އުމްރާ އަށް ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އަލް މަނާސިކް ހައްޖު އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާގެ އަޅުކަަމަށް ގޮސް އުޅުނު އަންހެނެކެވެ.

މާލެއަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ނަޝީދާ ހުސައިން އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު މައްކާގެ އަލް މަސްޖިދުލް ޙަރަމްގައެވެ.

އުމްރާއަށް ގޮސް އުޅެނިކޮށް މީގެ ތިން ހަފްތާ ކުރިންވެސް ދިވެއްސަކު ވަނީ ނިޔާވެފައެވެ. ޑިސެމްބަރު 25 ވަނަ ދުވަހު ނިޔާވެފައި ވަނީ ހދ. ހަނިމާދޫ، އަލަމާގެ، ޚާލިދް އިބްރާހިމެވެ.