ލ.ދަނބިދޫ ސްކޫލުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ބެލެނިވެރިން މުޒާހަރާ މެދުކަނޑާލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ދަނބިދޫ ސްކޫލްގެ ބެލެނިވެރިން ދަނީ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ. މީގެ ހަތަރު ދުވަސްކުރިން ބެލެނިވެރިން ނުކުމެ ސްކޫލް ބަންދުކޮށްގެން މުޒާހަރާކުރީ ސްކޫލުގައި ޓީޗަރުން ހަމަނުކޮށް ކިޔަވައިދެމުން ދާތީ އާއި ސްކޫލް އިމާރާތުގެ ހާލަތު ވަރަށް ދަށްވެފައިވާތީއެވެ.

ދަނބިދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ފަޒީލް "ވަގުތަށް" ވިދާޅުވީ އެރަށު ސްކޫލްގެ ހާލަތު ވަރަށް ދެރަ ކަމަށާއި ސްކޫލް ހޯލުގެ ސީލިން ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ.

ސްކޫލް ޕްރިންސިޕަލް އާ ދޭތެރޭ ހިތްހަމަނުޖެހިގެން ބެލެނިވެރިން ވަނީ ޕްރިންސިޕަލް އިސްތިއުފާއަށް ވެސް ގޮވައިފައެވެ. ބެލެނިވެރިން ބުނަމުންދަނީ އެޑިއުކޭޝަން ސިސްޓަމް ފެއިލްވެފައިވާ ކަމަށާއި ދަރިވަރުންގެ ކިޔެވުން ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށެވެ.

ދަނބިދޫ ސްކޫލްގެ ބެލެނިވެރިން ސްކޫލް ބަންދުކޮށް އިހުތިޖާޖް ކުރަނީ

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، އެމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެހެން ކަމުން މިހާރު އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެސްކޫލަށް ބޭނުންވާ ޓީޗަރުން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އިހައްދޫ ސްކޫލްގެ ޓީޗަރުން ގެނެސްގެން ދެ މާއްދާ ނަގަމުންދާ ކަމަށެވެ. އަދި ދާއިމީ ޓީޗަރެއް މިއަދު އެރަށަށް ފޮނުވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒީލް މިއަދު "ވަގުތު"އަށް ވިދާޅުވީ މިއަދު ޓީޗަރަކު ނާންނަ ކަމަށެވެ. ނަމަވެސް މާދަމާ އެރަށު ސްކޫލަށް ޓިޗަރަކު ފޮނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

"އެޑިއުކޭޝަންގެ ބޭފުޅަކާ ވާހަކަ ދެއްކުމަށްފަހު 15 ވަރަކަށް ދުވަހަށް މެދުކަނޑާލާފައި އޮތީ މުޒާހަރާ، އެއީ ޑިމާންޑުތައް ހައްލުކުރެވޭތޯ 15 ދުވަސް ބަލަންވެގެން މެދު ކަނޑާލީ. ޓީޗަރަކު އަދި ހިޔެއްނުވޭ އައިހެނެއް އެކަމަކު އާދީއްތަ ދުވަހު ކިޔަވަން ފަށާއިރު ހުންނާނެ ކަމަށް ބުނަނީ." ފަޒީލް ވިދާޅުވިއެވެ.

ބެލެނެވެރިންގެ ޝަުވާތައް އަޑުއެހުމަށްފަހު އެރަށު ސްކޫލަށް ޓީޗަރުން ހަމަކޮށް ބެލެނެވެރިންގެ ޑިމާންޑުތައް ފުރިހަމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް 15 ދުވަސް ދިނުމަށްފަހު ބެލެނެވެރިން ވަނީ މިހާރު މުޒާހަރާ މެދުކަނޑާލާފައެވެ. އެހެންނަމަވެސް ޑިމާންޑުތައް ފުރިހަމަނުވަންޏާ އަނެއްކާވެސް މުޒާހަރާ ފެށިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑާޞީޑު

    "އެޑިއުކޭޝަންގެ ބޭފުޅަކާ ވާހަކަ ދެއްކުމަށްފަހު 15 ވަރަކަށް ދުވަހަށް މެދުކަނޑާލާފައި އޮތީ މުޒާހަރާ، އެއީ ޑިމާންޑުތައް ހައްލުކުރެވޭތޯ 15 ދުވަސް ބަލަންވެގެން މެދު ކަނޑާލީ.
    ....
    މަތީގައިވަނި ދަބިދޫ މީހުންގެ ވާހަކަ. މިއީ މިހާރު މިއުޅޭ ހަގުރާމަ ކުރާ މީހުންވެސް ނުބުނާ ކަހަލަ ވާހަކަ މިމީހުން މިބުނަނީ.

    • ހުސޭނުބޭ

      ވީމާ މައްސަލަ ހައްލުކުރަން ދެފަރާތުން ސުލްޙައިގެ ވާހަކަދެއްކުމަށް އެޑިއުކޭޝަނާއި ބެލެނިވެރިންގެ މަންދޫބުން އަންނަ ހަފްތާ ޖެނީވާގައި ބައްދަލުކުރަންޖެހޭ. އަދި މެދުވެރިއެއްގެ ގޮތުގައި އުތުރު ކޮރެޔާ މަސައްކަތްކުރަންޖެހޭ!

  2. ރާއްޖެ

    500 މީހުން އުޅޭ ރަށް ތަކުން މީހުން ގަދަކަމުންވެސް އެބަ ޖެހޭ އާބާދީ ބޮޑެތި ތަންތަނަށް ބަދަލު ކުރަން.

    12
    0
  3. ދަނބިދޫ މީހާ

    ދެން އެނގިދާނެތާ އެޑިއުކޭށަން މިނިސްޓްރީ އަށް ވާވަރެއް

    • ހޮޅި

      ބަލަމާ