ގއ.ކަނޑުހުޅުދޫ ހަނދުވަރުދޭގޭ މުހައްމަދު މަފާޒް މައުސޫމަކީ އެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް ސްކޫލަށް ގޮސް ކިޔަވައި ކުޅެ ހެދި ކުއްޖެކެވެ. ނަމަވެސް ލޮލަށް ޖެހުނު ވައިރަސްއެއްގެ ސަބަބުން ކިޔެވުމަށް ބުުރޫއަރައި މައިންބަފައިންގެ ދެލޮލުގެ ނޫރު ފަދައިން ގެންގުޅު ދަރިފުޅުގެ ލޮލުގެ ފެނުން މަޑުމަޑުން ފަނޑުވަމުންގޮސް އެއްކޮށް ގެއްލި ދިޔައީއެވެ.

މަފާޒަށް ޖެހިފައިވަނީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ކެރަޓޯކޮންޖަންކްޓިވައިޓިސް" އެވެ. ސިއްހި މާހިރުން ބުނާ ގޮތުން އެކަން ދިމާވަނީ ލޮލުގެ ސާފު ކުރިމަތީ ބައި (ކޯނިއާ) އާއި ލޮލުގެ ހުދު ބައި (ކޮންޖަންކްޓިވާ) ނިވާކުރާ ތުނި ފަށަލަ އިންފްލެމޭޓްވުމުންނެވެ.

މަފާޒްގެ ބައްޕަ މައުސޫމް "ވަގުތު"އަށް ކިޔައިދިން ގޮތުގައި މަފާޒްގެ ބޭސްފަރުވާއަށް އެންމެ ފުރަތަމަ ދިޔައީ އިންޑިއާއަށެވެ. އިންޑިއާއިން ކުރި އޮޕަރޭޝަނެއްގެ ސަބަބުން މަފާޒްގެ ލޯ އިތުރަށް ސަކަރާތްވަމުން އަންނަކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.

"އިންޑިއާއިން ކޮށްފަހުރި އޮޕަރޭޝަނުގެ ސަބަބުން ލޮލުގެ ޓިޝޫތައް ހުރީ އެއްކޮށް ހަލާކުވެފައި، އެންމެ ފަހުން އިންޑިއާއިން ކުރި އޮޕަރޭޝަންގައި މިހުންނަނީ އަނގައިން މަސްނަގާފައި ލޮލަށް ލައްވާފައި. ދެން އެ މަސްގަނޑު ކޮންޓްރޯލެއް ނުވެ ބޮޑުވަމުން. ޑޮކްޓަރުން ބުނަނީ އެ މަސްގަނޑު ކޮންޓްރޯލްވެގެން ނޫނީ އެހެން އޮޕަރޭޝަނެއް ނުކުރެވޭނެ ކަމަށް. މިހާރު ވާގޮތަކީ ދެވަނަ ޑޯޒް ފަށައިގެން މިދަނީ އިންޖެކްޝަން އެހާ އަގު ބޮޑު އިންޖެކްޝަނެއް އެއީ." މައުސޫމް ބުންޏެވެ.

އިންޖެކްޝަންގެ ޑޯޒްތައް ހަމަކުރުމަށްފަހު ޓެސްޓުތަކާއި ސްކޭންތައް ހަދާފައި ޓިޝޫތައް ރަނގަޅުވެއްޖިއްޔާ އޮޕަރޭޝަނަކަށް ދާން ޖެހޭނެ ކަމަށާއި އޭރުން އެ މަސްކޮޅު އަނބުރާ ނަގަން ޖެހޭނެ ކަމަށް މަފާޒްގެ ބައްޕަ ވަނީ ކިޔައިދީފައެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ޖުމްލަ 16 އިންޖެކްޝަން ޖަހަން ޖެހޭއިރު މަފާޒްގެ ބޭސްފަރުވާއަށް ގާތްގަނޑަކަށް 4 މިލިޔަން ބާތުއާ ގާތްކުރާ އަދަދަކަށް ވަނީ ހަރަދު ކުރެވިފައެވެ.

"16 އިންޖެކްޝަން ޖަހަންޖެހޭ، 8 މިހާރު ޖަހައިފި. އަނެއް 8 އިންޖެކްޝަން ޖަހަން ފަށާފައި މިވަނީ. ވަރަށް އަގުބޮޑު. ގާތްގަޑަކަށް މިހާރު 4 މިލިޔަނާ ގާތްކުރާ ވަރަށް ބާތު ހިނގައްޖެ. ތައިލެންޑުގެ ބާތު އެއީ. ތިން މިލިޔަން 70 ވަރަކަށް ހާސް ބާތު ހިނގައްޖެ. އެއީ މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން މިދިޔަ ޖެނުއަރީ އާ ހިސާބަށް ހަރަދުވެފައިން ވަރު." މައުސޫމް ބުންޏެވެ.

 

ތައިލެންޑުގެ ޑޮކްޓަރުންނާއި ހަވާލާދީ މައުސޫމް ބުނީ އިންޖެކްޝަނަށް ދާ އަދަދަށްވުރެ ބޮޑު ހަރަދެއް އޮޕަރޭޝަނަށް އަރާ ކަމަށާއި އިންޖެކްޝަނުގެ ޑޯޒް ހަމަވުމުން އޮޕަރޭޝަނަށް ދާން ޖެހިދާނެ ކަމަށެވެ.

މަފާޒުގެ ލޮލުގެ ފެނުން އަނބުރާ ގެނެވިދާނެ ކަމަށް އޭނަގެ މައިންބަފައިން ކުރާ އުއްމީދާއެކު ބޮޑު ހަރަދުކޮށްގެން ޖަހަމުންދާ އިންޖެކްޝަނުގެ 9 ވަނަ ޑޯޒް ޖެހުމަށް އަންނަ އޭޕްރީލް 10 އަށް ޑޮކްޓަރުގެ އެޕޮއިންޓްމަންޓު ހަދާފައިވާ ކަމަށާއި މިކަމަށް ގިނަ ހަރަދު ހިގާފައިވާތީ އަތްމަތި މިވަގުތު ވަރަށް ދަތިކަމަށް މައުސޫމް ވަނީ ބުނެފައެވެ.

މަފާޒްގެ ލޮލުގެ ފެނުން އަނބުރާ ގެނައުމަށް އާންމުންގެ އެހީއެއް ބޭނުންވެފައި

މަފާޒުގެ ލޮލަށް ބޭސްކުރާތާ މިހާރު 11 އަހަރުވަނީ ވެފައެވެ. އޭނަގެ ބޭސް ފަރުވާއަށް އިންޑިޔާއަށް 28 ފަހަރު ދެވިއްޖެ ކަމަށާއި 17 އޮޕަރޭޝަނެއް މިހާތަނަށް ކުރެވިފައިވާ ކަމަށް މައުސޫމް ބުންޏެވެ. އެހެންނަމަވެސް ކުއްޖާގެ ލޮލަށް އެއްވެސް ފަރުވާއެއް ލިބިފައިނުވާ ކަމަށް އާއިލާއިން ބުނެއެވެ.

މި އިންޖެކްޝަންތަކަކީ އަގުބޮޑު އިންޖެކްޝަނަކަށް ވެފައި މަހަކު ދޭތި ޖަހަން ޖެހޭތީ އެހާވަރުގެ ފުދުންތެރިކަމެއް ނެތްކަން އާއިލާއިން ވަނީ ފާހަގަކޮށްފައެވެ. ލިބޭ އާމްދަނީން މާލޭގައި ދިރިއުޅޭ ތަނަށް ކުލި ދައްކާފައި ތިިން ކުދިންގެ ކިޔެވުމާއި އެހެނިހެން ޚަރަދުތައް ކުރަންވެސް ނުފުދޭ ކަމަށް މަފާޒްގެ ބައްޕަ ވަނީ ބުނެފައެވެ.

"އެންމެ އިންޖެކްޝަނެއް ގަންނަން ލިބެނީ ދިވެހި ރުފިޔާ 39301 އަދި ހަތަރު މަސް ދުވަހަށް ވާ އިންޖެކުޝަންގެ އަގަކީ 466100 ދިވެހި ރުފިޔާ. އަދި ދެއްކުމުގެ ހަރަދާ ދިއުމުގެ ހަރަދު އެހާމެ ބޮޑު މި ހޮސްޕިޓަލުން ފަރުވާ ހޯދުމަށް މާލީގޮތުން ތަނަވަސްކަން ނެތުމުން އަޅުގަނޑުމެންނަން އެހީތެރިވެ ދެއްވުން އެއީ އަޅުގަނޑުމެންގެ އެދުމެއް" އާއިލާއިން ބުނެއެވެ.

އެހެންކަމުން މައިންބަފައިންގެ އުއްމީދުގައި ކުލަޖައްސައި މަފާޒުއަށް ތިޔަ އެންމެ ބޭފުޅުންގެ ދީލަތި އެހީއެއް ބޭނުންވެއެވެ.

މަފާޒަށް އެހީ ތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ:

ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރ:7712216293101 (މައުސޫމް ހަސަން)

ބީއެމްއެލް ޑޮލަރ އެކައުންޓް ނަންބަރ: 7730000435922 (މައޫސޫމް ހަސަން)

އިތުރު މައުލޫމާތު ހޯދުމަަށް:7798697 މައުސޫމް ހަސަން (މަފާޒުގެ ބައްޕަ)

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔާސިރު

    އަވަސ ޝިފާއެއ ދެއްވާށ. އާމީން

    23
  2. ކުޑަ ސޮރު

    އަޅުގަނޑަށް ފެނޭ އިންޑިއާގެ އަރުވިންދާ އައި ކޭއާ ހޮސްޕިޓަލަށް ދައްކާލަން. އަޅުގަނޑުމެންނަށް ވެސް ތިކަހަލަ ކަމަކާ ކުރިމަތިވި. އޭރު ލިބުނު މަޢުލޫމާތު ތަކުން އިނގުނުގޮތުގައި މިހިސާބުގައި ހުރި އެންމެ ރަނގަޅު އައި ހޮސްޕިޓަލް އަކަށް ހުރީ މަދޫރާއީގެ އަރުވިންދާ އައި ކެއާ ހޮސްޕިޓަލް

    11
    1
    • އ

      އިންޑިޔާ އިން ލޯ ހަލާކުވި ވަހަކަ އެއޮތީ ތައިލޭންޑުން ބުނެފަ

  3. އަސްލުވެސް

    ތައިލެންޑް އަށް ވުރެން ލޮލުގެ ކަންތަކަށް ހަމަ އެންމެ މޮޅީ މަދޫރާއީގެ އަރްވިންދް ހޮސްޕިޓަލް.

    3
    3