ވިހި ވަނަ މަޖިލިހުގައި އެންމެ ބޮޑު މަސްއޫލިއްޔަތެއް ކޮނޑުގައި އެޅިފައިވާ އެއް ބޭފުޅަކަށް ހަމަ ޔަގީނުން ވެސް ވާނީ ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާނެ އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހެވެ. ފަލާހަށް އޮތީ އާދައިގެ "ޓާސްކެއް" ނޫނެވެ. ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ސަރުކާރަށް ފަހި ކުރެވެން އޮތް ހުރިހާ ކަމެއް ފަހިކޮށް ދިނުމުގެ އެންމެ މުހިންމު ޒިންމާ މިހާރު އެޅިފައި ވަނީ ފަލާހްގެ ބޮލުގައެވެ. ޕީއެންސީގެ 75 މެމްބަރުން ގޮވައިގެން ފަލާހަށް އޮތް ހަމައެކަނި "ޗޮއިސް"އަކީ 20 ވަނަ މަޖިލިހަކީ ތަފާތު، ނަމޫނާ ދައްކާ، ނަތީޖާ ނެރެދޭ މަޖިލިހެއް ކަން ރައްޔިތުންނަށް ދައްކަވައި ދެއްވުމެވެ.

މިއަދު ފަށާ 20 ވަނަ މަޖިލިހުގައި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ފަލާހް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާނީ ވަރަށް ވިސްނަވައިފައެވެ. ފަލާހްއާ މެދުގައި ވަރަށް ބޮޑަށް އިތުބާރު އުފެދިފައި އޮތީމައެވެ. އެމަނިކުފާނަށް ތެދުވެރިވެ، އިހްލާސްތެރިވެ، ވަފާތެރިވާނެތީއެވެ. ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމުގައި ފަލާހަށް އިސް ރޯލެއް އަދާކުރެއްވިދާނެ ކަމަށް ރައީސަށް ގަބޫލުފުޅު ކުރެއްވޭތީއެވެ. އެ ނޫން ވަކި ސަބަބުތަކެއް އެބައޮތް ހެއްޔެވެ؟

ރައީސް ޑރ. މުއިއްޒާއި ފަލާހްއާ ދެމެދުގައި ރަހްމަތްތެރިކަމުގެ ގުޅުން އުފެދުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ތެރޭގައެވެ. ރައީސް ޑރ. މުއިއްޒު އޭރުގައި ހުންނެވީ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައެވެ. ފަލާހު ގެންދެވީ 18 ވަނަ މަޖިލިހުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުންނެވެ. ފަލާހް ވިދާޅުވި ގޮތުގައި އޭރުއްސުރެން ފެށިގެން ރައީސް ޑރ. މުއިއްޒާއި އޭނާއާ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިފައި އޮތެވެ.

އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު ފަލާހް. --- ފޮޓޯ: މަޖިލިސް

"ރައީސް އަށް އޭރު ފާހަގަކުރެއްވޭނެ، އަޅުގަނޑަކީ މަސައްކަތުގެ ދާއިރާގައި ވަރަށް އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކީގައި މަސައްކަތް ކުރާ މީހެއް ކަން. އަޅުގަނޑުގެ މައްޗަށް ހުންނަ ވެރިއެއްގެ އިތުބާރާއި ލޯޔަލްޓީ ގެއްލޭނެ ޒައްރެއްގެ މިންވަރުގެ ކަމެއް ވެސް ނުކުރާނެ ކަން. އަޅުގަނޑަކީ މިވަރުގެ ޕާލަމެންޓްރީ ގްރޫޕެއްގައި ލީޑަޝިޕް ދެއްކޭ ވަރުގެ ބޭފުޅެއް ކަން ރައީސަށް ގަބޫލު ކުރެވެނީ. ވަރަށް ބޮޑު ޒިންމާއެއް، ވަރަށް ބޮޑު މަސްއޫލިއްޔަތެއް ހަވާލު ކުރެއްވީ." ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، ޕީޖީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން ވަރަށް ގިނަ ކަންކަމާ ވިސްނަވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެއް ކަމަކަށް ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި މަޖިލިހުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ހަގީގަތުގައި ވަރަށް ބޮޑު މަސްއޫލިއްޔަތެއް މިއީ. މިހާ ބޮޑު ޕީޖީ ގްރޫޕެއް ގެންގުޅުމަކީ އުނދަގޫ ކަމެއް. އަޅުގަނޑުމެންގެ ފޯކަސް އެބަ ބަހައްޓަން ޖެހޭ 2028 ވަނަ އަހަރަށް ދާއިރުގައި ރައީސް ބޭނުންފުޅުވާ ސްޕީޑްގައި ރާއްޖެ އަށް ބަދަލުތަކެއް ގެނެސް، ރާއްޖެ ތަރައްގީ ކުރަން،" ފަލާހް ވިދާޅުވިއެވެ.

މި ބޮޑު ޕީޖީ ގްރޫޕް ބެލެހެއްޓުމުގައި މަޖިލިސް ތެރެއިންނާއި ބޭރުން ރައީސްގެ އިތުރުން އެހީތެރިވެ މަގު ދައްކަވަން ތިއްބެވި މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަންނަވާ އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ކަމަށް ވަޑައިގަންނަވާ އަހުމަދު ނާޒިމަކީ ވެސް ވަރަށް ގާބިލް އެހާމެ ކުޅަދާނަ ދެ މާލިމީ އަށްވުމަކީ މިކަން ކާމިޔާބު ކަމާ އެކުގައި ކުރަން ފަސޭހަ ވާނެ ކަމެއް ކަން ޔަގީން ކަމުގައި ފަލާހް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ފަލާހް ވާހަކަދައްކަވަނީ-- ފޮޓޯ: ޕީޕީއެމް

ޕީޖީ ގްރޫޕްގެ ލީޑަރެއްގެ ހައިސިއްޔަތުން އެހެނިހެން މަސްއޫލިއްޔަތުތަކެއް ވެސް އަދާކުރައްވަން ޖެހިވަޑައިގަންނަވައެވެ. އެގޮތުން ރާއްޖެ އިން ބޭރުގައި އޮންނަ ބައްދަލުވުންތަކަށް ވަޑައިގަންނަވާނެ މެމްބަރުން ކަނޑައެޅުމާއި މީޑިއާތަކަށް އިންޓަވިއު ދެއްވާނެ މެމްބަރުން ކަނޑައެޅުމާއި އެކިއެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުން ކަނޑައެޅުމާއި ސަރުކާރުން މަޖިލިހަށް ފޮނުވާ ބިލްތައް ދިރާސާކޮށް، އެކަންކަން ރަނގަޅަށް ރާވައި ހިންގުމާއި ސިޔާސީ ގޮތުން ދޭން ޖެހޭ މެސެޖްތަކާއި މަޖިލިހުގައި މެމްބަރުން އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތް ވެސް ކިޔައި ދެއްވަން ހުންނެވީ ޕީޖީ ލީޑަރެވެ.

ފަލާހް ވިދާޅުވި ގޮތުގައި "ބަދަހި ލަޝްކަރު" ގޮވައިގެން ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ގޮތަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވަން ހުންނެވީ ތައްޔާރަށެވެ. އަދި އޭނާއަކީ މާދަމާ ކުރަން ޖެހޭ ކަމެއް ނަމަ، "މިރޭ ނުނިދާ ހުރެގެން" ވެސް ކުރައްވާނެ މުރާލި ބޭފުޅެއް ކަމަށާއި އޭނާއަކީ އަމިއްލަ ދިރިއުޅުމުގައި ވެސް އެތައް ގިނަ މުވައްޒަފުންތަކެއް ގޮވައިގެން މަސައްކަތްކޮށް ދެއްވޭނެ ކަން ސާބިތުކޮށްދީފައި ހުންނެވި ބޭފުޅެއް ކަމަށް ފަލާހް ވިދާޅުވިއެވެ.

"ރައީސް ޑރ. މުއިއްޒުގެ އިތުބާރު %100 އެއް ނޫން، %1،000 އޮންނާނެ އަޅުގަނޑާ މެދުގައި،" ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، މީގެކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންނާއި ރައީސް ޑރ. މުއިއްޒާ ދެމެދު ވަރަށް ބޮޑު ތަފާތެއް އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެކުރިން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް ރޫޅިގެން ދިޔައީ ޔާމީން ވަރަށް ހުދުމުހުތާރުކޮށް، ވަރަށް ގޯސްކޮށް ކަންތައްތަކެއް ކުރެއްވުމުން ކަމަށެވެ. ފަލާހް އެ އިޝާރާތް ކުރެއްވީ ޔާމީންގެ ވެރިކަމާ ދެކޮޅަށް ޕީޕީއެމްގެ ތެރެއިން އޭރުގައި ނުކުންނެވި ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރުންނަށެވެ.

ފަލާހް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ތަފާތަކީ ވަރަށް ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަން ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާގެ މަތިން ކުރައްވާތީއެވެ. އަދި ރައީސް ޑރ. މުއިއްޒު މަސައްކަތް ކުރައްވަނީ މެމްބަރުންނަށް މަސައްކަތް ކުރެއްވޭނެ ހުރިހާ މަގެއް ދައްކަވައިގެން ކަމަށް ވިދާޅުވިއެވެ.

ފަލާހް އިނގުރައިދޫ ދާައިރާއަށް ވަޑައިގަތުން

"މިއަދުގެ ސިޔާސީ ހަގީގަތަކީ އެހެން ފަހަރުތަކާ ހިލާފަށް ރައީސް އާ ޗެލެންޖު ކުރާކަށް އިތުރު ވެރިއަކު ޕީއެންސީގެ ތެރޭގައި ނެތް. ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ތިބީ ވަރަށް ހިތްހަމަޖެހިގެން. ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅަކީ ބައިބައިވާނެ ކަމަކަށް ޖާގަ ނުލިބޭ ގޮތަށް ކަންކަން ތަރުތީބު ކުރަން. އެހެންވީމަ އަޅުގަނޑަށް %100 ޔަގީންކަން އެބައޮތް މި ޓީމާ އެކުގައި 2028 އާ ހަމައަށް ދަތުރު ކުރެވޭނެ ކަމަށް،" ފަލާހް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު، ޕީއެންސީގެ މެމްބަރުންނާ ބޭއްވި ފުރަތަމަ ބައްދަލު ކުރެއްވުމުގައި ފާހަގަ ކުރެއްވި އެއް ކަމަކީ ހުރިހާ މެމްބަރުން ވެސް މަޖިލިހަށް ހާޒިރުވެވަޑައިގަތުމުގެ މުހިންމު ކަމުގެ ވާހަކައެވެ. ދެވަނަ ކަމަކަށް ފާހަގަ ކުރެއްވީ އަހުލާގީ ގޮތުން ހިފަހައްޓަން ޖެހޭ މިންގަނޑުތަކާއި އުސޫލުތަކުގައި ހިފަހައްޓައި ދިނުމަކީ ރައީސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ. ފަލާހް ވިދާޅުވީ ރައީސްގެ ބަސްފުޅާ އެއްގޮތަށް ހުރިހާ މެމްބަރުން ވެސް އަމަލު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މާޒީގައި ވެރިން ދެއްވާފައި ހުރި ނަސޭހަތަކީ ދިމާކޮށްފިއްޔާ ދިމާކުރާށޭ. އަހުލާގީ މިހާ ރިވެތި އުސޫލުތަކެއް، މިންގަނޑުތަކެއް ދަސްކޮށްދެއްވި ވެރިއަކު އަޅުގަނޑުމެންނަކަށް ނާދޭ. އަޅުގަނޑަށް ޔަގީން އިރާދަކުރެއްވިއްޔާ ކޮންޓްރޯލުން ނައްޓާލައިގެން ނުދާނެ." ފަލާހް ވިދާޅުވިއެވެ.

ފަލާހް ފާހަގަ ކުރެއްވި ގޮތުގައި މީގެކުރިން 2019 ވަނަ އަހަރު އެމްޑީޕީން "އެޖެންޑާ 19" ޝިއާރުގެ ދަށުން މަޖިލިހަށް ގޮސް ރައްޔިތުންނަށް ދިނީ "ވޭންދެނިވި އަނިޔާއެކެވެ". ފެނިގެން ދިޔައީ ހުދުމުހުތާރު ލާމަސީލް މިސާލެއް ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ. ނަމަވެސް 20 ވަނަ މަޖިލިހަކީ ހުރިހާ ގޮތުން ބެލިޔަސް، ރާއްޖެ އަށް އެންމެ ފައިދާ ކުރުވަނިވި މަޖިލިހަކަށް ވެގެންދާނެ ކަމަށާއި ރައްޔިތުން މާޔޫސް ނުވުމަށް ފަލާހް އެދިވަޑައިގެންނެވިއެވެ.

"އިރާދަކުރެއްވިއްޔާ، ރައްޔިތުން އަޅުގަނޑުމެންނަށް ކުރި އިތުބާރުގެ ހަގީގީ ނަތީޖާ ދައްކައި ދޭނަން،"

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    75 ވިޔަފާރި ވެރީންނެވެ.

    6
    3
  2. ހުސައިން803

    ސަރުކާރާއެކު މަސައްކަތްކުރާނެ މަޖިލީހެއް ލިބެން ދިއުމަކީ ޤައުމާއި ރައްޔިތުން ތަނަވެސްވެ ކުރިއަރިގެންދިއުމެވެ. ޒިންމާދާރު އަހުލާގެއްހުރި ބަޔަކަށް ވެގެންދިއުމެވެ.

  3. ނަނަނަ

    ފަލާހަކީ އޭރު އެންމެ ގަޔަށް ބާރު ގަމީސް ލީ މެމްބަރު..

  4. ެބެލުންތެރިޔާ.

    ޢިއްޒަތްތެރި މެމްބަރ އިބްރާހީމް ފަލާޙް ތިޔަ ހޯއްދަވާ ކާމިޔާބީ އަށް މަރްޙަބާ ދަންނަވަން!

  5. ހޮޅި

    ހޮޅި ވާހަކަ

    1
    1
  6. އާދަމް

    ރާއްޖޭގައި ރައީސަކު ހުރުމުގެ ބޭނުމެއް ނެތް ކަހަލަ. އޭނާއަށް ކަމެއް ކުރެވޭ ކަމަކަށް ނުވޭ މަޖިލީހުން ބިލު ހުށައަޅާ ފާސްކޮށްގެން ނޫނިއްޔަކާ.
    މީ ހަމަ ޚިޔާލެއް. އިނގިލި ދިމާކުރަނީއެއް ނޫން.
    މަޖިލިސް މެންބަރުންގެ މާ ބާރުގަދަ. ދައުލަތުގެ ބަޖެޓުން ބޮޑު ލާރި ނަގައިގެން، ބޭނުންވީމާ މަޖިލީހަށް ގޮއްސާ ޗުއްޓީ ނަގާފައި މިފަދަ ހާލެއްގައި ގިނަ މެންބަރުން އުޅޭތަން މި ފެންނަނީ.
    ހަމައެކަނި އެމީހުންގެ މުސާރައަށްވެސް ސަރުކާރުން މަހަކު ހައެއްކަ މިލިއިން ރުފިޔާ ހޭދަކުރޭ

  7. ޔާޝިޢު

    75 މެމްބަރުންގެ ލަޝްކަރަކާއެކުވެސް ޤައުމަށް ފައިދާއެއް ވާނީ އެމީހަކު ނުވަތަ އެބަޔަކު ކުރާ މަސައްކަތެއް ހެޔޮ ނިޔަތުގައި ޤައުމަށް ފައިދާ ހުރި ގޮތަށް މަސައްކަތް ކޮށްގެން.
    ފެހި ޤާނޫނު އަސާސީ ވުޖޫދުވިއިރު ރިސޯރޓް ހަދަންފަށާފައިވާ ރަށްރަށާއި އަދި ރިސޯރޓް ހެދުމަށް ފާހަނގަ ޖަހާފައިވާ ވަރަށް ރީތި ރަށްރަށް ރިސޯރޓް ނުހެދި ގދ.އަތޮޅުގައި އެބަހުރި. އޭގެފަހުން މިޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ 03 ދައުރު ނިމި މިހާރު 04ވަނަ ދައުރު ފެށިފައިވާ އިރު އަދިވެސް އެރަށްތައް ހުރީ ހުރި ގޮތަށް. މިއީ ނޫންތޯ ޤައުމުގެ ނުވަތަ ރައްޔިތުންގެ އިޤްތިޞާދީ ތަރައްޤީ އަށްޓަކާ ކުރަންވި ކަމަކީ. މިއަދާ ހަމައަށް މިކަމަށް އަޅާލާ ބައެއް ތިބި ކަމެއް ރައްޔިތުންނަށް އިޙުސާސް ނުކުރެވޭ.
    މިހާރު ހޮވިފައިވާ ސްޕަރމެޖޯރިޓީ ރައްޔިތުންގެ މަޖުލީހުން މިހެންހުރި ކަންކަމަށް ޙައްލު ހޯދައިދެއްވައިފިއްޔާ ވަރަށް ރަނގަޅެވެ.