މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އައިޝަތު އާޒިމާ ޝުކޫރު ބަލި ގަބޫލު ކުރައްވައި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމަށް މިރޭ މަރުހަބާ ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބެހެއްޓި 55 ފޮށީގެ ތެރެއިން ހުރިހާ ފޮއްޓެއް ގުނާ ނިމުނު އިރު، އާޒިމަށް 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާ އަށް 5،032 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ތިން ވަނައިގައި އުޅުއްވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހެވެ. އޭނާ އަށް 2،336 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ހަތަރު ވަނައިގައި އުޅެނީ އަމިއްލަ ގޮތުން ވާދަކުރައްވާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ބައި އިލެކްޝަންގައި ވާދަކުރެއްވި ހުސެއިން ވަހީދެވެ. އޭނާ އަށް ލިބިވަޑައިގަތީ 1،888 ވޯޓެވެ. އަދި ފަސް ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީއެވެ. އޭނާ އަށް ލިބިވަޑައިގަތީ 125 ވޯޓެވެ.

އާޒިމާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އާޒިމް އަށް މަރުހަބާ ދަންނަވައިފައެވެ. އާޒިމާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަންކަމުގައި ވަކި ޕާޓީއަކަށް ބެލުމެއްނެތި، ތަފާތު ކުރުމެއްނެތި އާޒިމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އާޒިމާގެ އިތުރުން ޑިމޮކްރެޓިކްސް ޓިކެޓުގައި މޭޔަރު ކަމަށް ވާދަކުރެއްވި ސައިފް ފާތިހުވެސް ވަނީ އާޒިމަށް މަރުހަބާ ދަންނަވައި މާލޭ ރައްޔިތުންނަށް ހައްގު ހޯދައިދިނުމުގެ މަސައްކަތުގައި ބާރަށް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދިރާސާ

    2 އަހަރަށް ޓެސްޓު ކޮއްލަން މޭޔަރ މަގާމް އާޒިމް އަށް. އާޒިމް އަކީ ފަސް ކެންޑިޑޭޓުންގެ ތެރެއިން ތިމަގާމަށް އެކަށީގެންވާ މީހާ.. ސަންގު ބަހުސް ހުށައެޅި މަންޖެއަށް އާޒިމް ސަލާމް ބުނި..ހެހެހެ

    18
    7
  2. ހަމީދު

    އަސްލު މީކީ މާބޮޑު ކާމިޔާބެއް ނޫން. މާލޭރައްޔަތުންގެ ތެރެއިން ބައިލައްކައަށްވުރެ ގިނަ މީހުންނަށް ވޯޓު ހައްޤުވާއިރު ވޯޓުލީ 17 ވަރަކަށް ހާސް މީހުން. އެއީ ގާތްގަޑަކަށް 30 އަކަށް އިންސައްތަ. އަދި ތެޅިގަންނާކަށްވެސް ނުވޭ. އެއްވެސް ފޮށްޓަކުން 200 ވޮޓު ވެސް ހޮވުނު މީހާއަށް ވެސް ހަމަ ނުވޭ.

    1
    8
  3. ސަރަފަކައްދަ

    އާޒިމާ ޝުކޫރު އަށާއި މި ސަރުކާރަށް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަނމު!

    12
    2
  4. ހަސަން

    އާޒިމާ އަދިވެސް ޤާނޫނުއަސާސީ މުށުތެރެއަށް ލައިގެން ހިތުހުރިގޮތަކަަށް މާނަ ކުރަމުން ތިމާމީ އެންމެ މޮޅުމީހާކަމުގައި ހެދިގެން ނިކުންނާތި. ތިއީ ފެއިލް ޕްރޮޓަކްޓެއް. އޮއްސި ނިމިއްޖެ.

    8
    1
  5. ނަސީރު

    އާޒިމް އިންތިހާބު އެވީ ، ވަކި އާޒިމާ އައްވުރެ ހުރިހާ ގޮތަކުންވެސް އާޒިމް މޮޅުވެގެން ކަމައް ކަމާ ހީފުޅު ނުކުރައްވައްޗޭ، އާޒިމް ހޮވިފައި އެހުރާ ޕާޓީ ގެ ކުލަޔާ ބަލާފަ އަދި ޕާޓީ ލަދުގަތް ފާނެތީވެ.

    3
    7
    • ޙުސޭނު

      އަޅުގަނޑު މެންނަކީ ފަހަތަށް ޖެހޭނެ ބައެއްނޫން...
      މި އޮތީ މިކަންވެސް ނިންމާފަ
      ދެން ހަޖަމުކޮއްލާ

      1
      2
  6. Anonymous

    މުޅި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ މާލޭމީހުން ވާވް.