މާލޭގެ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މަސައްކަތް ކުރުމުގައި އެމްޑީޕީން ސާބިތުވެ ދެމި އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަނޑައެޅުމުގެ ބައި އިލެކްޝަން ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި އާޒިމަށް އިހްލާސްތެރި މަރުހަބާއެއް ދަންނަވާ ކަމަށެވެ.

އަދި މާލޭގެ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް މަސައްކަތް ކުރުމުގައި އެމްޑީޕީ ސާބިތުވެ، ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އާންމުކޮށްފައިވާ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އާޒިމަށް ވަނީ 7،415 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާ އަށް 4،925 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ތިން ވަނައިގައި އުޅުއްވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހެވެ. އޭނާ އަށް 2،285 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ހަތަރު ވަނައިގައި އުޅެނީ އަމިއްލަ ގޮތުން ވާދަކުރައްވާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ބައި އިލެކްޝަންގައި ވާދަކުރެއްވި ހުސެއިން ވަހީދެވެ. އޭނާ އަށް ލިބިވަޑައިގަތީ 1،821 ވޯޓެވެ. އަދި ފަސް ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީއެވެ. އޭނާ އަށް ލިބިވަޑައިގަތީ 117 ވޯޓެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ވޭތުވެދިޔަ ހަތަރު އަހަރު ހުންނަވައިގެން ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވި އާޒިމް ވަނީ އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އިން ފައިނޭންސިން އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗްލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާ އިން ޑިގްރީ ހާސިލް ހާސިލް ކުރައްވައިފައެވެ.

ވޭތުވެދިޔަ 20 ވަރަކަށް އަހަރުގެ ތެރޭގައި އާޒިމް ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ އިސް މަގާމުތަކެއްގައި ގައުމަށް ހިދުމަތް ކުރައްވައިފައެވެ. އެގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަން ވަނީ އަދާކުރައްވައިފައެވެ.

އެމްޓީސީސީގެ ދިގު ތާރީހަށް ބަލާއިރު، މިއަދު އެ ކުންފުނި ދަތުރުކޮށްފައިވާ މަންޒިލަށް ގެނެސް ދިނުމުގައި އާޒިމްގެ ލީޑަޝިޕް އަދި މަސައްކަތުގެ ރިވެތި އަހުލާގައި މީހުން ބިނާކޮށް ތަމްރީންކޮށް ދިނުމުގެ ހުނަރު ބޮޑު ދައުރެއް ވަނީ އަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮޔާ

    ވޯޓް ދިނީ ހަމައެކަނި އެމްޑީޕީ މީހުނެއްނޫން އެންމެ ރަނގަޅު މހާއަށް ވޯޓް ދިނީ އެކަން ސަރުކާރަށް ޖެއްސުން ނުކުރާނެ ކަމަށް އުންމީދު ކުރަން

    19
    1
    • ބޮސް

      އާޒިމް މޭޔަރުކަމަށް ކުރިމަތިލީ ސަރުކާރަށް ޖެއްސުންކުރާކަށެއްނޫން. ސަރުކާރުން މޭޔަރަށް ޖެއްސުންނުކޮށް އެއްބާރުލުންދޭންވީ އެމަނިކުފާނުގެ ބޭނުންފުޅުވާގޮތަށް މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި، ގުޅީފަޅު އަދި އުތުރު ތިލަފަޅު ތަރައްގީކުރަން.

  2. ސުސީ

    އާޒިމުވެސް އަދި ސޯލިޙުވެސް ސަރުކާރަކަށް ޖެއްސުމެއް ނުކުރާނެ. އެފަދަކަންތައް ތޮބީޢަތުގަ ހަރުލާފަ ތިބޭ ބަޔަކު އުޅޭނެ ޕީޕީއެމް އަދި ޕީއެންސީގަ. އޭގެ ތެރެއިން އެކަކު އެފެއިލްވި މިފަހަރު.

  3. ނޫނޭ ނުލަފާ

    އިބުރާހީމާ ތީ ޤައުމުގެ ފޭލިއަރެއް. ޚާއިނެއް. ޤައްދާރެއް. ޗޯރެއް. ވާހަކަ ނުދައްކާ ހުރޭ

    6
    1
  4. ޖާނޭ

    ޢާޒިމާޔަކީ ޕީއެންސީން ދެއްކި އާންމުން ގަޔާވާ ކެންޑިޑޭޓެއްނޫން. ޕީއެންސީން އެހެން ކެންޑިޑޭޓަކު ނުކުތްނަމަ މިނަތީޖާ ތަފާތުވީސް.

  5. Anonymous

    މާލޭ މީހުން އެކަނިތަ މި ރާއްޖޭގަ ދިރި އުޅެންވީ...؟؟؟

  6. މާލޭ މީހާ

    މާލޭ މީހުން ހިތްއެދޭ ގޮތަށްތޯ ނުވަތަ އިންޑިއާ ރުުހޭގޮތަށްތޯ؟ މަނިކުފާނުގެ ވެރިކަން ވެސް ފެނިއްޖެ. ޚުދުުމުޚުތާރުކަމާއި، އަނިޔާވެރިކަމާއި އަދި އިންޑިއާގެ މަސްލަޙަތު އިސްކޮށް، ބޭފުޅުޒަމް ހައްދުފަހަނައަޅާ ދިޔައީމަ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނީމާ ދެން ކީކޭތޯ ތިޔަ ވިދާޅުވަނީ؟