އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ.

ޑިމޮކްރެޓްސް އިން އެގޮތަށް ނިންމާފައި ވަނީ އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ފުރަތަމަ ބައްދަލުވުމުގައެވެ. އެ ޕާޓީން ބުނި ގޮތުގައި ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ހުރިހާ އިންތިހާބީ ދާއިރާކަށް ވާދަކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

މަޖިލިހުގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ 17 ގައެވެ. ޕްރައިމަރީ އަށް ކުރިމަތިލާ މީހަކީ އަންނަ ފެބްރުއަރީ 4 ގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓާވެފައިވާ މެމްބަރަކަށް ވާން ޖެހޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ޑިމޮކްރެޓްސް އިން ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވާ މެމްބަރެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އަދި، މި ޕްރައިމަރީއަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިމަތިލާ މީހާގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްފައިވާ ފޯމާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖިނާއީ ކުށްތަކާ ގުޅޭ ރިކޯޑް ސާފުކޮށްފައިވާ ފޯމު ހުށަހެޅަން ޖެހޭނެ ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުންޏެވެ. ޕްރައިމަރީގައި ވޯޓު ދެވޭނީ ފެބްރުއަރީ 4 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.

ޑިމޮކްރެޓްސްއަކީ މިހާރު ކުރިއަށްދާ 19 ވަނަ މަޖިލިހުގެ މައިނޯރިޓީ ޕާޓީއެވެ. އެ ޕާޓީއަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އެމްޑީޕީގެ މެމްބަރުންތަކެއް ވަކިވެވަޑައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔ

    ޢެއްގޮނޑިވެސް ނުލިބޭނެ

  2. ހަސަންޓޭ

    ބޭކާރު ބައިގަނޑެއްތީ. ތިޔަމީހުންގެ ހަމަ އެކަނި މަޤޤސަދަކީ އެމްޑީޕީ އަށް ގެއްލުން ކުރުވުން