ނޭޝަނަލް ބިލްޑް އެކްސްޕޯގެ 3 ވަނަ އެޑިޝަން ފަށައިފިއެވެ.

މިއީ ކޮންސްޓްރަކްޝަނާއި އުމްރާނީ ތަރައްގީ އަދި ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް ފުޅާކޮށް ތަރައްގީ ކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މިއެކްސްޕޯ ހުޅުއްވައިދެއްވީ މޫސުމާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމެވެ.

މިމަހު 11 އިން 14 އަށް ކުރިޔަށް ގެންދަން ނިންމާފައިވާ މި އެކްސްޕޯގެ ހަރަކާތް އޮތީ ހުޅުމާލެ ސެންޓަރަލް ޕާކުގައެވެ. މިއަދުގެ ހަރަކާތް ކުރިއަށްދާނީ ހަވީރު 17:00 އިން ރޭގަނޑު 22:00 އަށެވެ.

މިއީ އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުނަރުވެރި ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްދާ އެކްސްޕޯއެކެވެ. މި އެކްސްޕޯގެ އަމާޒަކީ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ މަރުކަޒީ ހަބަކަށްވުމާއި، އެކުންފުނިތަކަށް ރޯ މެޓީރިއަލްސް، ހެވީ މެޝިނަރީ އަދި ކޮންސްޓްރަކްޝަންއާ ގުޅުންހުރި އެހެން އުފެއްދުންތައް ދައްކާލުމަށް ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

"ނޭޝަނަލް ބިލްޑް އެކްސްޕޯ 2024"ގެ ތެރެއިން /

ބިލްޑް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޫސުމާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވީ، އެންމެ ކުދި ފަންތީގެ މަޝްރޫއުތަކުން ފެށިގެން އެއާޕޯޓު ތަރައްގީ ކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަށް އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު ސިނާއަތެއް ކަމަށެވެ.

އަދި ހަމައެއާއެކު އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ އަހަރުތަކުގައި 15 ރިސޯޓް ޕްރޮޕަޓީސް އިތުރުވެ ހަމަ އެ މުއްދަތުގެ ތެރޭގައި 323 ގެސްޓް ހައުސްގެ އޮޕަރޭޝަނަށް ގެނެސްފައިވާކަމަށާއި މިނިސްޓްރީ އޮފް ފިނޭންސް އިން އަންދާޒާކުރާގޮތުގައި ކުރިއަށް އޮތް ތިން އަހަރަށް، އިމާރާތްކުރުމުގެ ސިނާޢަތް %7.7 ގެ ކުރިއެރުމެއް ކޮންމެ އަހަރަކު ލިބޭނެ ކަމަށް ލަފާކުރެވޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

70 އަށްވުރެ ގިނަ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވާއިރު، އެފަރާތްތަކުން ފޯރުކޮށްދޭ އިމާރާތްކުރުމުގެ ސިނާއަތާއި ގުޅުންހުރި ޚިދުމަތްތަކާއި އެފަރާތްތަކުން އުފައްދާ އުފެއްދުންތައް އާންމުންނަށް ދައްކާލެވޭނެއެވެ.

"ނޭޝަނަލް ބިލްޑް އެކްސްޕޯ 2024"ގެ ތެރެއިން /

މި އެކްސްޕޯއަކީ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ މަރުކަޒީ ހަބެއްގެ ގޮތުގައި ހިދުމަތް ކުރާ ތަނަކަށް ވާއިރު، އެ ކުންފުނިތަކަށް ރޯ މެޓީރިއަލްސް، ހެވީ މެޝިނަރީސް އަދި ކޮންސްޓްރަކްޝަންއާ ގުޅުން ހުރި އެހެން އުފެއްދުންތައް ދައްކާލުމަށް ޕްލެޓްފޯމެއް ހުށަހަޅާފައިވެއެވެ.

މި އެކްސްޕޯއަކީ ނެޓްވޯކިންގ އަށް މަގުފަހިކޮށްދީ، ވިޔަފާރީގެ އިއްތިހާދުތައް އުފެއްދުމާއި، ޕްރޮޑަކްޓް ލޯންޗްކުރުމާއި، ޕްރޮޑަކްޓް ހައިލައިޓްސް، އަދި ޕްރެޒެންޓޭޝަން ފަދަ އިވެންޓް ސެގްމަންޓްތަކުގެ ތެރެއިން ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންގެ މެދުގައި ޢިލްމު ބަދަލުކުރުމަށް ހިތްވަރު ދިނުން ކަމަށް ބިލްޑް އެކްސްޕޯއިން ބުނެއެވެ.

މި އެޑިޝަންގެ މައިގަނޑު ސްޕޮންސަރަކީ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސް މޯލްޑިވްސް (ހަރިމް) އާއި އެކު ކޯ ސްޕޮންސަރު ރެނާޓަސް ޕްރޮޖެކްޓްސް އާއި ކްރިސްޓަލޯ، ޓޮޔޯ ޕަމްޕްސް، ޖަގަވާ މޯލްޑިވްސް، ކިން ލޯންގް، ރެއިންބޯ ގްރޫޕް، އެސްޓީއޯ ކޮންސްޓްރަކްޝަން، ދިވެހި އިންޝުއަރެންސް، އޮސްޓްރާވާ، ސެވަން އޯޝަންސް، ކޮމްޕަސް ގްލޯބަލް، ދިރާގު، އަދި ގްރެފައިޓްއެވެ.