ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވާ ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭ ސިޔާތުގެ ދަށުން 50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ހިދުމަތް ދޭން ފަށާ، ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީފް ވިދާޅުވީ، މި ޕްރޮގްރާމްގެ މަގްސަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަގާފަތެއް އަށަގެންނެވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުން ކަމަށެވެ.

"އަދ އެހަމައެހެންމު ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ، އަދި އެކަަމަށް އަހަންމިއްޔަތުކަން ދޭ ޖީލެއް ބިނާ ކުރުން.". އޭނާ ވިދާޅުވިއެވެ.

ދިވެހިންނަށް ހިލޭ މެޑިކަލް ޗެކްއަޕް ހެހެދުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އާދިން މޫސާ ލަތީފް

ހީނާ ވިދާޅުވީ، މެޑިކަލް ޗެކްއަޕް ނިޒާމުގެ ތެރެއިން ހުރިހާ ދިމާލަކުން މައުލޫމާތުތައް އެއްކުރާނެ ކަމަށާއި، އޭގެ އަލީގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ސިއްހީ ހިދުމަތަށް ކުރެވޭ ހަރަދު ތަކާއި ސަރުކާރު ބައެއް ކަހަލަ ސިޔާސަތުތައް ހަރުދަނާކޮށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލުތަކާއި، ހިދުމަތްތަކެއް ގާއިމް ކުރުމަށް މި މައުލޫމާތުގެ އަލީގައި މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ.

އާސަންދަ ކުންފުނީގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ، މި މެޑިކަލް ޗެކްއަޕް ހަދާފައި ވަނީ ފަންނީ ބޭފުޅުންގެ ލަފާއާއި އެކު، ގުޅުން ހުރި ފަންނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

"ޕެކޭޖްތަކުގައި ކުރާނެ ޓެސްޓުތަކާއި، ޕެކޭޖްތަކުގައި ރާވާފައި ހުރި ގޮތްތައް ރޭވިގެން ގޮސްފައި މި ހުރީ. އަޅުގަނޑުމެންގެ ޕެކޭޖްތަަކަށް ފަހުންވެސް ބަދަލެއް ގެންނާނީ ފަންނީ ބޭފުޅުންނާއި އެކު މަޝްވަރާ ކުރުމަށް ފަހު،".

މި ހިދުމަތް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި، އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތައް އަދި މާލޭ ސިޓީގައި ނަމަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން ލިބިގެން ދާނެއެވެ.

ޒީނިޔާ ވިދާޅުވީ، މިއަދުން ފެށިގެން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން މި ހިދުމަތަށް ރެޖިސްޓަރ ކުރެވޭނެ ކަމަށެވެ.

"އެ ބޭފުޅަކު މެޑިކަލް ޗެކްއަޕް ހަދަން ބޭނުންވާ ތަނަކަށް ގުޅުއްވައިގެން އެޕޮއިންޓްމެންޓް ހަދަން މި ޖެހެނީ ޓެސްޓުތައް ހަދަން ދިއުމަށާއި، މެޑިކަލް ޗެކްެއަޕް ދެން ހުރި ބައިތައް ފުރިހަމަ ކުރަން،". ޒީނިޔާ ވިދާޅުވިއެވެ.

ދިވެހިންނަށް ހިލޭ މެޑިކަލް ޗެކްއަޕް ހެހެދުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އާދިން މޫސާ ލަތީފް

މިކަމަށް ސަރުކާރުން ވަނީ ޓައިމްލައިންތަކެއް ކަނޑައަޅާފައެވެ. މިގޮތުން މިއަދުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މި ހިދުމަތް ތަންފީޒު ކުރަން ފަށާނެއެވެ. އަދި 35 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނަށާއި، 19 އަހަރުން ދަށުގެ ކުދިންނަށް އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ތަންފީޒު ކުރެވިގެންދާއިރު، 19 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް މި ހިދުމަތް ދޭން ފަށާނީ ޖުލައި 1 ވަަނަ ދުވަހުން ފެށިގެންނެވެ.

މިކަމަށް ހާއްސަ ޕެކޭޖްތަކެއް ދެ ޖިންސަށް ވަކިން ވަނީ ހަދާފައެވެ. އަދި އުމުރު ފުރައާ ގުޅޭ ޓެސްޓުތައް ކޮންމެ ޕެކޭޖެއްގައިވެސް ހިމެނިގެން ދާނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

"50 އަހަރުގެ މީހުންނަށް އަޅުގަނޑުމެން ފައްޓަނީ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުން ދަނީ އުމުރުން 50 އަހަރުން މަތީގެ ގިނަ ރައްޔިތުންތަކެއް ވީމަ.". ޒީނިޔާ ވިދާޅުވިއެވެ.

އަދި މި އުމުރު ފުރާގައި ބަލި ނުޖެހި ތިބި ފަރާތްތަކަށް ޗެކްއަޕް ހަދަން ފުރުސަތު ދީ، އެ މީހުންގެ މެދުގައިވެސް ބޮޑެތި ބަލިތައް ދުރާލާ ދެނެގެނެވޭނެ މަގްސަދު ހާސިލް ކުރުމަށް ކަމަށްވެސް ޒީނިއާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވިގޮތުގައި، މިހާރުވެސް ސްކޫލްތަކުގައި ހެލްތް ސްކްރީނިންގ ކުރިއަށް ގެންދެއެވެ. އެހެން ނަމަވެސް އޭޕްރިލް އެއް ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ދެމުންގެންދާނީ ސްކްރީނިންގގެ ޕްރޮގްރާމްތައް މުރާޖައާ ކުރުމަށް ފަހުގައި ކަމަށް ވިދާޅުވިއެެވެ.

"ރޯލް އައުޓް ކޮށްލައިގެން ޓައިމްލައިންތައް ޖުލައިއާ ހިސާބަށް ދާއިރުގައި މުޅި ޕޮޕިއުލޭޝަނަށް އަހަރަކު ދެ ފަހަރު އާސަންދަ ސްކީމް ތެރެއިން މެޑިކަލް ޗެކްއަޕް ހެދިގެން ދާނެ،". އޭނާ ވިދާޅުވިއެވެ.

މި މެޑިކަލް ޗެކްއަޕް ފުރިހަމަ ވާނީ، އޭގައި އެކުލެވިގެންވާ ހުރިހާ ޓެސްޓުތައް ނިންމާ އޭގެ ނަތީޖާއެކު ޑޮކްޓަރަށް ދައްކާ، ޑޮކްޓަރު މެޑިކަލް ފޯމް ފުރިހަމަ ކުރުމުންނެވެ. މިގޮތުން ފުރަތަމަ މެޑިކަލް ޗެކްއަޕް ހަދާތާ ހަ މަސް ފަހުން ދެވަނަ މެޑިކަލް ޗެކްއަޕަށް އެ މީހަކަށް އެދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. 50 އަހަރު ނުވިޔަސް މިހާރުވެސް ހިލޭ ހެދޭ

    ކޮންމެ ޢުމުރަކަސް، މެޑިކަލް ޗެކަޕް ހެދުމަށް ޑޮކްޓަރ ލިޔެދެއްވައިފިއްޔާ، ބަލިމީހާގެ އަތުން ޚަރަދު ނުކޮށް އާސަންދައިން ޓެސްޓް ހެދޭތާ މިހާރު އެތަކެއް އަހަރު ވެއްޖެއެވެ. ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ވެސް ޓެސްޓް ހައްދައިދެއެވެ. ކަލޭމެން ތިކުރާ ކަމަކީ މި ސަރުކާރު ޕްރޮމޯޓް ކުރަންވެގެން ދޭތެރެއަކުން ނިއުސް ކޮންފަރަންސް ބާއްވާފައި ހިނގަހިނގާ ހުންނަ ކަންތަކުގެ ވާހަކަ ދައްކަނީއެވެ.

    13
    11
    • ޖ

      މޑޕ ކުދިން ޖޭވިޔަސް ހަޖަމް ޕްލީސް

      9
      2
    • ބައިތުލްހާދީ

      ތި ކޮމެންޓް ލިޔުމުގެ ކުރިން މެޑިކަލްޗެކަޕް ކިޔަނީ ކޯންޗަކަށްތޯ ބަލާބަލަ. ޑޮކްޓަރު ވަކިކަންކަމެއް ތަހުލީލުކުރަންދޭ ޓެސްޓްތަކަކީ މެޑިކަލްޗެކަޕެއްނޫން. ގަމާރަސް ބޮޑުވަރު ތިއީ.

  2. ކޮޔާ

    ވރަނގަޅު ނިންމުމެއް ސަރުކާރަށް އޭ ޕްލަސް

    16
    3
  3. ބޮލި މުލައް

    އަތޮޅުތަކުގެ ޞިއްޙީ ޙާލަތު ނިޔާކުރާގޮތުން އެތަންތަނުން ހަދާ މެޑިކަލް ޗެކަޕުން ނުކުންނާނެ ނަތީޖާއެއް އޮންނާނެކަމަކަށް ނުދެކެން

  4. ޅަސޮރު

    މައްސަލައަކީ ރާއްޖޭގައި ހުންނަ ޓެސްޓު މެޝިންތަކުން ހަދާ ޓެސްޓްތަކުން އެއްވެސް މައްސަލައެއް ނުފެންނާތީ. ރާއްޖޭން ބޭރަށްގޮސް ހަމަ އެޓެސްޓުތައް ހަދާއިރު އެމީހަކު ހުންނަނީ އެ ބައްޔަކަށް ހުށައެޅި ސަލާމަތް ނުވެވޭވަރު ވެފައި. މިއީ ވަރަށް ހިތާމަހުރި ކަމެއް. މިއީ މެޝިނުގެ މައްސަލައެއްތޯ ނުވަތަ ޓެސްޓް ހަދާ ޓެކްނީޝަންގެ މައްސަލައެއްތޯ އެބަ ޖެހޭ ޔަގީންކޮށް ބަލަން. މިއީ ތޯތޯ ވާހަކައެއް ނޫން. އަމިއްލަ ތަޖުރިބާއަށް ބުރަވެ ބުނި ތެދު ވާހަކައެއް. ތިޔަކަމަކީ ކިތައްމެ މާތް މަގުސަދެއްގައި ފެށި ކަމެއް ނަމަވެސް ތިޔަ ހަދާ މެޑިކަލް ޗެކަޕްވެެސް ކުރިން މި ބުނި ބީދައިން ނަތީޖާ ނެރެވޭ ނަމަ ބޮޑު ހަރަދެެއްކޮށް ތިޔަކަމަކީ ކުރުމަށްވުރެ ނުކުރުން ރަނގަޅު ކަމެއްކަމުގައި ފެނޭ

  5. ހިކި ކިރު

    ކަމަނާ ތިއީ އާކަމެއް ނޫނެވެ. ތިޔަ ކަންތައްތައް ތަޢާރަފް ކުރީ އަންނި އެވެ. އައިޑީ ކާރޑް ހިފައިގެން ދިޔައީމާ ކުރީގަވެސް ތި ޙިދުމަތް ރައްޔިތުންނަށް ލިބިގެންދެއެވެ. ތިބޭފުޅުން ޗަރުކޭސް ކުލެން ނުހަދާށެވެ. އެއަށް ވުރެ ރައްޔިތުން މިހާރު މާ ހޭލުންތެރިއެވެ.

  6. Anonymous

    ޝުކުރިއްޔާ ހިންގުންތެރި ސަރުކާރަށް.
    ސާބަހޭ ލޮބުވެތި ރައީސް ޑރ. މުޢިއްޒަށް
    .ތަފާތު މިފެންނަނީ. މަޤާމު ތަކަށް ކުފޫހަމަވާ ކިޔަަވައިގެންތިބި ޤާބިލު މީހުން ލުމުގެ ނަތީޖާ
    ޙަސަދަވެރިން ޝުކުރުވެރިވާާން ދަސްކުރޭ

    8
    3
    • Anonymous

      މީގަ ދިމާވާނެ މައްސަލައަކީ ދެން އެޕޮއިންޓްމަންޓް ނުލިބުން. މިހާރުވެސް ތިޔަ އައިޖީއެމްއެޗުން އެމް އާރު އެއް ހަދަން ވެއިޓްލިސްޓްކުރިތާ 02 މަސް ވެއްޖެ