މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރު ހޯދުމުގެ މަސައްކަތް މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޭޔަރު ކަމަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ސައިފް ފާތިހް ވިދާޅުވެއްޖެއެވެ.

ސައިފް އެގޮތަށް ވިދާޅުވީ "އެކްސް" ގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ސައިފް ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކުރެެއްވި އާޒިމަށް މަރުހަބާ ދަންނަވާ ކަމަށެވެ. މިހާރު ވެސް މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރެއްގެ ގޮތުގައި ހުންނެވި ސައިފް ވަނީ އޭނާ އަށް ވޯޓު ދެއްވި މާލޭގެ ރައްޔިތުންނަށް ޝުކުރު ދަންނަވައިފައެވެ. ސައިފް ވިދާޅުވީ ދެގޮތެއް ނުވެ، ޑިމޮކްރެޓިކް ނިޒާމު ފައްކާ ކުރުމުގެ މަސައްކަތުގައި އޭނާ އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

މާލެސިޓިގެ މޭޔަރު ކަމަށް އާޒިމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި، ފާތިހު އާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބް އަލީ ވަނީ ވާދަކުރައްވާފައެވެ.

މިހާތަނަށް އާންމުކޮށްފައިވާ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އާޒިމަށް ވަނީ 7،415 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާ އަށް 4،925 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ތިން ވަނައިގައި އުޅުއްވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފެވެ. އޭނާ އަށް 2،285 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ހަތަރު ވަނައިގައި އުޅެނީ އަމިއްލަ ގޮތުން ވާދަކުރައްވާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ބައި އިލެކްޝަންގައި ވާދަކުރެއްވި ހުސެއިން ވަހީދެވެ. އޭނާ އަށް ލިބިވަޑައިގަތީ 1،821 ވޯޓެވެ. އަދި ފަސް ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީއެވެ. އޭނާ އަށް ލިބިވަޑައިގަތީ 117 ވޯޓެވެ.

މިހާތަނަށް އައިއިރު ނަތީޖާ ނުލިބޭ އޮތީ އެންމެ ފޮއްޓެކެވެ. އާޒިމް އާއި އާޒިމާއާ ދެމެދުގައި 2،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތެއް ދައްކައެވެ. އެހެންކަމުން އެންމެ ފޮއްޓަކުން މި ނަތީޖާ ބަދަލުވުމުގެ ފުރުސަތެއް ނެތެވެ.

މި އިންތިހާބުގައި ޖުމްލަ 55 ވޯޓު ފޮއްޓެއް ބެހެއްޓި އިރު، 17،000 އަށް ވުރެ ގިނަ ރައްޔިތުން ވޯޓުލީއެވެ. އިންތިހާބުގައި 300 އަށް ވުރެ ގިނަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އިންތިހާބުގައި ޖުމްލަ 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދޫ

    ހައްގު މިންވަރެއް ނޯވޭ.