މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ހަތަރު ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީން ދެ ގޮނޑި ކާމިޔާބު ކުރި އިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވެސް ދެ ގޮނޑި ކާމިޔާބުކޮށްފިއެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވާށާއި މާލޭ ކައުންސިލުންގެ ތިން ގޮނޑިއަަކަށް މެމްބަރުން އިންތިހާބު ކުރުމަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކުރިއަށް ދިޔަ ބައި އިލެކްޝަންގައި 17،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެއެވެ. މި ބައި އިލެކްޝަންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން އުފެދި، ވާދަވެރިކަން ބޮޑުވީ މާލޭގެ މޭޔަރަކު ކަނޑައެޅުމަށް ބޭއްވި ބައި އިލެކްޝަންގައެވެ.

މާލޭގެ މޭޔަރަކަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ.

ބައި އިލެކްޝަން ބޭއްވި ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ދެން ލިބުނު ގޮނޑިއަކީ މެދު ހެންވޭރު ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި އަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އަހުމަދު ރިޝްވާންއެވެ.

ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާއެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ. މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކޮންމެ ކުލައެއް ޖައްސައިގެން ސިޔާސީ ވަފާތެރި ކެހިވެރިން ހޮވިޔަސް ރައްޔިތުން ނަށް ވަފާތެރި ކޮށް ކަން ކުރާނަމަ އޯކޭވާނެ ! ކުލަބޮކި ނޫން މުހިންމީ ! އަމިއްލަ ބޮޑު ކުންފުނިޔެއް ހިންގާ ބަޔަކަށް މާލޭ މޭޔަރުކަން ލިބުމަކީ ކޮންކަހަލަ ރަގަޅުކަމެއްތޯ ؟ރައްޔިތުން ވިސްނާވަރު މިހުންނަނީ !

  2. އަހުމަދު މުހައްމަދު

    ކިހާ ވާދަވެރިތޯ 17000 މީހުން ވޯޓްލީ. ރައްޔިތުން ގެ އެއްވެސް ޝައުގެން ނެތް މި އިންތިހާބަކަށް.