އިންސާނީ ހަޟޯރަތް އިތުރަށް ކުރި އަރުވާ މިހާރު އިންސާނީ ޖީލު އޮތް ފައްތަރުން އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ދުނިޔޭގެ އާބާދީ މިހާރަށްވުރެ އެތައް ގުނައެއް އިތުރުވާންޖެހޭ ކަމަށް ޓެސްލާ އަދި ޓުވިޓަރ ގެ ވެރިޔާ އީލޮން މަސްކު ބުނެފިއެވެ.

އިންސާނީ ހަޟޯރަތުގެ ތަރައްޤީ ގުޅިފައިވަނީ މީހުންގެ ސިކުނޑިއާއި ކަމަށާއި، ހުނަރުވެރިން ދުނިޔޭގައި ގިނަ ވާ ވަރަކަށް އެމީހުންގެ ވިސްނުމާއި ހުނަރުން ދުނިޔޭގެ އާބާދީ އަށް އޭގެ ހެޔޮ އަސަރު ކޮށް، ދުނިޔެ އިތުރަށް ތަރައްްޤީވެގެން ދާނެކަމަށް ދުނިޔޭގެ އެންމެ މުއްސަދި މީހާގެ މަގާމުގައި ހުރި މަސްކް ވަނީ ބުނެފައެވެ.

މަސްކް ބުނާ ގޮތުގައި ދުނިޔޭގެ އާބާދީ މިހާރު މާ މަދެވެ. ދުނިޔޭގައި ޓުރިލިއަން އިންސާނުން އުޅެން ޖެހޭ ކަމަށް މަސްކު ބުނެއެވެ. އޭރުން ހުނަރުވެރިންނާއި ފަންނުވެރިން އިންތިހާއަށް ދުނިޔޭގައި ގިނަވެ، އޭގެ ފައިދާ ވަރަށް ރަނގަޅަށް އިންސާނީ ޖީލަށް ކުރާނެ ކަމަށް މަސްކު ބުނެފައި ވެއެވެ.

އެގޮތުން އޭނާ މިސާލަކަށް ނެގީ މޮޅު މިއުޒިކް އުފެންދުންތެރިޔާ މޮޒާޓެވެ. މޮޒާޓް މަރުވުމަށްފަހު އެތަށް އަހަރެއް ވީ އިރުވެސް ދުނިޔޭގައި އެފަދަ ދެވަނަ ހުނަރުވެރިއެއް އެފެދިފައިނުވާ ކަމަށާއި، ނަމަވެސް ދުނިޔޭގެ އާބާދީ އަކީ ޓްރިލިއަން މީހުން ނަމަ އަބަދުވެސް މޮޒާޓް ހާ ހުނަރުވެރި 1000 އެއްހާ މީހުން ދުނިޔޭގައި އުޅޭނެކަމަށް މަސްކު ބުނެފައި ވެއެވެ.

އަދި މަޝްހޫރު ސައިންސްވެރިޔާ އެއިންސްޓެއިން ފަދަ އެތައް ހާސް އެއިންސްޓެއިން ވެސް އުޅޭނެ ކަމަށާއި މީގެ ސަބަބުން އިންސާނުންގެ ދިރިއުޅުން ޖައްވުގެ އެހެން ގުރަހަ ތަކަށް ބަދަލުކުރާނެ ކަމަށްވެސް މަސްކު ބުނެފައި ވާއިރު، އޭނާ އިތުރަށް ބުނީ މިއީ ކައިރި މުސްތަޤްބަލެއްގައި ވާނެ ކަމެއް ކަމަށް އަދި ނުދެކޭ ކަމަށާއި، ނަމަވެސް މުސްތަޤްބަލުގައި މިކަން ވުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.

އީލޮން މަސްކްގެ މި ނަޒަރިއްޔާތަށް ދެން ތާއީދު ކުރަނީ ދުނިޔޭގެ ދެވަނަ އަށް އެންމެ މުއްސަދި މީހާ ކަމަށްވާ ޖެފް ބެޒޯސްއެވެ. އޭނާ އަކީ އެމެޒޮންގެ ވެެރިޔާއެވެ.

މި ދެ ބިލިއަނަރުން ވެސް ދަނީ އެމީހުންގެ ޖައްވީ ކުންފުނިތައް ހިންގަމުންނެވެ. އެގޮތުން ޖެފް ގެ ކުންފުނި ކަމަށްވާ ބުލޫ އޮރިޖިން އަދި މަސްކްގެ ސުޕޭސް އެކްސް އިން ދަނީ ޖައްވީ ފަތުރުވެެރިކަން ތައާރަފުކޮށް އެކަން ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު