުންގެންދާ އައްޑޫ ސިޓީ ފޭދޫ މީހަކަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ގުޅުއްވާ ފަރުވާ ކުރިއަށް ގެންދިއުމުގައި ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންދެއްވައިފިއެވެ.

މިގޮތުން އުރަމަތީ ކެންސަރަށް ފަރުވާ ހޯދަމުން ގެންދާ ފާތިމަތު ޝާމިލާއަށް ހީނާ ގުޅުއްވީ އޭނާގެ ޕޯސްޓެއް މީސް މީޑިއާގައި ދައުރުވަމުންނެވެ.

އެ ޕޯސްޓްގައި ބުނެފައިވާގޮތުން އޭނާއަށް ކެންސަރު ޖެހިފައިހުރީ ސްޓޭޖް -2 ގައި ކަމަށް ޑޮކްޓަރ ބުނެފައިވެއެވެ. އަދި ވީހާވެސް އަވަހަށް ސަރޖަރީ ކުރަންޖެހޭ ކަމަށް ޑޮކްޓަރ އެންގުމާއިއެކު، ފެބުރުއަރީ އެއް ވަނަ ދުވަހު މިކަމަށް ކުރަންޖެހޭ ސަރޖަރީގެ ކުރިން ހަދަންޖެހޭ ހުރިހާ ޓެސްޓްތައް ހެދުމަށް އަމިއްލަ އަތުން ވަރަށް ބޮޑެތި ހަރަދުތަކެއް ކުރެވުނު ކަމަށް ބުނެފައި ވެއެވެ. އަދި އެމެޖެންސީކޮށް ޓެސްޓްތައް ހެދުމަށްފަހު ހަމަ އެދުވަހުގެ ވަގުތެއްގައި ސަރޖަރީކޮށް ކަނާތްފަރާތު އުރަމަތީގައި ގިނަ އަދަދަކަށްހުރި "ލިންފް ނޮޑްސްތައް" ވެސް ނަގާފައިވާ ކަމަށް ބުނެފައި ވެއެވެ.

"މި ސަރޖަރީއަށްފަހު މަރޗް 11 ވަނަ ދުވަހު ވަނީ ކީމޯ ތެރަޕީ ދޭން ފަށާފައި. އެގޮތުން ޖުމްލަ 8 ކީމޯތެރަޕީ އާއި އެކު 15 ރޭޑިއޭޝަން ދޭން ޖެހޭކަމަށް ޑޮކްޓަރ ބުނެފައިވޭ. ޑޮކްޓަރ ބުނެފައިވަނީ، މި ކެންސަރު ހުރި މިންވަރުން އަޅުގަނޑަށް ދޭންޖެހޭނީ އެންމެ ހައި ޑޯޒްގެ ކީމޯ ތެރަޕީކަށް". އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

އެ ޕޯސްޓްގައި ބުނެފައިވާގޮތުގައި އޭނާ މި ބައްޔަށް ފަރުވާ ބޭނުންވަނީ އިންޑިއާގައެވެ. އެހެންނަމަވެސް ފަރުވާއަށް ބޭނުންވާ ބޭސް ގަތުމާއި، ހުރުމާއި ކެއުންފަދަ އިންސާނަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށާއި އެހެނިހެން ހަރަދުތައްވެސް ކުރަން ޖެހޭނީ އަމިއްލަ ހަރަދުގައި ކަމށް ބުނެފައި ވެއެވެ.

"މި ބަލީގައި 1 އަހަރުވެގެންދާއިރު މާލީ ގޮތުން އެތައް ހޭދައެއްވެސް ކުރެވިފާއިރު، އިސްވެ ދެންނެވި ކަންކަން ކުރުމަށް އަޅުގަނޑުގެ މާލީ ހާލަތު އެއްވެސް ވަރަށް ތަނެއް ނުދޭ. މާލީ ހާލަތު އެހާދަށްވެ އަޅުގަނޑު ނަފްސާނީ ގޮތުން ބަލިބޮޑުވެ، ޑިޕްރެޝަނަށް ގޮސް، މިއަދު މިވަނީ ވަރަށްވެސް ބޮޑު ދަތި އަދި އުނދަގޫ ވޭންހުރި ހާލަތަކަށް ގޮސްފައި."، އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ކޮށްފައިވާ އެ ޕޯސްޓްގައި ވެއެވެ.

އެކަމާ ގުޅިގެން ހީނާ ވިދާޅުވީ، އޭނާ އިއްޔެ ޝާމިލާއަށް ފޯނުން ގުޅާ ހާލު އޮޅުންފިލުވާލާފައިވާ ކަަމަށެވެ.

"ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޝާމިލާ ބޭނުންވާ ގޮތް އޮޅުން ފިލުވިން. އަދި އެގޮތަށް އަޅުގަނޑުމެންނަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނިން.". ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ހަވާސާ ނުކޮށް, ނިޒާމްގެ ތެރެއިން އަޅާލުމާ އޯގާތެރިކަމާއި ލޯތްބާއެކު އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.

"ކޮންމެ ބޭފުޅެއްގެވެސް އަޑުއަހާނަން. އަދި އެބޭފުޅަކަށް ކޮށްދެވެން ހުރި ކަންކަން ކޮށްދިނުމަށް އިސްކަންދީ އެއްބާރުލުން ދޭނަން،".

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރރރ

    ހާދަ ހެޔޮފުޅޭ

  2. ފައިސަލް

    މަގުމަތީގަ މިއުޅޭ ސަލާންޖަހާ މީހުންނަށް، އެކަން ނުކޮށް އުޅެވޭވަރުގެ އިނާޔަތެއް ދެވޭނީ ކޮން ދުވަހަކުންތޯ؟

    2
    5
    • ބެއްޔާ

      އެމީހުންސަލާންޖަހަނީ ފަގީރުކަމުން ކާނެއެއްޗެއްނުލިބިގެނެއްނޫން.އެއްވެސް މަސައްކަތެއްނުކޮށް ފަސޭހައިން ފައިސާލިބޭތީ. ގިނަމީހުންނަކީޒުވާނުން. މަސައްކަތްކުރެވޭވަރުގެ މީހުން. އެހޯދާ ފައިސާއަށް ގަންނަނީ މަސްތުވާތަކެއްޗާ ބިޑިއާ ސިގިރޭޓް. އެމީހުނަށް އިނާޔަތް ދޭކަށް ނުޖެހޭ. އެމީހުން ވަޒީފާއަށްދިއައިމާ ފައިސާ ލިބޭނެ. އެމީހުންބޭނުންވަނީ މަސައްކަތެއް ނުކޮށްފައިސާހޯދަން. އެވަޒީފާ އެމީހުން އެއަދާ ކުރަނީ.

  3. ހީހީބަލިވެއްޖެ

    އާސަންދަގެ ޒީނިޔާ ވެސް އެންސްޕާ ގެ ހީނާ ގޮތަށް ރަހުމު ކުރެއްވުން ކީއްތޯ؟ ލާރި ނަގާ ޚިޔާލު ދޫކުރައްވާ އެންމެންނަށް ހިލޭ ބޭސް ކޮށްދެވޭ ގޮތެއް ބައްލަވާ.

  4. ފާއިޒު

    އަލްޙަމްދު ލިއްލާހި. ތިފަދަ މަޤާމު ތަކުގައި ތިއްބަވާ އެންމެންގެ ކިބައިންވެސް ތިފަދަ ސިފަތައް ތާ އަބަދުވެސް ފެނުމަށް އުއްމީދުކުދަން.

    13
  5. ޢަލީ

    ތިޔަ ހެޔޮފުޅުކަން ކިހާ ދުވަހަކަށް އޮންނާނެބާ!

    6
    3
  6. Anonymous

    ޝުކުރިއްޔާ ކަމަނާ ޖަޒާކިﷲ ޚައިރަން
    މީ ރައްޔިތުން ރަނގަޅު ރައީސުން ހޮވުމުގެ ބޭނުމަކީ. ނިމިދިޔަ ސަރުކާރުގައި މޮޅުކޮށްދިނީ ދިވެހި ރައްޔިތުންނަށްވުރެ އިންޑިޔާއަށް