މިހާރު މުޅި ސޯޝަލް މީޑިއާއަށް ބަލާލިޔަސް ފެންނަނީ "އެންމެންގެ ނަޒަރު ރަފަހްއަށް" މިހެން ޖަހާފައިވާ ފޮޓެއް ސްޓޯރީއަށާއި ފީޑްގައި ހިއްސާކުރަމުންދާ މަންޒަރެވެ. މުސްލިމަކަށް ވިޔަސް ޢައިރު މުސްލިމަކަށް ވިޔަސް މި ފޮޓޯ ދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެެވެ. ކޮންމެ މީހަކު ވެސް ހިތުގައި އުފެދޭ ސުވާލަކީ މި ފޮޓޯ އެންމެން އެ ހިއްސާ ކުރަނީ ކީއްވެހޭ؟ އެ ފޮޓޯ ހިއްސާކޮށްގެން ހާސިލް ކުރަން ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ އިންސްޓަރގްރާމަށް އެކަނި ބެލިޔަސް މި ފޮޓޯ 40 މިލިއަން ފަހަރު އެކި މީހުން ވަނީ ހިއްސާކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހު ޑަބްލިއުއެޗްއޯއިން ޣައްޒާއަށާއި ހިފާފައިވާ ހުޅަނގު އައްސޭރީއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޗަޑް "ރިކް" ޕީޕަރކޯން ވިދާޅުވީ "އެންމެންގެ ނަޒަރު ހުއްޓިފައިވަނީ" ރަފަހްގެ ހަމަލާއަށް ކަމަށެވެ. "ހުރިހާ ލޯތަކެއް ރަފަހްއަށް" ހިފައިގެން ދިޔައީ އޭނާގެ ވާހަކައިން ކަމަށް ޤަބޫލުކުރެވެއެވެ. އޭގެ ފަހުން މުޒާހަރާގެ ޕޯސްޓަރުތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕޯސްޓުތަކުގައި ވެސް މި ސްލޯގަން ފެންނަން ހުއްޓެވެ.

މި ފޮޓޯ ހިއްސާ ކުރުމުގައި އޮތީ އެންމެ މަޤްސަދެކެވެ. އެއީ ޢައްޒާގެ ރަފަހްގައި ހިނގަމުންދާ "ލާއިންސާނީ އަމަލުތައް" އެންމެންގެ ސަމާލުކަމަށް ގެނައުމެވެ. އެ ވާހަކަތައް ދެއްކުމެވެ. އެ މީހުން ވެސް ޢައްޒާއެކު ތިބިކަން ހާމަކުރުމެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހަށް ވަނީ ހަމަލާތައް ދީފައެވެ. އަދިވެސް އެ ހަމަލާތައް ހުއްޓައެއް ނުލައެވެ. ރަފަހަކީ ނިރުބަވެރިން ޣައްޒާއަށް ދެމުން އައި ހަމަލާތަކުގެ ސަބަބުން އެސަރަހައްދު ދޫކޮށް ދިޔަ ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުން އަންނަ ސަރަހައްދެކެވެ. އެތަނަކީ އެއީ ރައްކާތެރިވާނެ ކަމަށް ބުނުމުން ގިނަ ރައްޔިތުން އެތަނަށް ދިޔަނަމަވެސް މިހާރު އެތަނަކީ ވެސް ރައްކާތެރި ތަނެއް ނޫންކަން ވަނީ ޔަގީން ވެފައެވެ.

ރަފަހްއަށް ދިން ފުރަތަމަ ހަމަލާ އަކީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ނިރުބަވެރިން ދިން ހަމަލާއެކެވެ. ނިރުބަވެރިން މި ހަމަލާދީފައިވަނީ ޣައްޒާގެ ދެކުނުން އޮންނަ ރަފަހުގެ ހުޅަނގުގައި ގެދޮރުގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ތަލް އައްސުލްތާނުގައި ހުންނަ ބްރިކްސް ކޭމްޕަށެވެ.

ގާތްގަނޑަކަށް 8-10 ވަރަކަށް މިސައިލް އެ ސަރަހައްދަށް ވައްޓާލުމާއި އެކީ އާންމުން ނިދަން ތިބި ޓެންޓްތަކުގައި ރޯވެ، 46 މީހަކު ވަނީ ޝަހީވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ.

ދެވަނަ ހަމަލާއަކީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ދީފައިވާ ހަމަލާއެކެވެ. ބްރިކްސް ކޭމްޕަށް ދިން ހަމަލާއިން އަރައިނުގަނެވިގެން އުޅެނިކޮށް ނިރުބަވެރިން މި ހަމަލާދީފައިވަނީ ރަފަހްގެ ހުޅަނގުން އޮންނަ އަލް މަވާސީގައި ޓެންޓްތަައް ޖަހަައިގެން އުޅެމުންދާ މީހުންނަށް އަމާޒުކޮށެވެ.

މި ދެ ހަމަލާ ނިރުބަވެރިން ދީފައިވާއިރު، އެއް ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އެއީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަތަންޔާހޫ މިހެން ބުނެފައިވަނިކޮށް، މިހާރު ރަފަހުން ފެނިގެން ދަނީ މުޅިން ވެސް އެއާއި އިދިކޮޅު މަންޒަރެކެވެ. "އޮޅިގެން" ކުރެވުނު ކަމެއްގައި ރަފަހްގެ މަތީގައި ޑްރޯންތަކާއި އަސްކަރީ އުޅަނދުތައް ހަރަކާތްތެރިވާ މަންޒަރެވެ.

ރަފާހް ކައިރީގައި ބޮން ގޮއްވާލާފައި -ފޮޓޯ: އަލްޖަޒީރާ

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ރަފަހްގެ ރެފިއުޖީން ދިރިއުޅޭ ތެލް އަލް ސުލްތާން ކޭމްޕަށް ދިން އަނިޔާވެރި ހަމަލާގައި ބޭނުން ކޮށްފައިވަނީ އެމެރިކާ އިން އިސްރާއީލަށް ފޯރުކޮށްދިން ހަތިޔާރު ކަން ވެސް ވަނީ ހާމަވެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ދިން ހަމަލާގައި އެމެރިކާގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަން ހާމަވަނީ ޔަހޫދީން އެ ހަމަލާދިން ސަރަހައްދުގައި ހަރަކާތްތެރިވި ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ އަލަމުއްދީން ޞާދިޤް ނަގާފައިވާ ވީޑިއޯ އަކުން ކަމަށް "ސީއެންއެން" ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޔަހޫދީ އަސްކަރިއްޔާ އިން ބޭނުން ކޮށްފައި ވަނީ 39-ޖީބީޔޫ މަރުކާގެ ބޮމެކެވެ. އެމެރިކާ އިން މި ބޮންތައް އިސްރާއީލަށް ފޯރުކޮށްދީފައި ވަނީ 2023 ވަނަ އަހަރުގައި ކަމަށް އިސްރާއީލްގެ މީޑިއާތަކުން އެ ގައުމުގެ ޑިފެންސް މިނިސްޓްރީ އާއި ހަވާލާދީ ވަނީ ބުނެފައެވެ.

ނިރުބަވެރިން ރަފަހަށް ހަމަލާތަކެއް ދެމުން އަންނައިރު، ދުނިޔޭގެ ކޯޓުން ވަނީ ރަފަހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުގެ މައްޗަށް މިމަހުގެ 24 ވަނަ ދުވަހު އަމުރު ކޮށްފައެވެ. މި އަމުރާއި ހިލާފަށް ރަފަހަށް ހަމަލާތައް ދެމުން އަންނާތީ ގިނަ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އިސްރާއީލުން ރަފާހް ސަރަހައްދަށް ބޮން އަޅާފައި.

ރަފަހްގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހަށް ދެމުން އަންނަ ހަމަލާތަކުގައި ރަފަހުގެ އެންމެ ބޮޑު އަދި މައި ހޮސްޕިޓަލް ކަމުގައިވާ ކުވެއިތީ ހޮސްޕިޓަލުގެ ދެ މުވައްޒަފަކު ޝަހީދުކޮށްލުމާއި ގުޅިގެން އެ ހޮސްޕިޓަލް ވެސް ވަނީ ބަންދުކޮށްފައެވެ. ނިރުބަވެރި އިސްރާއީލުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން އެސަރަހައްދުގައި ހުންނަ އަލް-ޤުދުސް ފީލްޑް ހޮސްޕިޓަލް އެހެން ސަރަހައްދަކަށް ވެސް ވަނީ ބަދަލުކުރަން މަޖުބޫރުވެފައެވެ.

އެންމެންގެ ނަޒަރު ރަފަހްއަށް ޖަހާފައިވާ އޭއައި އިން އުފައްދާފައިވާ ފޮޓޯއިން ފެންނަނީ ޓެންޓްތަކުގެ ތަރުތީބު ސަފުތަކުގައި ބަހައްޓާފައި ހުރި ކޭމްޕެއްގެ އޭރިއަލް މަންޒަރެކެވެ. މެދުގައި ލުއި ކުލައިގެ ބައެއް ޓެންޓުތައް ތަރުތީބުކޮށްފައި ވަނީ "ހުރިހާ ލޯތަކެއް ރަފާހްއަށް" ލިޔެފައިވެއެވެ. ފަހަތުގައި ވަނީ ސާފު ނޫ ކުލައިގެ އުޑުން ފުރިފައިވާ ވިލާތަކެކެވެ. އެހެންނަމަވެސް މި ފޮޓޯއާ ރަފަހްގެ ހާލަތާއި މުޅިން ތަފާތެވެ. އެތަނުން ފެންނަނީ ލޭގެ ކޯރުތަކާއި ވިލާގަނޑުގައި ކަޅު ދުންތަކާއި ލޯބިވާ މީހުންގެ ހަށިގަނޑުގެ އެކި ބައިތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުތާބެއްޔާ

    ބަލަ ހުރިހާ މީހުން ބަލަބަލަ ތިއްބައެއް ނޫންތަ ގައްޒާ ފަހަރަކު ސަހަރެއް ސުންނާފަތި ކުރަމުން އެދަނީ. ވީކަމެއް ކޮބާތޯ. އިންސްޓަގުރާމާ ފޭސްބުކުގަ ތިޔެއް ޝެޔަރ ކިރީމަވެސް ފައިދާވަނީ އެ ދެ ޕްލެޓްފޯމްގެ ވެރި ޔަހޫދީ މީހާއަށް. މި އަނިޔާވެރިކަން ހަމަ އެކަނި ހުއްޓުވޭނީ އިޙްލާސްތެރިކަމާ އެކީ ޖިހާދު ކޮއްގެން. އެކަން ކުރަން ކެރޭނެ މީހުން އެބަތިބިބާ؟

    13