ލާމަރުކަޒީ ނިޒާމާމެދު ޕޮލިސީ ލެވަލްގައި މަޝްވަރާ ކުރުން މުހިންމު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

މިއަދު "ވަގުތު" އަށް ހަބީބު ވިދާޅުވީ ލާމަރުކަޒީ ނިޒާމާމެދު ޕޮލިސީ ލެވަލްގައި މަޝްވަރާކޮށް، ދިރާސާކޮށް ހައްލު ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއީ ވޯޓްލާން ނިކުންނަ މީހުންގެ ނިސްބަތަށް ވިޔަސް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން މަޤާމަށް ކުރިމަތިލުމަށް ކަމަށް ވިޔަސް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ކިތަންމެ ފަހަރަކަށް ކޮމިޝަނުން އިއުލާން ކުރިޔަސް މަޤާމުތަކަށް، ރަށްތަކުން ކުރިމަތިނުލާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން މަޤާމުން އަވަސް އަވަހަށް އިސްތިއުފާ ދެއްވާތީ ހަބީބު ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.

މާލޭގެ މޭޔަރު ހޮވުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަނާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ހަބީބު ވިދާޅުވީ އެ އިންތިޚާބު ކުރިޔަށް ދިޔައީ މިނިވަންކަމާއެކު އެކުވެރި ކަމާއެކު ކަމަށެވެ. އަދި އިންތިޚާބު ކުރިއަށްދިޔައީ އިންސާފުވެރިކަމާއެކު ކަމަށް ކޮމިޝަނުން ޤަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.

އިއްޔެގެ އިންތިޚާބުގައި ވޯޓްލާން ނިކުތް މީހުންގެ ނިސްބަތް މަދު ކަމަށާއި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް ބޮޑު އިންތިޚާބުގައި ވެސް ވޯޓްލުމަށް ނިކުތީ 21،000 މީހުން ކަމަށާއި އެއީ ވޯޓްލެވޭ މީހުންގެ 40 އިންސައްތަ ކަމަށް ވިދާޅުވިއެވެ. އަދި މިފަހަރުގެ މޭޔަރު އިންތިޚާބުގައި ވޯޓްލީ 17،000 މީހުން ކަމަށާއި އެއީ ވޯޓްލެވޭ މީހުންގެ 32 އިންސައްތަ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެއީ ވޯޓްލާން ނިކުތް ނިސްބަތަށް ބަލާއިރު ދަށް އަދަދެއް ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ކޮމިޝަނުން އުންމީދު ކުރީ ވޯޓްލާން ނިކުންނަ މީހުންގެ އަދަދު 35 އިންސައްތައަށްވުރެން މަތިވާނެ ކަމަށެވެ.

މިފަދަ އިންތިޚާބުތަކުގައި ވޯޓްލާން މީހުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އިލެކްޝަންސް ކޮމިޝަންގެ އެކަނި ޒިންމާއެއް ނޫން ކަމަށް ހަބީބު ވިދާޅުވިއެވެ.

މިޮތުން ސިޔާސީ ޕާޓީތަކުންނާއި ކަމާ ގުޅޭ ފަރާތްތަކުން ރައްޔިތުން ހޭލުންތެރި ކުރުވުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ހަބީބު އިތުރަށް ވިދާޅުވީ ވޯޓްލުމުގެ ހައްޤު އަދާކުރުމުގެ މީހުން ވެސް އިންތިޚާބުތަކުގައި ބައިވެރިވުމާއި މެދު ވިސްނަންޖެހޭ ކަމަށާއި، ޑިމޮކްރޮސީގައި ކޮންމެ މީހެއްގެ ވެސް އަޑު އިއްވަންޖެހޭ ކަމަށެވެ. އަދި ހައްޤު އަދާކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިފަދަ އިންތިޚާބުތަކަށް މީހުން ހޭލުންތެރިކުރުވުމަށް ކޮމިޝަނުން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައުދީ

    އަސްލު ކުރަންވީ ކަމަކީ ތިނިޒާމު އުވާލަންވި. ބޭކާރު ޚަރަދުތަކެއް ދައުލަތުން ހިނގާ.

  2. ކަތީބު

    ރަށް ހިންގަން ކަތީބެއް އަދި އަތޮޅަށް އަތޮޅުވެރިޔެއް ލީމާ ހަރަދުވެސް ކުޑަވާނެ އަދި މާ ރަނގަޅަށްހިނގާނެ ވެސް މެ

  3. ެައަބްދޫ

    މިހާރު މިއޮތް ކައުންސިލަރުން އިންތިހާބުކުރުމާއި ބޭކާރު ކައުންސިލަރުން ބައިއްބައިގެން ފައިސާ ހަރަދުކުރުމަކީ ދަވްލަތުގެ ފައިސާ އިސްރާފުކުރުން.ގައުމަށް ފައިދާނެތް ހަރަދުތަކާއި އިސްރާފު ހުއްޓާލަމާ.އިގިރޭސި އެމެރިކާ އިންޑިއާ ރާއްޖެގަ ކޮޕީކުރަން ޖެހޭނެތަ؟މިގައުމާއި އެގައުމުތަކާ އެެްއްފަދަ ވާނެ ދުވަހެއް ކޮބާ؟