މާލެ ސިޓީގެ ކަރަންޓް ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު ދެ ޖެނަރޭޓަރު ސެޓް ގެނެސްފައިވާ ކަަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވީ، މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް ރާއްޖެ ގެނެސް ބެހެއްޓުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

"މާތްﷲގެ އިރާދަފުޅާއެކު، ޕީކް ސީޒަންގެ ކުރިން މީގެ އިތުރު ދެ ޖެނަރޭޓަރު ސެޓާއެކު ޖުމްލަ 6.4 މެގަވޮޓް އަޅުގަނޑުމެންގެ ޕަވަރ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވި، ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު، މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރުކުރެވިގެންދާނެ.". ސްޓެލްކޯއިން ވިދާޅުވިއެވެ.

އެ ކުންފުނީގެ މޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ކަމަށެވެ. އަދި ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށް ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މެނޭޖްމަންޓާއި، މުވައްޒަފުން ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަަމަށް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަރ ޕްރޮޖެކްޓް، ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވި، އިންގިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް އަޅުގަނޑުމެން މި ވެރިކަމުގައި ގެންނާނަން.". ފަހުމީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން

    އަޅުގަނޑު ކުރިން އަޑުއެހިން ހުޅުމާލޭގައި މީގެ 1.2 އަހަރުކުރިން ބެހެއްޓި ޖަނަރޭޓަރ ސެޓްތަކުން، އުފައްދާކަރަންޓުން މުޅި މާލޭ ސިޓީއަށް ވާވަރަށް ވުރެ އިތުރުވެ އަދި ކުރިއަށް އޮތް އަހަރުތަކުގައި ޖަނަރޭޓަރއެއް ހޯދާކަން ނުޖެހޭނެކަނަމަށް އޭރު ބުނީ ...އެކަމަކު މިވީކިހިނެއް.....ބޭކާރާ ހަރަދު ކުޑަކުރުން އެދެން