ދުނިޔޭގެ މުސްލިމް ގައުމުތަކުން ބައިވެރިވާ ސައުދީ އަރައްބިއްޔާގެ ރާބިޠަތުލް އާލަމިލް އިސްލާމީގެ އޮފީހެއް ރާއްޖޭގައި އަލުން ޤާއިމުކުރުމަށް މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މުސްލިމު ވޯލްޑް ލީގްގެ (ރާބިޠަތުލް ޢާލަމިލް އިސްލާމީ) ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުއްރަހްމާން ބިން އަބްދުﷲ ޒައިދު އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލުވުން އޮތީ މައްކާގައި ހުންނަ ރާބިޠާގެ ހެޑް އޮފީހުގައި މިއަދު ހެނދުނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާބިޠާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކޮށް، އެވުޒާރާއާއި ރާބިތާއާ ދެމެދު 2012-2015 އަށް ސޮއިކޮށްފައިވާ ތިން އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަަމަށެވެ. އަދި ރާއްޖޭގައި ރާބިޠާގެ އޮފީސް އަލުން އިއާދަކޮށް، ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީކުރުމުގައި ރާބިޠާގެ އިސްލާމީ ފިގުހު އެކަޑަމީގެ އެހީތެރިކަން ހޯދުމާމެދު ވެސް މަޝްވަރާކުރެއްވި ކަމަށް ވިދާޅުވިއެެވެ.

މި ބައްދަލުވުމުގައި ވަޒީރު ޑރ. ޝަހީމްވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމީ ތަސައްވުރު ޙިއްސާކުރައްވާފައެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އާއި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެޑައިގެންނެވިއެވެ.