މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް މިރޭ ވިދާޅުވެއްޖެއެވެ.

"މާލެ ބިންވެރިންގެ ސައްލާ" ނަމުގައި ސަލްޓަން ޕާކްގައި ބޭއްވި ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތިތައް ދިނުމަށް ނިންމާފައިވާ ސަރަހައްދުތަކުގައި މީހުން އާބާދުކޮށް ދިރިއުޅެން ފެށޭވަރު ކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެއް ކަމަކަށް ރަޖިސްޓްރީ ހަވާލު ކުރަން ޖެހޭ އިރު، ދެވަނަ ކަމަކަށް އެ ބިންތަކުގެ ބޮޑު ބައެއް ހިއްކައި، ފުރިހަމަ ކުރަން ޖެހިފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

"ހަމައެއާއެކުގައި އެ ބިންތައް ހިއްކައި އެ ތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމު ކުރަން އެބަޖެހޭ. ފެނާއި ނަރުދަމާ، މަގުތައް، ކަރަންޓު، މި އިންފްރާސްޓްރަކްޗާ ގާއިމު ކުރަން ޖެހޭ. އެ ތަންތަނަށް ފަސޭހަކަމާ އެކުގައި ދަތުރުފަތުރުކޮށް ވާސިލްވެ އުޅެވޭނެ ގޮތެއް ތަނަވަސް ކުރަން އެބަޖެހޭ. މި ހަތަރު ކަންތައް އޭގެ ޒާތުގައި ފުރިހަމަވެގެން ޔަގީނުން ވެސް އަޅުގަނޑުމެންނަށް ފަސޭހަކަމާއެކު ކޮމިއުނިޓީއެއްގެ ގޮތުގައި އެ ތަންތަނުގައި ދިރިއުޅެވޭނީ،" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މި ހަތަރު މަސައްކަތް ވެސް އެކުއެކީގައި އެއްވެސް ހުއްޓުމެއް ނެތި ހިނގަމުންދާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ޔަގީންކަން ދެއްވާ ކަމަށެވެ. އެގޮތުން ބިން ހިއްކަމުންދާ ވަރަކަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ވަގުތީ ގޮތުން ލިޔުމެއް ދެވެން އޮތް މީހަކަށް ލިޔުމެއް ދިނުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ހަމައެއާއެކީގައި އެ ތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ހިނގަމުން އެބަދޭ. ގިރާވަރުފަޅުން މިހާތަނަށް 50 ނުވަތަ 54 ހެކްޓަރު ހިއްކައި ނިންމާފައި ވަނީ. ގުޅީފަޅުން ގާތްގަނޑަކަށް 94 ހެކްޓަރު ނިންމާފައި ވަނީ. ހުޅުމާލެ ފަޅުން ވެސް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ދެވަނަ ސެގްމަންޓްގެ ހިއްކުމުގެ ބައި ކުރިއަށް އެ ދަނީ. އެއްވެސް މަސައްކަތެއް ހުއްޓުމެއް ނެތި، ހިއްކުމުގެ ބައި ކުރިއަށް އެބަދޭ،" ގިރާވަރާއި ގުޅީފަޅަށް ބިން އިތުރުކޮށްގެން ހިއްކަން ނިންމާފައިވާ ކަން ފާހަގަ ކުރައްވައި ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ހިއްކަމުން އަންނަ ރަށްތައް ގުޅާލުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށެވެ. އަދި މިހާރު ވެސް މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

"މިހާރު ބިން ލިބޭނެ ކަމުގެ އުންމީދު ދެވިފައިވާ ހުރިހާ ފަރާތްތަކަށް އެ ބިން މާއްދީ ގޮތެއްގައި ލިބުމަށްޓަކައި ފުރިހަމަ ވާން ޖެހޭ ކަންތައްތައް، ލިޔުން ދޫކުރުން، އެ ހިއްކަން ޖެހޭ ބައިތައް ފުރިހަމަ އަށް ހިއްކުން، އަދި ކަނޑައެޅިފައި އޮތް މިންވަރަށް އިތުރުކޮށްގެން ހިއްކުން، އަދި އެ ތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމު ކުރުން، އެ ތަންތަނަށް ކަނެކްޝަން ގެނެސް ދިނުން، ދަތުރުފަތުރުގެ ތެރެއިން، ބްރިޖުގެ ތެރެއިން އެ ކަނެކްޝަން ގެނެސްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް އެކުއެކީގައި އެއް ހަމައެއްގައި ހިނގަމުން އެބަދޭ،" ފިރުޒުލް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    ކުރަންޖެހޭ ކަންކަން ނޭނގެނީ ކާކަށްތޯ އެކަންކަން ކިޔައިދޭންތޯ ވެރިކަމަށް އައިސް ތި ތިބީ؟ ރައްޔިތުން ކަންބޮޑުވެގެން އެވާހަކަ ދައްކަނީ އެއްވެސް މަސައްކަތެއް ކުރަންވާ ބާރުމިނުގާ ނުވަތަ އެއްވެސް ވަރަކަށް ނުކުރާތީ. މިވެރިކަން ބަދަލު ވުމުގެ ކުރިން ވަރަށް ބާރަށް ކުރިއަށް ދިޔަ. މިޖަނަވަރީގާ ގިރާވަރު ފެނާ ނަރުދަމާވެސް އަޅާގޮތަށް އޮތީ. އެކަމަކު ވެރިކަން ބަދަލު ވުމުން ރައްޔިތުން ކުރުވީ މާޔޫސް.

    2
    2
    • ބާރުބާރު

      ބާރު މިނުގައި ކުރި ކަމަކީ ކަނޑުގައި ރޮނގުއެޅުން. ހަގީގަތުގައި މަސައްކަތެއް ކޮށް ތަންތަން ހިއްކައި މަގުހަދައި ޔުޓިލިޓީގެ ޚިދުމަތް ގާއިމުކޮށްދީފައި ގޯތި މިދެނީ މި ސަރުކާރުން. ކަނޑުގައި އަޅާ ރޮނގަކީ އެއްވެސް އިރެއްގައި ފެންނަ އެއްޗެއް ނޫން. އެ ޕާޓީގައި ކަމަކަށް އޮންނާނީ ނަނާ ހުވަފެން ދެއްކުމާއި ކަނޑުގައި ރޮނގުއެޅުން. އެ ކަހަލަ ކަންކަން ދުލުން ބުނެލާހައި ފަސޭހައިން ވިޔަސް ހަގީގީ ކަންކަން އެހެނެއް ނުވާނެ.

  2. ފިރާގު

    ކޮބާހޭ ދަފުތަރު މީހުންގެ ހައްގު

    1
    1
  3. ބޮޑުރަސްގެފާނު2

    ގިރާވަރުން 54، ގުޅީފަޅުން 94 ހެކްޓަރު ހިއްކާފައިވޭ، މަޝްރޫއެއް ނުހުއްޓޭ: ފިރްޒުލް