ސޯޝަލް ސެންޓަރުގައި އޮފީސް ހަދައިގެން ސަރުކާރުން ކެމްޕޭންކުރާ ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)ން ދޮގުކޮށްފިއެވެ.

މާލޭގެ މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު ކަމަށް ކެންޑިޑޭޓަކު އިންތިހާބު ކުރުމާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ފެށީ މިއަދު ހެނދުނު 8:00 ގައެވެ.

މި އިންތިހާބާއި ގުޅިގެން ސަރުކާރުން ސޯޝަލް ސެންޓަރުތެރޭގައި ކެމްޕޭންކުރާ ކަމަށްބުނެ އެމްޑީޕީން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާއި ގުޅިގެން އީސީން މީޑިއާތަކަށް ވިދާޅުވީ، ސޯޝަލް ސެންޓަރުގައި ހުޅުވާފައިވާ އެ އޮފީހަކީ ޔޫތު މިނިސްޓްރީގެ ބައެއް މަސައްކަތްތައް ހިންގުމަށް ބޭނުންކުރަމުން އަންނަ އޮފީހެއްކަން އެ ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

އީސީން ވިދާޅުވީ އެތަނުގައި ކެމްޕޭނާއި ގުޅޭ އެއްވެސް މަސައްކަތެއް ނުކުރާކަން އެ މިނިސްޓްރީން ޔަގީން ކޮށްދީފައިވާ ކަމަށެވެ.

މި ބައި އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށްދާނެއެވެ. އެކަމަކު، މި ބައި އިލެކްޝަންގައި މިހާތަނަށް އައިއިރު ވޯޓުލީ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށެވެ. ކެންޑިޑޭޓުން ފޯރިގަދަ ކެމްޕެއިނެއް ކުރެއްވި ނަމަވެސް ވޯޓުލާ މަރުކަޒުގައި ފޯރިއެއް ނެތެވެ.

ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާނެ މީހަކު ނެތި އެ މަރުކަޒުތައް އޮތީ މުޅިން ހުސްކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު