އޮމާންގެ ސުލްތާން ހައިތަމް ބިން ތާރިގު އިންޑިއާ އަށް ކުރެއްވި ދަތުރަކީ ދެ ގައުމުގެ ދޭތެރޭގައި އޮތް ތާރީހީ ގުޅުމަށް އިތުރުވި ބޮޅެއް ކަމަށާއި، އަދި އެ ޒިޔާރަތުން އާ ގުޅުންތައް އުފެއްދުމަށް މަގުފަހިކޮށްދޭނެ ކަމަށް އޮމާންގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު އަލްބުސައިދީ ވިދާޅުވެއްޖެއެވެ.

އޮމާންގެ ޚާރިޖީ ވަޒީރު ވިދާޅުވީ ސުލްތާންގެ ދަތުރުފުޅުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމަށެވެ.

ސައްޔިދު ބަދުރު ވިދާޅުވީ އެ ދަތުރުފުޅުން ރަމްޒު ކޮށްދެނީ އެތައް ޒަމާނުއްސުރެ ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމާއި، ސަގާފީ އަދި އިގުތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތް ކަމަށެވެ. އިންޑިއާ އާއި އޮމާން އަކީ ވަރަށް އެކުވެރި ދެ ގައުމުގެ ގޮތުގައި ސައްޔިދު ބަދުރު ވަނީ ސިފަކުރައްވާފައެވެ.

އޮމާންގެ ސުލްތާން ވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށް ވަޑައިގެންފައެވެ. ސުލްތާންއަށް ދިއްލީ އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ އެކްސްޓާނަލް އެފެއާޒްގެ ޔޫނިއަން މިނިސްޓަރު ވީ މުރަލީދަރަން އެވެ.

އިންޑިއާގެ ރައީސް ދްރައުޕަދީ މުރުމޫ ވަނީ އޮމާންގެ ސުލްތާންގެ އިއްޒަތުގައި ރައީސްގެ ރަސްމީ ގެކޮޅު ރާޝްތްރަޕަތީ ބަވަންގައި ކެއުމެއްވެސް އިންތިޒާމު ކުރައްވާފައެވެ.

އޮމާންގެ ސުލްތާން އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެގައުމުގެ އިގުތިޞާދީ، ސަގާފީ، ދިފާއީ، އީޖާދީ އަދިވެސް އިތުރު ގުޅުންތައް އިތުރަށް ވަރުގަދަ ކުރާނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އޭގެ އިތުރުން ދެ ގައުމުން ތަފާތު 10 ދާއިރާއެއްގައި ގުޅިގެން މަސައްކަތް ކުރުމަށް ޕާޓްނާރޝިޕެއްވެސް ވަނީ އެކުލަވާލާފައެވެ.

އިންޑިއާ އާއި އެކު އޮތް ގުޅުމަށް މިއައި ކުރިއެރުމަށް އޮމާނުން މަރުހަބާ ކިޔާ ކަމަށާއި، އެކަމުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށްވެސް ހެޔޮ އަސަރެއް ކުރާނެ ކަމަށް އޮމާންގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ. އިންޑިއާއިން ދަނީ މިފަހުން އަރަބި ގައުމުތަކާއި ގާތް ގުޅުމެއް ބޭއްވުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ސައުދީ އަރަބިއްޔާ އަދި އެކުވެރި އަރަބި ދައުލަތާއި އެކީ ގާތް ގުޅުމެއް އިންޑިއާއިން ވަނީ ގާއިމްކޮއްފައެވެ.

ކިޔުންތެރިންގެ ހިޔާލު